ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރީން ސްޓްރީޓްސް ކުޅުނު މެޗަކީ "ރަގްބީ" މެޗެއްގެ ގޮތުގައި ސިފަކޮށް އެމެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ.
ކްލަބު އީގަލްސްއާ ދެކޮޅަށް ދިވެހި ޕްރިމިއާ ލީގުގައި މިއަދު ނުކުންނަން އޮތް މެޗުގެ ކުރިން ޕްރީ މެޗު ޕްރެސްގައި ވާހަކަ ދައްކަމުން ނިސްތާރު ބުނެފައި ވަނީ އަނިޔާގެ މައްސަލަތައް ބޮޑު ކަމަށާއި، ސްކޮޑު ސައިންޓިސްޓެއްގެ އެހީގައި ސްކޮޑުގެ ރިކަވަރީ އާއި ޓީމު ސެލެކްޝަން އަށް ނެގޭނެ ކުޅުންތެރިން ބަލަމުން އަންނަ ކަމަށެވެ.
"ވަރަށް ފަހުން މިމެޗު ޝެޑިއުލް ކުރެވިފައި މިވަނީ. އެކަމަކުވެސް ރަނގަޅުވާނެ. މީގެ ކުރިން އަޅުގަނޑުމެން ކުޅުނު 'ރަގްބީ' މެޗަށްފަހު ވަރަށް އަނިޔާތައް ގިނަ. އެހެންނަމަވެސް އިންޝާ ﷲ ރަނގަޅުވާނެ. ސްކޮޑު ސައިންޓިސްޓެއް އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާނެ. އެބޭފުޅާއާ އެކު ބަލަމުން މިދަނީ އަނިޔާގައި ތިބި ކުޅުންތެރިންގެ ކަންކަންވެސް،" ނިސްތާރު ބުނެފައިވެއެވެ.
މީގެ ކުރިން އެފްއޭއެމުން ހަދާފައިވާ ޝެޑިއުލްގައިވާ ގޮތުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭ އަބަހާނީ މެޗުގެ ކުރިން އީގަލްސް އަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއް ނޯންނާނެއެވެ. އޭއެފްސީ ކަޕު މެޗުތަކާއެކު ފުރަތަމަ ނެރުނު ލީގުގެ ޝެޑިއުލްގައިވާ ގޮތުން އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ މެޗު ކުޅެން އޮތީ އަންނަ މަހު ފަސްވަނަ ދުވަހުއެވެ. އެކަމަކު ބަންގްލަދޭޝްގެ ލޮކްޑައުންއާއެކު އީގަލްސް އާއި އަބަހާނީގެ މެޗު މި މަހު 21 އަށް ފަސްވުމުން، ގްރީން ސްޓްރީޓްސް މެޗު އަވަސް ކުރީއެވެ.
އޭއެފްސީ ކަޕްގެ މެޗަށް މިހާރު އޮތް ގޮތުން އީގަލްސް ދަތުރުވެސް ކުރަން ޖެހެނީ ނޭޕާލަށެވެ. އެއީ ބަންގްލަދޭޝް ލޮކްޑައުން ކުރުމުން އެގައުމުގައި މެޗު ކުޅެވެން ނެތުމުން އޭއެފްސީއަށް އެދި އަބަހާނީ ހަމަޖެއްސި ނިއުޓްރަލް ވެނޫއަކީ ނޭޕާލް ކަމަށްވާތީއެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފައި ވަނީ ކުއްލިއަކަށް މެޗު ޝެޑިއުލް ބަދަލުވުމަކީ މިހާރުގެ ހާލަތުގައި ވެދާނެ ކަމެއް ކަމަށް ދެކިގެން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި، އެއީ މައްސަލައެއް ގޮތުގައި ނުފެންނަ ކަމަށެވެ.
" އޭއެފްސީ ކަޕަށް ތައްޔާރުވަމުން ދިޔަ ނަމަވެސް، ޝެޑިއުލަށް އައި ބަދަލަކާއި ގުޅިގެން މިހާރު މިއޮތީ ޕްރިމިއާ ލީގު މެޗަކަށް ތައްޔާރުވެފައި. އެއީ އެއްވެސް ގޮތަކުން މާ ބޮޑު ބަދަލެއް އައި ކަމެއް ކަމަކަށް ނުބެލެވޭ. އެއްވެސް ގޮތަކުން ގޯސް އަސަރެއް ޓީމަކަށް ނުކުރާނެ އޭގެ ސަބަބުން. ވަރަށް ބޮޑަށް ވިސްނައިގެން މިހާރު މިތިބެނީ ބަދަލުތަކެއް އަންނާނެކަން މިއަހަރު ކޮވިޑްގެ ތެރޭގައިވެސް އުޅޭތީ،" ޝާޒް ފާހަގަކުރިއެވެ.
ޝާޒް ބުނެފައި ވަނީ ހަވާލުވިއިރު އަމާޒަކީ ގަދަ ހައެއް ކަމަށާއި، އަދިވެސް ލީގުގައި އީގަލްސްއަށް އޮތް އެންމެ މުހިއްމު ކަމަކީ ގަދަ ހައެއްގައި އޮވެ ސީޒަން ނިންމާލުން ކަމަށެވެ. އަދި މެޗުގައި ކުރިމަތިލާން ޖެހެނީ މިވަގުތު ލީގުގައި އެންމެ ރަނގަޅު ފޯމެއްގައި އޮތް ގްރީން ސްޓްރީޓްއާ ކަމަށް ޝާޒް ސިފަކުރިއެވެ.
ޝާޒް ބުނެފައި ވަނީ ބޫޓާންގެ ތިމްޕޫއާ ދެކޮޅަށް ކުޅުނު މެޗުގައި ހޯދުނު މޮޅާއެކު އީގަލްސްގެ މޯޓިވޭޝަން ރަނގަޅުވެފައިވާ ކަމަށާއި، އެ މެޗުން އީގަލްސްއަށް މޮޅުވެވުމަކީ ޕްރެޝަރު ފިލުވައިލެވުނު ކަމެއް ކަމަށެވެ.
"އޭއެފްސީ ކަޕްގައި ބޫޓާން، ނޭޕާލް ނޫނީ ސްރީލަންކާގެ ޓީމަކާ ރާއްޖޭގެ ޓީމެއް ހޯމްގައި ކުޅޭ މެޗަކީ ރާއްޖޭގެ ޓީމަށް ކޮންމެހެންވެސް މޮޅުވާން ޖެހޭނެ މެޗެއް. އެހެންނޫނީ ރާއްޖޭގެ ފުޓުބޯޅައަށް އެހާ ރަނގަޅު ނަތީޖާއަކަށް ނުވާނެ. އީގަލްސްއިންވެސް އެންމެ ފުރަތަމަ ޗެލެންޖުން އަރައިގަނެ، އެކަމުގެ ސަބަބުން އޮތީ ރަނގަޅަށް މޯޓިވޭޓްވެފައި،" ޝާޒް ބުންޏެވެ.
ރޯދަ މަސް ތެރޭގައި ލީގުގެ މެޗުތައް އޮންނާނީ ރޭގަނޑު 10 ޖަހާއިރުއެވެ. ހަފުތާގެ މެޗުތައް ހަތަރު ރޭ މަތިން ނިންމާލުމަށް އެފްއޭއެމުން ޝެޑިއުލް ކޮށްފައިވާއިރު، އީގަލްސް މެޗުވެސް މިރޭ އޮންނާނީ 10 ޖަހާއިރުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު