ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ، ކުރީގެ ވަޒީރު އަދި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ އެވެ.

ހަވީރު ނޫހުގެ ބާނީ ޑރ. ޒާހިރު ހުސައިންގެ އަނބިކަނަބަލުންނަކީ ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. އެގޮތުން އަމީނިއްޔާ ސްކޫލުގައި އުނގަންނައި ދެއްވުމުގައި ވަރަށް ގިނަ އަހަރުތަކެއް އޭނާ ހޭދަ ކުރެއްވި އެވެ. ނާއިލާ އަކީ އިނގިރޭސި އާއި ހިސްޓްރީ ކިޔަވައި ދެއްްވެވި ވަރަށް މަޝްހޫރު ޓީޗަރަކެވެ.

ނާއިލާގެ ފަރާތުން އުނގެނިވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދެވެ.

މެޑަމް ފަޒުނާ ވަނީ އެންމެ ފަހުން ނާއިލާއާ އެކު ހޭދަ ކުރެއްވި ފޮޓޯތައް ފޭސްބުކުގައި ހިއްސާކުރައްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.

މަޝްހޫރު ރެސިޕީ ފޮތް "ޒީނާރު" ލިޔުއްވީ ނާއިލާ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށާއި ތައުލީމީ ދާއިރާއަށް 25 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި އެވެ.

ނާއިލާ އަވަހާރަވެފައިވަނީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދު ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި މިއަދުގެ އަސްރު ނަމާދަށްފަހު އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަށް ވަނީ ނިންމާފަ އެވެ.

ނާއިލާ އަވަހާރަވި އިރު ފިރިކަލުންނާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.