މާޒިޔާގެ ކޯޗުކަމުން އިސްތިއުފާ ދިނުމަކީ ޕްރޮފެޝަނަލް ނިންމުމެއް ކަމަށާއި އެކަމާ ގުޅިގެން އެއްވެސް ޒާތީ ކަމެއް އޮންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

މިދިޔަ އަހަރުގެ މާޒިޔާއިން ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ އޭއެފްސީ ކަޕާއި މިފަހަރުގެ ސީޒަނަށް އަމާޒުކޮށެވެ. މިދިޔަ އަހަރު އޭއެފްސީން މުޅި މުބާރާތް ކެންސަލްކުރަން ނިންމުމުން ނިޒާމްބެއަށް މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަނުކުރެވުނެވެ. މި އަހަރުގެ ލޯކަލް ސީޒަނާ ނިޒާމްބެ މާޒިޔާ ގޮވައިގެން ފުރަތަމަ ކުރިމަތިލީ އެފްއޭ ޗެރިޓީ ޝީލްޑު މެޗަށެވެ. އެ މެޗުގައި އީގަލްސް އަތުން 3-2 އިން ބަލިވެފައިވީ ނަމަވެސް ރަނގަޅަށް ލީގު ފެށިއެވެ.

ލީގުގެ ދެތިން މެޗަށްފަހު މާޒިޔާއާއެކު ވާހަކަދައްކައި ނިޒާމްބެއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާ އިރު، ނިޒާމްބެ ދިޔައީ އެނބުރި ޓީސީއަށެވެ.

"ކެރިއަރުގައި މިހިސާބަށް 20 އަހަރުވެގެން އައިއިރު އެއްވެސް ޓީމެއްގައި އެ ގެންގުޅޭ ރެސިޕީ، ކުޅުންތެރިން ގޮވައިގެން އަނެއް ޓީމަކަށް ދާ ކޯޗެއް ނޫން މިއީކީ. އެއްވެސް ކްލަބެއްގެ އެއްވެސް ކުޅުންތެެރިޔަކާ ޒާތީ ކަމެއް ގެންގުޅޭ މީހެއް ނޫން މިކީ. އެއިރެއްގައި ނިންމަން ޖެހޭ ޕްރޮފެޝަނަލް ނިންމުމެއް ނިންމާނެ. އޭގެ ފަހުން އެ ކްލަބަކާއި ކުޅުންތެރިން ނޫނީ މެނޭޖުމަންޓަކާ ޒާތީ ކަމެއް ނުވެސް ބާއްވަން. ހަމައެކަނި އޮތް ވިސްނުމަކީ މިހާތަނަށް ލީގުގައި ބަލިނުކުރެވި އޮތް ޓީމެއްވީމަ މާޒިޔާ ބަލިކުރަން މި ވިސްނަނީ. މިހެން ދައްކާއިރުވެސް ވަރަށް ބޮޑު ވާހަކައެއް މި ދެކެވެނީވެސް. އެޓީމު ބަލިކުރުން އެއީ މި ލީގުގައި ލިބޭނެ އެންމެ ބޮޑު މޮޅު. އެއީ ޓާގެޓަކީ،" މިރޭގެ މެޗާ ގުޅޭގޮތުން ނިޒާމްބެ ބުނެފައިވެއެވެ.

މާޒިޔާގެ މައްޗަށް ކުރިންވެސް ކާމިޔާބު ހޯދައި، ޓީސީއާއެކު ލީގުވެސް ނަގާފައިވާ ނިޒާމްބެ ބުނީ މިރޭގެ މެޗަކީ ޓީސީއަށް ވަރަށް ބޮޑު މެޗެއް ކަމަށާއި ލީގުގައި ކުޅޭ ހުރިހާ ޓީމަކުންވެސް މާޒިޔާއާ ދެކޮޅަށް ކުޅޭއިރު، ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ.

ސީޒަންގެ ކުރީކޮޅުގައި މާޒިޔާއަށް ކޯޗުކަން ކޮށްދީފައި އޮތުމަކީ އެއްވެސް ފައިދާއެއް ކޮށްފާނެ ކަމެއްތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ އެއީ މާ ބޮޑު އެޑްވާންޓޭޖެއް ނޫން ކަމަށެވެ. ހަމައެކަނި އެޑްވާންޓޭޖަކަށް ވެގެން ވާން އޮތީ އެންމެ ކަމެއް ކަމަށާއި އެއީ އެހެން ޓީމުތަކާ އަޅާބަލާއިރު މާޒިޔާއަށް ކުޅޭ ކުޅުންތެރިން ކުޅޭނެ ގޮތަކީ ނުވަތަ ކޮށްފާނެ ކަމަކީ ފަސޭހައިން އެނގޭނެ އެއްޗެއް ކަމަށެވެ.

"އެޑްވާންޓޭޖަކަށް ވެގެން ވާނެ އިނީ އެންމެ ކަމެއް. އެއީ އެހެން ޓީމުތަކާ އަޅާބަލާއިރު މާޒިޔާއަށް ކުޅޭ ކުޅުންތެރިން ކުޅޭނެ ގޮތަކީ ނުވަތަ ކޮށްފާނެ ކަމަކީ ފަސޭހައިން އެނގޭނެ އެއްޗެއް. އެ ކުޅުންތެރިންނަކީ އެ ކުޅުންތެރިންގެ ސްޓައިލެއް ގާއިމުކޮށްފައި ތިބި ކުޅުންތެރިންނަށް ވީމަ ކުޅޭނީ ކިހިނެއް ކަމެއް، ކޮށްފާނެ ކަމެއް ބުނެވިދާނެ،" ނިޒާމްބެ ބުންޏެވެ.

"ދެން ޑިސެޑްވާންޓޭޖަކީ އެ ކުޅުންތެރިންނަކީ އެކުރާ ކަމެއް ކޮންމެ ވަގުތެއްގައި ވެސް ބަދަލުކޮށްލެވޭނެ ކުޅުންތެރިންނަށް ވީމަ އެއަށް ސަމާލުވާން ކުޅުންތެރިން ލާން ޖެހޭ އެފާޓް (މަސައްކަތް) މުހިއްމީ. ކޮންމެ ގޮތެއް ވިޔަސް ކޯޗެއް އައީމަ އެ ކޯޗެއްގެ ޕްލޭނާއި ފިލޯސަފީ އާއި ހުރިހާ އެއްޗެއް އޭނާގެ ވައްޓަފާޅިއަށް ބަދަލުވާނެ. މޮޅެތި އަދި ސީނިއާ ޕްލޭޔަރުންތަކެއް ތިބިއްޔާ އޭތި މޯލްޑް (ހޭނެން) ކުރުމުގެ ފަސޭހަ ކަމެއް ލިބިގެންދާނެ،" ނިޒާމްބެ ފާހަގަކުރިއެވެ.

ނިޒާމްބެ ބުނީ މާޒިޔާ ބަލިކުރުމަކީ ނުވާނެ ކަމެއް ކަމަށް ނުބުނާނެ ކަމަށާއި އެއް ރޫހެއްގައި އެކަމަށް މަސައްކަތްކޮށް މާޒިޔާ ބަލިކުރެވިދާނެ ކަމަށެވެ.

"ކުޅުންތެރިންގެ ހިތްވަރާއެކު، އެއް ރޫހެއްގައި އެކީގައި މަސައްކަތް ކޮށްފިއްޔާ މާޒިޔާ ބަލިކުރުން އެއީ ނުވާނެ ކަމެއް ނޫން. ޒުވާން ހުނަރުވެރި ކުޅުންތެރިން އެބަތިބި. އެކުޅުންތެރިން އެދަނީ އެކަން ސާބިތުވެސް ކޮށްދެމުން. އެހެންވީމާ އެެއް ރޫހެއްގައި އެކަމަށް މަސައްކަތް ކޮށްފިއްޔާ ނުވާނެ ކަމެއް ނޫން ކަމަށް ބުނެވޭނީ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާއިން ޓީސީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މިރޭ 10:00 ގައެވެ.