ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، ނަމާދުކުރަން ފެށޭވަރުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް އެތަން ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެތަނުން ވަނީ މިނިކަށިތަކެއް ފެނިފައެވެ. އަދި މައްޗަންގޮޅި ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ އާއި ބައެއް އާސާރީ ތަކެތި ވެސް އެތަނުން ވަނީ ފެނިފައެވެ.

މިކަމާ ގުޅިގެން އެތަނުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މެދުކެނޑުނެވެ. އަދި ޒިކުރާ މިސްކިތް ހުރި ބިމަށް ބައެއް ދީނީ އިލްމުވެރިން ވަޑައިގެން އެތަނުގައި ވަގުތީ މިސްކިތެއް ބިނާ ކުރެވިދާނެތޯ ވަނީ ބަލައިފައެވެ.

އިސްލާމިކް މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒިކުރާ މިސްކިތް ހުރި ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ވަގުތީ މިސްކިތެއް އަޅައި ނަމާދު ކުރަން ފެށޭވަރުވާނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތް އިމާރާތްކުރުމުގައި އެމްއެންޑީއެފުގެ ފަރާތުން އިސްކޮށް އުޅުއްވާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިސްކިތް ހުރި ބިން ކޮނުމުގެ ތެރެއިން ވަރަށް ކުރިން އިމާރާތް ކޮށްފައިވާ މިސްކިތެއްގެ ބިންގަލެއް ފެނުމާއި ގުޅިގެން ތަރިކަ ހިމާޔާތް ކުރާ ކޮމިޓީގެ ލަފާގެ މަތިން ވަގުތީ މިސްކިތް ހެދުމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް މިހާރު އެ ބިންގާ އޮތް ސަރަހައްދަށް ފަސް އަޅައި، އެއްވެސް ގެއްލުމެއް ނުލިބޭ ގޮތް ހަދާފައިވާ ކަމަށެވެ.

އަދި އެތަން ކޮނުމުގެ ތެރެއިން ފެނުނު މިނިކަށިތައް އާސަހަރާއަށް ގެންގޮސް ވަޅުލާފައިވާ ކަމަށާއި މިސްކިތް ރޯދަ މަހުގެ ނިޔަލަށް ނިންމައި ހުޅުވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.