ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ހޯދި ބޮޑު މޮޅާއެކު ޔުނައިޓެޑް ވިކްޓަރީން ހާލަތު ބަދަލު ކުރުމުގެ އުންމީދު އާކޮށްފިއެވެ.

މެޗު 5-1 އިން ޔޫވީ ކާމިޔާބު ކޮށްފައިވާއިރު، ފުރަތަމަ 11 މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު އެންމެފަހުން ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. މެޗުން މޮޅުވެ ޔޫވީ ވަނީ ހަތް ވަނައިގައި އޮތް ސަސްއާ ތިން ޕޮއިންޓަށް ކައިރިއަށް ޖެހިލައިފައެވެ. ތާވަލުގެ ފުލުގައި މިވަގުތު އޮތް ޔޫވީއަށް 13 މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ސަސް ހަތް ވަނައިގައި އޮތީ 13 މެޗުން 12 ޕޮއިންޓާ އެކުގައެވެ.

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ސަސް އަތުން މި ހޯދުނު މޮޅަކީ ކުޅުންތެރިންގެ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށާއި ލީގުގައި މި އޮތް ހިސާބުން ކުރިއަށް ޖެހިލައި ގަދަ ހައެއްގެ ރޭހުގެ ތެެރެއަށް ވަންނަން ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.

ރާއްޖޭގެ ފުޓުބޯޅައިގައި ލީޑާޝިޕް ރަނގަޅު، ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ) ފަދަ ކުޅުންތެރިންނާއެކު ސީޒަނަށް ނުކުތް ޔޫވީއަށް ފެށުން ވަރަށް ބޮޑަށް އުނދަގޫވި ނަމަވެސް، މިދިޔަ ދެމެޗުގައި އެ ކުޅުންތެރިންގެ ލީޑާޝިޕް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވުނެވެ. އެކަން ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) މެޗަށްފަހު ވަނީ ފާހަގަވެސް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ހަމަލާ ޔޫވީން އުފެއްދީ މެޗުގެ 20 ވަރަކަށް މިނެޓް ފަހުންނެވެ. އަރިމަތިން މޫސާ އަޒީމް ނަގައިދިން ހުރަހަކުން ކީރްލޯ ސިލިޗް (ކީރާ) ބޮލުން ޖެހި ބޯޅަ ސަސްގެ ކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދު ވަނީ މަތަކޮށްފައެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން މެޗުގެ 26 ވަަނަ މިނިޓްގައި ބަކާ ނަގައިދިން ހުރަހަކުން ކީރާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންއިރު ކީޕަރު މިރްޒޮހިދަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ސަސްއަށް ފުރުސަތެއް ނުދީ ޔުނައިޓެޑް ވިކްޓްރީން ލީޑުފުޅާކުރީ މެޗުގެ 29 ވަަނަ މިނިޓްގައި އަހުމަދު ރަޝީދު ޖެހި ގޯލުންނެވެ. ޔުނައިޓެޑް ވިކްޓްރީން ލީޑުފުޅާކުރިތާ ދެ މިނިޓް ތެރޭ ސަސްގެ އަހުމަދު ހަމީދު ގޯލެއް ޖެހި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީން ވަނީ އަލުން ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. މެޗުގެ 38 ވަނަ މިނިޓްގައި މުހައްމަދު ރީހާން އޭރިއާތެރެއިން ހުސްކޮށްލާފައި ދިން ބޯޅަ އީސަ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެެ.

ޔުނައިޓެޑް ވިކްޓްރީގެ ހަތަރު ވަަނަ ގޯލް ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި އަލީ ހައިޝަމް (ޗުމްޕު) އެވެ. އަރިމަތިން މޫސާ އަޒީމް ނަގައިދިން ހުރަހަކުން ޗުމްޕު ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ. އޭގެ ތިން މިނިޓް ފަހުން ޔުނައިޓެޑް ވިކްޓްރީން ވަނީ ފަސް ވަނަ ގޯލެއް ޖެހިއެވެ. އެއީ ލިބުނު ޕެނަލްޓީ އަކުން އީސަ ޖެހި ގޯލެކެވެ.

ލީގު މެޗެއް މިރޭވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ކްލަބު ވެލެންސިއާއާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ.