އިންޓަނެޓަށް އައި ހެޔޮ ބަދަލުތަކުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވި އިރު، އިންޓަނެޓް އަގުހެޔޮކުރަން ސަރުކާރުންވީ ވައުދު މިހާރު ފުއްދާފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ރޭ ވަނީ ވިދާޅުވެފައެވެ.
އަލީ ސޯލިހު ވިދާޅުވީ، މިހާރު 5.30 ރުފިޔާއަށް އެއް ޖީބީއެއް ޑޭޓާ ލިބޭ ކަމަށާއި ކުރިން އެއް ޖީބީ ޑޭޓާ ލިބެނީ 33 ރުފިޔާއަށް ކަމަށެވެ.
އަލީ ސޯލިހުގެ އެ ވާހަކަތަކައް އިޝާރާތްކުރައްވައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އިންޓަނެޓުގެ އަގަށް ކުޑަ ނަމަވެސް ހެޔޮ ބަދަލެއް އައިސްފައިވަނީ ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށެވެ. އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ފެއާ ޔޫސް ޕެކޭޖަށް ބަދަލުތަކެއް ގެނެސްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ބަދަލުތައް ގެނައުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް ފެނިގެންދާނެ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
އިންޓަނެޓުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އިންޓަނެޓުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެއެވެ.