އިންޓަނެޓް އަގުހެޔޮކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދިފައިވާ ކަމަށާއި އިންޓަނެޓް އަގުހެޔޮ ކުރެވިފައިވާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީން ބުނެފިއެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު މިއަދާ ހަމައަށް އައި އިރުވެސް ފުއްދިފައެއް ނުވެއެވެ. އެކަމާ ގުޅިގެން ސަރުކާރަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ރޭ ވިދާޅުވީ އިންޓަނެޓުގެ އަގަށް މިހާރު ހެޔޮ ބަދަލެއް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު އިންޓަނެޓުގެ އަގުތައް ހުރީ ރައްޔިތުންގެ އަތްފޯރާފަށުގައި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އިންޓަނެޓުގެ އަގުވެސް ރައްޔިތުންގެ އަތްފޯރާފަށަށް މިއަދު ވަނީ ތިރިކުރެވިފައޭ. އަޅުގަނޑު މިހެން ދަންނަވާލަން ޖެހޭ ބައިވަރު ސަބަބުތައް އެބަހުރި،" އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު ވިދާޅުވީ ރާއްޖޭގައި އިންޓަނެޓުގެ އަގުތައް ހުރީ އެހެން ގައުމުތަކާ ބަލާއިރު ހެޔޮކޮށް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ފަސް ރުފިޔާއަށް ޖީބީއެއް ލިބެން އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ރޯދަ މަސް ފެށުމާ ހަމައަށް ޖީބީއެއް ލިބެނީ 33 ރުފިޔާއަށް ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ފަސް ރުފިޔާ ބަޔަށް ޖީބީއެއް އެބަ ލިބޭ. އަޅުގަނޑުމެން މަސައްކަތް ފެށިއިރުގައި އަދި މި ރަމަޟާންމަސް ފެށުމުގެ ކުރިންވެސް 33 ރުފިޔާއަށް ޖީބީއެއް، ފަސް ރުފިޔާ ބަޔަށް ލިބޭ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑު މިދައްކަނީ 1000 ރުފިޔާއަށް ވިއްކާ ޕެކޭޖެއްގައި އިންނަނީ 30 ޖީބީ ޑާޓާ ކަމަށްވާނަމަ، މިއަދު އަޅުގަނޑުމެންނަށް އެބަ ލިބޭ އެއްކަލަ 1000 ރުފިޔާއަށް 180 ޖީބީ، އަޅުގަނޑުމެން އަޅާކިޔާލަންޖެހޭ ގައުމުތަކާ އަޅާ ކިޔާލައިފިނަމަ، އަޅުގަނޑުމެންނަށް ބޮޑުތަނުން މިއޮތީ ކުރިއެރުން ހޯދިފައި،" އަލީ ސޯލިހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހު އިންޓަނެޓް އަގުހެޔޮ ކުރުމަށް ވެފައިވާ ވައުދު ފުއްދައިދެވިއްޖެ ކަމަށާއި މިއަދު އިންޓަނެޓުގެ އަގުތައް ތިރި ކުރެވިފައިވާ ކަމަށެވެ.
"އަޅުގަނޑު މިތާ އިނދެ ދަންނަވާލަން ކެރޭ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވައުދު އަޅުގަނޑުމެންނަށް ފުއްދައި ދެވިއްޖެއޭ. އިންޓަނެޓްގެ އަގު ތިރި ކުރެވިއްޖެ،" އަލީ ސޯލިހު ވިދާޅުވިއެވެ.
އަލީ ސޯލިހު މިހެން ވިދާޅުވެފައިވާ އިރު، މިދިޔަ ފެބްރުއަރީ މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ދުރު ރާސްތާ ވިސްނުމުގެ ތެރެއިން އިންޓަނެޓްގެ އަގުހެޔޮ ކުރެވޭނެ ކަަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެކަން ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު