އިންޑިއާއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 200،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނީ އިއްޔެ އެގައުމުން 230،000 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ އެގައުމުން މިހާތަނަށް އެއް ދުވަސް ތެރޭގައި އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ. މީގެ ކުރިން އެގައުމުން އެއް ދުވަހެއްގައި އެންމެ ގިނަ ކޭސް ފެނިފައިވަނީ މިމަހުގެ ކުރީކޮޅެވެ. އެފަހަރު 100،000 އަށްވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 14.3 މިލިއަނަށް އަރައިފައެވެ. އަދި އިއްޔެ އެގައުމުން މި ބަލީގައި 1،185 މީހަކު މަރުވެފައިވާ އިރު، އެއީ ހަތް މަސް ދުވަސްތެރޭ އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. ކޮވިޑު ޖެހިގެން އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 174،308 އަށް އަރައިފައެވެ.
ފާއިތުވެދިޔަ ދިހަ ދުވަހުގެ ތެރޭގައި އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދެ ގުނައަށް އިތުރުވެފައެވެ. އިންޑިއާ އިން ވެކްސިންގެ އަދަދު މަދުވެ، ހޮސްޕިޓަލުތަކަށް ވެސް ވަނީ ބާރުބޮޑުވެފައެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ ނޫސްތަކުން މިއަދު ބުނީ އެގައުމުގައި ކޮވިޑުގެ ހާލަތު އެންމެ ގޯސް މަހާރަޝްތާ އާއި ދިއްލީ ހިމެނޭގޮތަށް އެކި ސިޓީތަކަށް އިތުރަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އިންޑިއާ އަކީ ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ގައުމެވެ. ޖުމުލަ 32.3 މިލިއަން ކޭސްއާއެކު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާ އިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ބްރެޒިލުން 13.8 މިލިއަން ކޭސް ފެނިފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ