ދުނިޔެ

ޗައިނާއާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖަޕާނުގެ ރައްޔިތުން ބޭނުންވޭ: ދިރާސާ

ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ސެންކަކޫ އައިލެންޑު ކައިރިއަށް ޗައިނާ ކޯސްޓު ގާޑުން ވަދެ، އަތްގަދަ ކުރަން މަސައްކަތް ކުރާތީ، ޗައިނާއާ ދޭތެރޭ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖަޕާނުގެ ރައްޔިތުން ބޭނުންވާކަން ދިރާސާއަކުން ދައްކައިފިއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ކުރިއަށް ގެންދިޔަ އެ ދިރާސާއިން ދައްކާ ގޮތުގައި، ޗައިނާއާ ދޭތެރޭގައި ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ދިރާސާގައި ބައިވެރިވި 69.3 ޕަސެންޓް މީހުން ބޭނުންވެއެވެ. އަދި 50.3 ޕަސެންޓް މީހުން ދެކޭ ގޮތުގައި ޗައިނާއިން ޖަޕާނުގެ އިންސާނީ ހައްގުތަކަށާއި މިނިވަންކަމަށް އަދި ޑިމޮކްރަސީއަށް އިހުތިރާމް ކުރަންޖެހެއެވެ.

ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 28.7 ޕަސެންޓް ބުނާ ގޮތުގައި، އެމީހުންގެ އުންމީދަކީ ޗައިނާ އާއި ޖަޕާނުން އިގްތިސާދީ އަދި އެހެނިހެން ކަންކަމުގައި ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ސެންކަކޫ އައިލެންޑް ނުވަތަ ޗައިނާއިން ބުނާ ގޮތުން، ޑިއައުޔޫ އައިލެންޑްސް އަކީ ޖަޕާނުގެ އެންމެ ދެކުނުގައި އޮންނަ ފަޅު ރަށްތަކެކެވެ. ޝިޕިން ލޭނުތަކާއި ކައިރީގައި އޮންނަ އަދި މަސްވެރިކަން ތިޔާގި ސަރަހައްދެއްގައި އޮންނަ އެ ރަށްތަކަކީ 1895 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ރަށްތަކެކެވެ.

ނަމަވެސް އެ ރަށްތައް ކައިރީގައި ތެޔޮ ހުރިކަމުގެ ހެކިތަކާއެކު 1970 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާއިން ވަނީ އެރަށްތަކުގެ ބާރުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. އެ ފަހުން ޗައިނާއިން ދަނީ ދޭތެރެ ދޭތެރެއިން އެގައުމުގެ ކޯސްޓް ގާޑުގެ އުޅަނދުތައް އެރަށްތަކުގެ ކައިރީގައި ހަރަކާތްތެރިވާން ފޮނުވަމުންނެވެ.

އެގޮތުން ޗައިނާގެ ކޯސްޓްގާޑުގެ އުޅަނދުތައް މަހަކު ދެ ފަހަރު އަދި ހަފުތާއަކު ދެ ފަހަރު އެ ރަށްތައް ކައިރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޖަޕާނުން މިދިޔަ މަހު ވަނީ ބުނެފައެވެ.

މި މައްސަލައިގައި މިފަހަކުން ޖަޕާނާއި ޗައިނާއާ ދޭތެރޭގައި އޮތް ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އެއީ ބޭރުގެ ބޯޓުފަހަރާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ޗައިނާގެ ކޯސްޓް ގާޑަށް ދިނުމަށް އެގައުމުން އާ ގާނޫނެއް ފާސްކުރުމުންނެވެ.