ވާހަކަ

ކުރުވާހަކަ: ކެހިވެރިޔާ - 01

ޝިފާގެ ހިތާމަތައް ކޮޅުންލައިފިއެވެ. ވިސްނުމުގެ ބާރު މުޅިން ނެތިގެން ހިނގައްޖެ އެވެ. ހުރިހާ އުންމީދެއް މުޅީން ފުނޑުފުނޑުވެއްޖެއެވެ. މިހާރަކު ދެން އިތުރަށް ވިސްނާނެ ޖާގައެއް ނެތެވެ. ފުރުސަތު ގެއްލިއްޖެއެވެ. ވަގުތު މާބޮޑަށްވެސް ފާއިތުވެއްޖެއެވެ.

އެކަމަކު މިކަމުގައި އޭނާގެ ކުށަކީވެސް ފަހެ ކޮބައިހެއްޔެވެ؟ ދުނިޔޭގައި އެކި އިންސާނުންނަށް ކަންތައްތައް ދިމާވާނީ އެކިގޮތަށެވެ. އެއްބަޔަކު އުފަލުން ހެމުން އުފާކުރަމުން ގެންދެއެވެ. އަނެއްބަޔަކު އަބަދުވެސް ތިބެންޖެހިފައި އޮންނަނީ ރޮއިލަރޮއިލައެވެ. ކޮންމެވެސް ހިތާމަތަކެއްގެ ތެރޭގައެވެ. އެއީ ދުނިޔެ ހިނގަމުން އަންނަ އުސޫލެވެ.

ޝިފާގެ ހިތުގައި އެތައް އެތައް ސުވާލުމާކުތަކެއް ޖެހިފައިވެއެވެ. އެކަން އޭނާގެ ނިއްކުރިމައްޗަށް އަރައި ފައިބަމުންދާ ރޫތަކުން އެނގެއެވެ. އޭނާގެ ހިތްވަނީ ޒަހަމްވެފައެވެ. މިކަމުގެ ހެއްކަކަށް އެމައުސޫމު ދެލޮލުން ފައިބަމުންދާ ކަރުނަތައް އެކަނިވެސް ފުދެއެވެ. އެކަރުނަތަކަށް ހިތުން އެއްވެސް ޖާގައެއް ދެވިފައި ނުވާ ކަހަލައެވެ. ނޫނީ އެއީ ހިތާ ދެކޮޅަށް އޭނާއަށް ކުރަންޖެހިފައިވާ ހަނގުރާމައެކެވެ. އެހަނގުރާމައިގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީއެވެ.

އެހެން އިންނައިރު، ޝިފާއަށް ފެންނަމުން އެދާ މަންޒަރަކީ އެއް އިރެއްގައި އެހިތުގެ ހަމަޖެހުމެވެ. އަބަދު އެދިމާއަށް ބަލަން އޭނާ އިނދެއެވެ. ކެތްމަދުވެފައެވެ. ހިނިތުންވެ ހުރެއެވެ. އެއީ އޭނާގެ ލޯބިވާ ނިޒާމުގެ ގެއެވެ. އެ ކުޑަދޮރަކީ ނިޒާމުގެ ކޮޓަރީގެ ކުޑަދޮރެވެ. އެހާ ގިނައިން އެދިމާއަށް ޝިފާއަށް ބެލެނީ އެހެންވެގެނެވެ.

ނިޒާމު ދެކެ ޝިފާ އިންތިހާއަށް ލޯބިވެއެެވެ. ކުރިއަކުންނޫނެވެ. މިހާރުވެސްމެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ނިޒާމަކީ ޝިފާގެ ފުރަތަމަ ލޯބިވެރިޔާއެވެ. ޝިފާގެ ހިތްއެދޭ ހުރިހާ ސިފަތަކެއް ނިޒާމަށް ގުދުރަތުންވަނީ ހަދިޔާކޮށްފައެވެ. އިސްކޮޅާ ރޫފައެޅިގެންވެއެވެ. ހެދި ހުރި ފިރިހެންވަންތަ ހަށިގަނޑެކެވެ. އެ ހަށިގަނޑުގެ އެންމެ ތިރީން ފެށިގެން އެންމެ މައްޗާއި ހަމަޔަށް ބަލައިލި، ހިއްސު ސަލާމަތުން ހުރި ކޮންމެ އަންހެން ކުއްޖަކުވެސް އެ ރީތިކަމުގެ ތެރެޔަށް ޖަޒްބު ވެގެން ދާހައި ވެއެވެ. ވާހަކަދެއްކުމުގައިވާ ހިތްގައިމު ކަމާއި އަޑުގައިވާ ފިރިހެންވަންތަ ކަމަކީ ޝިފާގެ ބަލިފައެވެ. އެ ހިތްގައިމު އަޑު ޖެހޭ ކޮންމެ ފަހަރަކު ޝިފާއަށް ދެލޯ މަރައިލެވެނީ ބޭއިހުތިޔާރުގައެވެ. އަބަދުވެސް ނިޒާމުގެ އެލޯބި ލޯބި ޖުމުލަތައް އިވުމަށް އޭނާއަށް އެދެވެއެވެ.

އަމިއްލަ ހުރިހާ ކަމެއްގެ އިހުތިޔާރު ނިޒާމުގެ އަތްމައްޗަށް ޝިފާއަށް ދޫކޮށްލެވުނީ އިތުބާރުކުރެވޭތީއެވެ. ހިތުގައިވާ ނިޒާމުގެ ލޯބީގެ ބާރުގައެވެ. ނިޒާމަކީ އޭނާގެ ހަޔާތުގެ އެއްބައިކަމުގައި ދެކެވޭތީއެވެ. ލޯބީގައި ދެގޮތެއް ނުވާނެކަމުގެ ޔަގީންކަން އޮތީތީއެވެ. ހިތުގައި އެނަން ފިޔަވައި އެހެން އެއްވެސް ނަމަކަށް ޖާގައެއް ދެވިފައި ނުވާތީއެވެ.

ޝިފާއަށް ކުރަންޖެހިފައިވާ ހިތާމަތަކުގެ އަސްލަކީ ނިޒާމަށް ކުރެވުނު އިތުބާރުކަމަށް އޭނާ ގަބޫލުކުރެއެވެ. "އިތުބާރު" މިލަފްޒުގެ އަޑު ޝިފާގެ ކުރިމަތީގައި މިއަދުވަނީ ވެއްޓިފައެވެ. ދިރިހުރުމުގެ އުންމީދުވަނީ ގެއްލިފައެވެ. މިހުރިހާ ކަމެއްވެސް ވީ އަމިއްލައަށް ވިސްނައި ނުލެވުމުގެ ސަބަބުންނެވެ. ލޯބި އެއީ ކަނު އެއްޗަކަށްވީތީއެވެ.

***************

"ދަރިފުޅާ! ކާން ހިނގާ! މެންދުރުވެސް ނުކައެއްނު ތިހިރީ. ތިހެން އުޅެނިކޮށް މާބޮޑަށް ބަލިވެދާނެ..." ޝިފާގެ ބައްޕަ މަންސޫރުގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޝިފާއަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިއަދާ ހަމައަށް އައިއިރު ޝިފާގެ ކޮންމެ އެދުމެއް އޭނާ އައީ ފުއްދައިދެމުންނެވެ. ޝިފާގެ ކޮންމެ އުފަލަކަށް މަރުހަބާކީ ހިތްހަމަޖެހުމާއެކު ބައްޕައެއްގެ ލޮބުވެތި ފިރުމުންތަކުންނެވެ. އެދަރިފުޅު ދެރަވާ ފަދަ ކަމެއް ދުވަހަކުވެސް އޭނާ ނުކުރެއެވެ. އަމުދުން ޝިފާ ދެރަ ވެފައި ހުންނަ މަންޒަރު ދުށުމަކީ އޭނާގެ ދެލޮލަށް ކުޅަދާނަ ކަމެއް ނޫނެވެ.

ބައްޕަގެ އަޑާއެކު ޝިފާ އިށީނދެގެން އިން ގޮނޑިން ތެދުވިއެވެ. އަބަދުވެސް ބައްޕައަށް ގަދަރުކުރުމަކީ އޭނާގެ އާދައެކެވެ. ބައްޕަގެ ކުރިމަތީގައި އިސްވެ ވާހަކަދައްކައި ހެދުމަށް އޭނާ ލަދުގަނެއެވެ. ބައްޕަގެ ކޮންމެ އަމުރަކަށް ކިޔަމަންތެރިކަން އަދާކުރުމަކީ ޝިފާގެ އެންމެބޮޑު އުފަލެވެ. އެއީ އޭނާއަށް ދެރަގޮތެއް ވުމަށް އޭނާގެ ބައްޕަ ނޭދޭނެކަން އެނގޭތީއެވެ.

ކާމޭޒު ދޮށުގައި އިށީނދެގެން އިން އިރު މޭޒުމަތީގައިވާ އެއްވެސް އެއްޗެއް ޝިފާއަށް ނުފެންނަ ކަހަލައެވެ. ނޫން ނަމަ އޭނާގެ ދެލޯ އެ އެއްޗެތި ދުށުމަށް ނުކުޅެދުންތެރިވެފައި ވަނީއެވެ. ނޫންނަމަ އެހެން މަންޒަރެއް ދުށުމަށް އެދި އެދެލޯ އެދި ގޮވަމުން ދަނީއެވެ. ހިތުގެ އެދުމުގެ ކުރިމަތީގައި އެހެން ހިއްސުތަކެކޭ އެއްފަދައިން ދެލޮލަށްވެސް އިސްޖަހައިލަން މަޖުބޫރުވެފައި ވަނީއެވެ. މޭޒުމަތީގައި ތަފާތު ވައްތަރުތަކުން ކާތަކެތި އަތުރާލައިފައިވެއެވެ. ތެދަށް ބުނާނަމަ ހުސްޖާގައެއްވެސް ނެތެވެ. އެއީ ހައްތާވެސް ޝިފާގެ ފޭވަރިޓް ކާތަކެއްޗެވެ.

އެކަމަކު ޝިފާގެ ދެލޮލަށް ފެންނަނީ އެހެން މަންޒަރުތަކެކެވެ. އޭނާގެ ހިތަށް ސިފަވަނީ ނިޒާމުގެ ސޫރައެވެ. ވިސްނެނީ ނިޒާމުގެ ހާލާމެދުގައެވެ. ޝިފާގެ ހިތުގައި އުފެދެނީ އެތައް ސުވާލުތަކެވެ. "ނިޒާމު އެގޮތަށް އަމަލު ކުރީ ކީއްވެހެއްޔެވެ؟ އެހާ ދަށުދަރަޖައަކަށް ވެއްޓިގަތުމަށް ނިޒާމަށް މަޖުބޫރު ވާންވީ ކީއްވެހެއްޔެވެ؟ ލޯބީގެ ނަމުގައި ދަޅަތަކެއް ދެއްކީ ކީއްވެހެއްޔެވެ؟ އަދި ދުވާލުގެ ހުވަފެންތަކުން ރޭގަނޑުގެ ނިދި މަހުރޫމުކުރުވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކުށަކީ ފަހެ ކޮބައިހެއްޔެވެ؟ އަހަރެންގެ ފުށުން އޭނާއަށް ޓަކައި އުނިވީ ވެސް ކޮން ކަމެއް ހެއްޔެވެ؟" މިފަދަ އެތައް ސުވާލުތަކެއް ޝިފާގެ ހިތުގައި އުފެދެއެވެ.

"ޝިފާ! ކޮންމެވެސް ވަރަކަށް ކެވޭތޯ ބަލާ ދަރިފުޅާ! ތިހާ ވަރަށް ނުވިސްނާ!.. މިހާރު ދަރިފުޅަށްވެސް ރަނގަޅު ވާނީ ނިޒާމުގެ ހިޔާލުތަކާ ދުރަށް ދެވޭތޯ ބެލިއްޔާ. އެއީ ދަރިފުޅު ފަދަ މާތް ކުއްޖަކާ އެކަށީގެންވާ މީހެއް ނޫން. އެއަށްވުރެ މާއަގު ދަށް މީހެއް. ބައްޕަވެސް އޭނާއާ ދޭތެރޭ ކަންތައްތައް ކުރަމުން އައީ ކިހާ ރަނގަޅަކަށް. އެކަމަކު އެންމެ ފަހުން އޭނާ އެކުރީ މައާފު ކުރެވޭ ވަރަށް ވުރެ މާ ހުތުރު ކަމެއް. އެކަމުގެ ސަބަބުން ދަރިފުޅަށްވެސް ހުތުރު ނަން ލިބިގެންދާނެ. ބައްޕަ އެންމެ ބޮޑަށް ދެރަވަނީ އެކަމާ..." މިވާހަކަތައް ދައްކަމުން ދިޔައިރު މަންސޫރަށް ވެސް ހުރެވުނީ ފެންކަޅިވެފައެވެ. އެހެން ނުވާންނީ ސަބަބެއް ނެތެވެ. އޭނާގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅުގެ ހަޔާތް މިއަދު އެވަނީ މުޅިން އަނދިރި ވެފައެވެ. އެކަމުގައި އޭނާއަށް ވެވޭނެ އެހީއެއްވެސް ނެތެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

އޭނާގެ ދަރިފުޅު ދުވަހަކު މީހަކާ ނީނދެ ހުންނަން ޖެހުނަސް ނިޒާމް ކަހަލަ މީހެއްގެ އަތް މައްޗަށް އެދަރިފުޅު ދޫކޮށްލުމަކީ ހިތަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ އަތުން އަމިއްލަ ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށްލުންވެސް އެއަށްވުރެ މާރަނގަޅު ވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ. ނިޒާމަކީ މިއަދު މަންސޫރުގެ ކުރިމަތިގައި އެހާވެސް ދަށު ދަރަޖައިގެ މީހެކެވެ. އެއީ ދުވަހަކުވެސް މައާފު ލިބުން ހައްގު މީހެއް ނޫނެވެ. މިއީ މަންސޫރު ދެކޭ ގޮތެވެެ. އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

(ނުނިމޭ)