ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުޅޭ ކޮންމެ މެޗަކަށްވެސް މޮޅުވުމަށް ބޮޑު ޕްރެޝަރެެއް އޮންނަ ކަމަށާއި އެ ޕްރެޝަރަކީ ފުޓުބޯޅަ ޝައުގުވެރިވާނެ ކަމެއް ކަމަށް ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް މިރޭ މާޒިޔާއިން ނުކުންނަ އިރު، އެޓީމު މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. އެހެންނަމަވެސް މާޒިޔާއަކީ ވަރުގަދަ ޓީމެއް ކަމަށް ދެކި، އިދިކޮޅު ޓީމުތަކުން ހާއްސަ ރޫހެއްގައި ނުކުންނަކަން ކޯޗު ފާހަގަކޮށްފައިވާ އިރު، އެޓީމަށް ޓީމުތައް ކޮޅަށް ގޯލު ޖެހުން މިހާރު ވަނީ އުނދަގޫ ވެފައެވެ. ހާއްސަކޮށް ޓީމުތަކުން މާޒިޔާއާ ދެކޮޅަށް ވަރުގަދައަށް ޑިފެންސް ކުރާކަން ކޯޗު ރިސްޓޯ ވަނީ ފާހަގަކޮށްފައެވެ.

"މެޗުތަކުން މޮޅުވާން އަހަރެމެންނަށް އިތުރު ޕްރެޝަރެއް އޮވޭ. ކަރުދާހުގައި އަހަރެމެންނަކީ ފޭވަރިޓުން. އެހެންވުމަކީ ވެސް އަސްލު އުނދަގުލެއް. އެކަމަކު ގަބޫލުކުރަން ޖެހޭ ކަމަކީ ޕްރެޝަރެއް ނެތި ފުޓްބޯޅަ ޝައުގުވެރިއެއް ނުވާނެ. އެހެންވީމަ އެ ޕްރެޝަރަށް މިވަގުތު މާޒިޔާ އިތުރަށް ކުރަން ޖެހޭ ކަމެއް ނެތް. މި ކުޅުންތެރިން ތިބީ އެ ޕްރެޝަރުގައި ކުޅެން ހޭނިފައި. ކޮންމެ މެޗަކުން މޮޅުވާން ކުޅުންތެރިން ވެސް ބޭނުން،" ފިލިޕީންސް ލީގު ކާމިޔާބު ކޮށްފައިވާ ރިސްޓޯ ބުންޏެވެ.

ކޯޗު ރިސްޓޯ ބުނެފައިވަނީ އިދިކޮޅު ޓީމުން ބޭނުން ގޮތަކަށް މެޗާ ކުރިމަތިލެވޭނެ ކަމަށެވެ. އެކަމަށް ތައްޔާރުވެ ގޯލު ޖަހާނެ ގޮތެއް ހޯދުމަކީ މާޒިޔާގެ ޒިންމާއެއް ކަމަށެވެ.

މި ސީޒަން ފެށި އިރު، މާޒިޔާއާ އެކު ނުކުތީ ދިވެހި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ސީޒަންގެ ނަތީޖާތަކަށް ބަލައި ނިޒާމްބެއާއެކު މާޒިޔާއިން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ އިރު، މިރޭގެ މެޗަކީ ނިޒާމްބެއަށް ހާއްސަވާނެ މެޗެވެ.

"ނިޒާމްބެއަކީވެސް މޮޅު ކޯޗެއް. ޓީމަށް ހިތްވަރުދީ ޓީމުގެ ކުޅުންތެރިން ރޫހު ރަނގަޅުކުރާނެ ކޯޗެއް. އެކަމަކު ކުރިންވެސް ބުނިހެން ވަކި ޓީމަކު ކޯޗު ވެގެން ނޫން. ހުރިހާ ޓީމަކުވެސް ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދޭނީ މާޒިޔާ ބަލިކުރަން. އެއީ އެކަން މިވަގުތު އޮތް ގޮތް. އެއީ އާ ކަމެއްވެސް ނޫން، މާޒިޔާއިން ޖެހޭނެ އެކަމަށް ތައްޔާރުވާން. އަހަރެން އަބަދުވެސް އިހުތިރާމު ކުރާނަން އިދިކޮޅު ޓީމަށް. އިދިކޮޅު ކޯޗުވެސް ބޭނުންވާނީ އެ ކޯޗެއްގެ ޓީމަށް އެންމެ ރަނގަޅު ގޮތް. އެއީ ފުޓުބޯޅައިގައި ކަން އޮންނާނެ ގޮތަކީވެސް. އޭނާ (ނިޒާމްބެ) ބޭނުންވާނީ ޓީސީއަށް އެންމެ ރަނގަޅު ގޮތަކަށް. އަހަރެން ވިސްނާނީ އަހަރެންގެ ޓީމަށް އެންމެ ރަނގަޅު ގޮތަކަށް. ވަގި ގޮތެއް ނޯންނާނެ ފުޓުބޯޅައިގައި. ޑިފެންސްވެސް ކޮށް، އެޓޭކްވެސް ކޮށް ކޮންމެ ގޮތަކަށް ކުޅެވޭނެ،" ނިޒާމްބެއާ ގުޅޭގޮތުން ރިސްޓޯ ބުނެފައިވެއެވެ.

ރިސްޓޯ ބުނީ އޭނާ ކުޅުވަނީ ކުޅުންތެރިންނަށް ބަލާފައި ކަމަށާއި މާޒިޔާއިން ކުޅެން އެންމެ ރަނގަޅީ ޕާސިން ފުޓުބޯޅައެއް ކަމަށް އޭނާ ދެކޭ ކަމަށެވެ. އެއީ ދިގު ބޯޅަތަކެއް ޖަހައިގެން ކުޅުވާނެ ދިގު ކުޅުންތެރިންގެ ބަދަލުގައި ޓީމުގައި ތިބީ ހުނަރުވެރި ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިންނަށް ޕާސިން ގޭމެއް މަސައްކަތް ކުރާނެ ކަމަށް ފެންނަ ކަމަށްވެސް ރިސްޓޯ ފާހަގަކުރިއެވެ.