ފުލުހުންހެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

އެކްސްރޭތަކެއްގެ ފޮޓޯއާ އެކު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނެކާ މެދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ އަތަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

"އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެ މައްސަލަ މަޖިލީހާއި ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅާނަން." ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވި އެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުންނަށް ގުޅާލުމުން، ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ޓުވީޓާއި އެފަދަ ހަބަރެއް އުޅޭތީ، އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަސްޓޯޑިއަލްގައި ރޭ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ މިއީ ކޮން މައްސަލައެއްގައި ހައްޔަރު ކުރި ފަރާތެއްކަންވެސް މިހާތަނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާކޮށްފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު، މިދިޔަ އަހަރުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫ ޖަލުގައި ބަންދުކޮށްފައިހުރި، ތ. ތިމަރަފުށީ، އަސްރަފީވިލާ، އަހުސަން މުހައްމަދަށް ޖަލުގައި އަނިޔާކޮށްފައިވާ މައްސަަލައެއް އާއިލާއިން ފެންމަތިކޮށްފައިވަނިކޮށެވެ.

އަހުސަނާމެދު ފުލުހުން އަމަލުކޮށްފައިވަނީ ގާނުނާއި ގަވާއިދާ އެއްގޮތަށްތޯ އާއި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލުތަކުގެ ތެރެއިންތޯ ބެލުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައި ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ހިލާފަށްކަމަށްވާނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ބެލުމަށް އެޗްއާރްސީއެމުންވެސް ވަނީ ގޮވާލާފަ އެވެ.