ތ. މަޑިފުށިން މީހަކު ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ތ. ވޭމަންޑުއަށް ދަތުރުކޮށްފައިވާ މީހަކު މަޑިފުށިން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ބުންޏެވެ.

މަޑިފުށީގެ އިތުރުން އެ އަތޮޅު ފަސް ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީީ ވޭމަންޑޫ، ވިލުފުށި، ކިނބިދޫ، އޮމަދޫ އަދި ގާދިއްފުއްޓެވެ. މިއީ ވޭމަންޑޫ ކްލަސްޓާއާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށެވެ.

ވޭމަންޑޫން މާލެ ގެނައި ދެ މީހުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުއެވެ. އެ ދެމީހުންނަކީ ވެސް ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ބަލިވެގެން ދެއްކި ދެ މީހުންނެވެ. އޭގެ ތެރެއިން އެކަކު މާލެ ފޮނުވާލާފައިވަނީ ހޮސްޕިޓަލުންނެވެ. އެއީ 65 އަހަރުން މަތީގެ އަންހެނެކެވެ. ދެވަނަ މީހާއަށް އާސަންދަ ހަމަނުޖެހުމުން އޭނާ މާލެ އައިސްފައިވަނީ އަމިއްލައަށެވެ. އެއީ 22 އަހަރުގެ ފިރިހެނެކެވެ.

ވޭމަންޑޫން މިހާތަނަށް ވަނީ 43 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ކިނބިދޫން 12 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް މި ކްލަސްޓާއާ ގުޅުން ހުރި 60 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.