(12 އޭޕްރީލްގެ އަދަދާ ގުޅޭ)

أبــو صـالـح ގެ އަނބިކަނބަލުން عبـدالمـنعــم އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކޮއްކޯ! ބައްލަވާ! އަޅުގަނޑު سعد ގެ ކާވެނިކޮށްދޭން ނިންމައިފިން. މިފަހަރަކު އަޅުގަނޑު އެކެއްގެ ވާހަކައެއްވެސް އަޑެއް ނާހާނަން. ހަމަމިއަދު އޭނާގެ ކާވެނި ކުރެވެންޖެހޭނެ. އޭނާ ޖަޒީރަތުލްޚަޟުރާއުގައި ހުންނަހައި ދުވަހަކު ميـمــونـة އިންނަވާނީ ޖަޒީރަތުލްޚަޟުރާއުގައި. ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑު ميـمــونـة މިރަށަށް ގެނުވާނީ!"

عبـدالمـنعــم ޖަވާބު ދެއްވިއެވެ. "ދައިތާފުޅާ! ތިޔައީ އަޅުގަނޑުވެސް ގަސްތުކޮށްފައި އޮތްގޮތް. އެކަމަކު إدريـس ގެ ޚިޔާލުފުޅު ހޯދައިލަންވާނެ ނޫންތޯ؟ އޭނާ ގޭގައި އުޅުއްވާނަމަ އަޅުގަނޑު ހަމަމިހާރު ދާނަން އޭނާއާ ވާހަކަ ދައްކައިލަން."

"ކާވެންޏަށް ބޭނުންވާ އެއްޗެހި ގަންނަން އަޅުގަނޑު އޭނާ ބާޒާރަށް ފޮނުވައިފިން!"

شيـخ أبــو صـالـح އޭނާގެ މޫނުފުޅުމައްޗަށް ލުއިލުއި ހިނިތުންވެވަޑައިގެންނެވުމެއް ވެރިކުރައްވައިފައި ވިދާޅުވިއެވެ. "ދަރިފުޅާ سعد! ދަރިފުޅުގެ ބޮޑުދައިތަ ކަނޑައަޅުއްވައިފައިވަނީ ހަމަމިއަދު ދަރިފުޅުގެ ކާވެނިކުރުވަން. އެކަމަކު ޅިޔަންބޭބެ ދެކެނީ އެންމެފުރަތަމަ ދަރިފުޅުގެ ގަސްތު އޮތްގޮތެއް ބަލައިލަން ޖެހޭނެކަމަށް!"

ބޮޑުދައިތަ ވިދާޅުވިއެވެ. "ދަރިފުޅު ކީކޭތަ ބުނަނީ؟"

سعد ޖަވާބު ދެއްވުމުގެ ބަދަލުގައި އިސްދަށަށް ޖައްސަވައިލައްވައިފިއެވެ. އޭރު ބޭރުން މަގުމަތީން ބަޔަކު ހަޅޭއްލަވާ އަޑު އިވެއެވެ. المـــاس ބޭރުންއައިސް ދޮރުމަތީގައި މަޑުކޮށްލައިފައި ބުންޏެވެ. "سعد! އިރުކޮޅަކަށް ބޭރަށް ނުކުމެވަޑައިގަންނަވާ! ރަށުގެ މީހުން ދަރިފުޅު ދެކޭން އެއްވަނީ!"

سعد ބޭރަށް ނުކުމެވަޑައިގަންނަވަން ތެދުވެވަޑައިގެންފިއެވެ. ނަމަވެސް ބޮޑުދައިތަ އަމުރުވެރި ރާގުގައި ވިދާޅުވިއެވެ. "މަޑުކުރޭ! އެންމެފުރަތަމަ އަހަރެންގެ ސުވާލަށް ޖަވާބުދީ!"

سعد އުފާވެރިކަމުގެ ކަނޑެއްގައި ފީނައިވަޑައިގަންނަވަނީއެވެ. އިރުކޮޅެއްވީއިރުވެސް ޖަވާބު ދެއްވަން އެކަށޭނަ ލަފުޒުތަކެއް އޭނާއަކަށް ނުހޯއްދެވުނެވެ. އޭނާގެ މޫނުފުޅުމަތީހުރި ލަދުވެތިކަމުގެ ރަތްކުލަ އޭނާގެ ބޮޑުދައިތާފުޅުގެ އަރިހުގައި ދަންނަވަމުން ގެންދިޔައެވެ. "އަޅުގަނޑަކަށް އަދިވެސް ތިޔަ ސުވާލުގެ ޖަވާބެއް ނުދެވޭތޯއެވެ؟"

ބޮޑުދައިތަ ހިސާބަކަށް ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ދަރިފުޅު އަނގައިން ނުބުނީ ކީއްވެގެންތަ؟"

سعد ލުއިލުއި ހިނިތުންވެވަޑައިގެންނެވުމަކާއެކު ލަދުފުޅުން ހުންނަވައި ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! މަންމަ އަރިހުން އައްސަވާ!"

ބޮޑުދައިތަ ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމުގެ ނޭވާފުޅެއް ލައްވައިފައި ވިދާޅުވިއެވެ. "ކޮންތަނަކު ނުލަފާ ކުއްޖެއްތަ؟ ކީއްވެގެންތަ ނުބުނީ އަހަރެން މިއައީ ތިޔަބޭނުމުގައޭ!"

سعد ހިނިފުޅުވަޑުވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. މަގުމަތީގައިތިބި މީހުންނަށް އޭނާ ފެނުމާއެކު އުފަލުން ހަޅޭއްލަވާން ފަށައިފިއެވެ. ބޮޑުދައިތަ އަނެއްކާވެސް ކަންބޮޑުވެވަޑައިގެން عبـدالمـنعــم ގެ އަރިހުގައި ވިދާޅުވިއެވެ. "ކޮއްކޯ! ބައްލަވާ! މީހުންތައް سعد ގެ ފަހަތަކުން ނައްޓައެއް ނުލާނެ. ކޮއްކޮ އޭނާއާމެދު ވިސްނައިވަޑައިގަންނަވާތި! ހަމަ މިއަދު މިކަން ކުރާން އަޅުގަނޑު ބޭނުން."

عبـدالمـنعــم ހިނިފުޅުވަޑުވަމުން ޖަވާބު ދެއްވިއެވެ. "ދައިތާފުޅު ކަންބޮޑުވެވަޑައިނުގަންނަވާ!"

شيـخ أبــو صـالـح ވިދާޅުވިއެވެ. "ކޮއްކޯ سـكيـنـة! ކޮއްކޮގެ ދައިތަގެ މަނަހެއް ހިނގާނެނަމަ ޣަރުނާޠާގެ އެއްވެސް އަންހެންކުއްޖަކުވެސް ފިރިހެންކުއްޖަކުވެސް ހުއްސަރިބަޔަށް ހުއްޓަކަ ނުދެއްވީސް."

ބޮޑުދައިތަ ނުގަބޫލުފުޅުވެފައި ވިދާޅުވިއެވެ. "ކަލާގެ ޚިޔާލުފުޅުގައި سعد އަދިވެސް އަނބިފުރާވަރު ނުވަނީތޯ؟"

އެދުވަހުގެ ހަވީރު شيـخ أبــو صـالـح ގެ ގޭގައި سعد ގެ ކާވެނިފުޅުގެ ޙަފުލާ އޮތެވެ. ރަށުގެ ބޮޑުންނާއި سعد ގެ ރަޙުމަތްތެރީން ހާޒިރުވެވަޑައިގެންނެވިއެވެ. سعد އާއި ميـمــونـة ގެ ކާވެނިފުޅު ޢަޤުދުކޮށްދެއްވީ قـاضى أبـو جـعـفـر އެވެ.

عبـدالمـنعــم ގެ ދެކަނބަލުންނަށް އެދުވަހަކީ އިންތިހާދަރަޖައިގެ އުފާވެރި ދުވަހެކެވެ.

އެ ދެކަނބަލުންގެ ހިތްޕުޅުގައި އޮތްހައިވެސް އުދާހަކީ أحمـد އާއި حسن އާ ދެބޭފުޅުން ވަޑައިގެން ނެތުމުގެ އުނިކަމުގެ އުދާސްކަމެވެ. ކާވެނިފުޅުގެ ރެއެވެ. ميـمــونـة އިންނެވީ އޭނާގެ ފިރިކަލުންގެ އަރިހުގައެވެ. އޭނާގެ ތުންފަތްޕުޅުމަތީގައިވަނީ ހިނިފުޅުވެޑުވުމެވެ. ލޯފުޅުގައި ހުރީ ޝުކުރުވެރިވެވަޑައިގެންނެވުމުގެ ކަރުނައެވެ. ވަގުތުގެ މިޔުޒިކު ކުޅުންތެރިޔާ ވަނީ ޙަޔާތުގެ ހިމޭން ނަރުތަކާ ކުޅެލައިފައެވެ. ލަވަތަކާއި ރާގުތަކުގެ ސައިލާއެކު އޭނާ އޮޔާ ބެހިވަޑައިގަންނަވަނީއެވެ. އެއްބޭފުޅެއްގެ އުފުލިއުފުލިފައި ތިރިވާ ތިރިވެތިރިވެފައި އުފުލޭ ނަޒަރު ވަނީ އަނެއްބޭފުޅެއްގެ މޫނުފުޅަށް ސީދާވެފައެވެ. ދެބޭފުޅުންގެވެސް ޝައުޤުވެރި ނަޒަރު އެންމެފަހުން ދެބޭފުޅުންގެ މޫނުފުޅަށް ހުއްޓިއްޖެއެވެ. ދެބޭފުޅުންނަށް ހިނިތުންވެވަޑައިގެންނެވިއްޖެއެވެ. އެއާއެކު މުޅި ކާއިނާތު ކަކަކަކައަޅައިފައި ހޭންފަށައިފިއެވެ. ޙަޔާތުގެ މާކަނޑުން އުފާވެރިކަމުގެ ރާޅެއް ނަގައިފިއެވެ. މާޒީއާއި ހާލާއި މުސްތަޤުބަލުގެ ސަރަޙައްދުތައް ފަހަނަޅައިގޮސް އަބަދީ ފުންކަމާ ގުޅިއްޖެއެވެ. އެތަނުން ފެންނަމުންދިޔައީ ތަރިތަކުގެ އަލިކަމެވެ. ހިމޭން ކޯރުތަކުގެ އޮއިދެމުމެވެ. މާމަލުގެ މީރުވަހެވެ. ފެނާރުތަކުގެ މިޔުޒިކެވެ.

سعد ވިދާޅުވިއެވެ. "ميـمــونـة އެ އުފާވެރި ފަތިހެއް އަންނާނެކަމަށް އަޅުގަނޑު ވަޢުދުވި ފަތިސްވާން މިހާރު ވަރަށް ކައިރިވެއްޖެ."

ميـمــونـة ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ ދުނިޔޭގެ އިރު ތިޔަވަނީ އަޅުގަނޑުގެ ކުރިމަތީގައި. އަޅުގަނޑު އެހެން ފަތިހަކަށް އިންތިޒާރެއް ނުކުރަން."

"އަޅުގަނޑު މިދައްކަނީ އެއަލިގަދަ އިރެއްގެ ފާން ދޯދިތަކުން އަންދަލުސުގެ ހުރިހައި ކަންކޮޅުތަކެއް ރަންވެ އަލިވާނެ އުޖާލާ އިރުގެ ވާހަކަ. ޣަރުނާޠާގެ އެތައްސަތޭކަ ބަޔަކު أميـر يـوسف އަށް މަރުޙަބާ ދަންނަވަން ޖަޒީރަތުލްޚަޟުރާއަށް ބައިބަޔަށް ދަތުރުކުރަމުން އެބަގެންދޭ!"

ميـمــونـة ވިދާޅުވިއެވެ. "طـاهـــرة ވިދާޅުވި. ކަލާ ދުވަސްކޮޅަކަށް ކަލާގެ އަރިހުގައި އަޅުގަނޑު ގެންދަވާނެކަމަށް."

سعد ވިދާޅުވިއެވެ. "ميـمــونـة! އަޅުގަނޑު ޣަރުނާޠާއަށް އައީވެސް ތިޔަ މަޤުޞަދުގައި. އަޅުގަނޑު އެދެނީ މުރާބިޠީނުގެ أميـر ވަޑައިގަންނަވާ ނައު ދުރުން ފެންނައިރު އަޅުގަނޑުމެން ދެމީހުން ކަނޑުގެ އައްސޭރީގައި އުދަރެހާ ދިމާޔަށް ބަލަހައްޓައިގެން ތިބެން. އަޅުގަނޑު އެދެނީ އެނައު ފެނުމާއެކު ކަލާގެ އަރިހުގައި ދަންނަވަން. އަންދަލުސުގެ ވޭނާއި ތުރާތަކުގެ ދައުރު ނިމުނިއްޔޭ. މިއަދުން ފެށިގެން މިއީ އަޅުގަނޑުމެންގެ އަމިއްލަ ވަޒަނޭ. މިތާނގެ ހުރިހައި ޗާލުކަމަކާއި ހިތްފަސޭހަކަމަކާއި ރީތިކަމެއްވަނީ އަޅުގަނޑުމެންނަށްޓަކައޭ."

ތިންވަނަޔަށްވީ ދުވަހުގެ ހެނދުނު ހެނދުނާ المـــاس ހުރީ عبـدالمـنعــم ގެ ގޭގެ މަގުމަތީގައެވެ. އޭނާ އައީ ހަތަރު އަސްލީ ބައްގީއެއް ހިފައިގެންނެވެ. ميـمــونـة އިރުކޮޅެއްގެފަހުން އޭނާގެ ޚާދިމާ ގޮވައިގެން ބައްގީއަށް އަރައިވަޑައިގެންފިއެވެ. سعد ގެ މަންމައާއި ބޮޑުދައިތަގެ ހެޔޮ ދުޢާ ހޯއްދަވައިގެންނެވެ. طـاهـــرة އާ ސަލާންކުރެއްވުމަށްފަހުގައެވެ. سعد، أبــو صـالـح އާއި إدريـس އާ މުސާފަޙާ ކުރެއްވުމަށްފަހު އޭނާގެ ބައްޕާފުޅާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބައްޕާފުޅާ! މިއަންނަ ހުކުރު ދުވަހު ބައްޕާފުޅު އެންމެ ދުވަހަކަށް ނަމަވެސް ޖަޒީރަތުލްޚަޟުރާއަށް ވަޑައިގެންދެއްވިއްޔާ ވަރަށް ރަނގަޅުވާނެ!"

عبـدالمـنعــم ވިދާޅުވިއެވެ. "ބައްޕަޔަކަށް ވަގުތެއް ނުވާނެ! أميـر يـوسف އަށް ބައްޕަގެ ވެދުން ދަންނަވާ! ޣަރުނާޠާގެ ރިޟާކާރުން އެމަނިކުފާނުގެ އިޝާރަތަކަށް ބަލަބަލައި ތިބި ވާހަކަ ދަންނަވާ! ދަރިފުޅު ދެން ލަސްނުކުރޭ! މާތް اللّـه ދަރިފުޅު ރައްކާތެރި ކުރައްވާށި!" عبـدالمـنعــم އިޝާރަތް ކޮށްލެއްވުމާއެކު المـــاس ބައްގީ ދުއްވައިލައިފިއެވެ. سعد ބައްގީގެ ފަހަތުން އަސް ދުއްވައިލައްވައިފިއެވެ.

މުސްކުޅިފުޅު ބޮޑުދައިތާފުޅު ފެންކަޅިފުޅުވެފައިވާ ނަޒަރަކުން سـكيـنـة އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކޮއްކޯ! ދައިތަ ދެން ހުންނަންޖެހޭނީ އަބަދު ފޫހިވެފައި!"

* * * * * * * * * * *

أميـر يـوسف ސަބުތާއިން ފުރައިވަޑައިގަންނަވަން އެއްދުވަހަށްވީތަނާ ކުއްލިޔަކަށް އޭނާގެ ދޮށީދަރިކަލުން އާލާސްކަންފުޅާ ވެއްޖެއެވެ. އޭނާގެ ހާލުކޮޅުވަނީ ނުރައްކާތެރި މަރުޙަލާއެއްގައެވެ. ފުރައިވަޑައިގަންނަވަން އޮތްދުވަހުގެ މެންދުރާ ކައިރިވީއިރު އޭނާ އޮންނެވީ ހުންފުޅު ގަދަވުމުގެ ސަބަބުން ހޭފުޅުނެތިފައެވެ. أميـر يـوسف ވަރަށް ކަންބޮޑުވެވަޑައިގެން ދަރިކަލުންގެ އިސްތަށިފުޅުގެ ކައިރީގައި އިށީނދެވަޑައިގެން އިންނެވިއެވެ. ބޭސްވެރިޔާ ގެންދެވީ އެދަރިކަލުން ހޭފުޅު އެރުއްވޭތޯ މަސައްކަތް ކުރައްވަމުންނެވެ.

سيـر بن أبى بـكـر ވަޑައިގެން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ބޭބޭފުޅު ހުއްދަ ދެއްވައިފިނަމަ މިއަދު ފުރައިވަޑައިގެންނެވުން ލަސްކޮށްލާނަން— ހުޅަނގުފަރާތުން ޠޫފާނެއްގެ އަސަރުވެސް އެބަފެނޭ. ކޮއްކޯފުޅުގެ ހާލުކޮޅުވެސް މިވަނީ ބޭބޭފުޅު އޭނާ ދޫކޮށްލައްވައިފައި ވަޑައިގެންނެވުން ރަނގަޅު ގޮތަކަށެއް ނޫން."

أميـر يـوسف ނުހަނު ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. "ނޫން. ކޮއްކޮ ވަޑައިގެން ފުރަން ތައްޔާރުކުރައްވާ. ބޭބެވެސް ހަމަ މިހާރު ބަނދަރުމައްޗަށް މިދަނީ."

يـر بن أبى بـكـر އެއްވެސް ޖަވާބެއް ނުދެއްވައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. أميـر يـوسف ގެ ދަރިކަލުން އިރުކޮޅަކުން ހޭފުޅު އަރައިފިއެވެ. އޭނާ ލޯފުޅު ހުޅުވައިލައްވައިފައި ބައްޕާފުޅުގެ މޫނުފުޅަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ބައްޕާފުޅާ! ވަޑައިނުގެން މަޑުކުރައްވަނީ ކީއްވެގެންތޯ؟ އަޅުގަނޑާހުރެ ފުރައިވަޑައިގެންނެވުން ލަސްނުކުރައްވާތި! އަޅުގަނޑު ގަދަވާއިރަށް ޖިހާދުގައި ބައިވެރިވާން އަންދަލުސަށް ދާނަން."

أميــر يـوسف ޖަވާބު ދެއްވިއެވެ. "ދަރިފުޅާ! ބައްޕަ ފުރުމުގެ ޚިޔާލު ބަދަލެއް ނުކުރަން. މިހާރު ދަރިފުޅުގެ ހާލު ކިހިނެއްތަ؟"

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވެދާނެ. ޖިހާދުގައި ބައިވެރިވުމުގެ ޝައުޤު އަޅުގަނޑު މާގިނަދުވަހަކު ތަންމަތީގައި އޮތުމުގެ ހުއްދައެއް ނުދޭނެ."

ކުއްލިޔަކަށް ވަރަށްބާރު ވައިރޯޅިޔެއް އަތުވެއްޖެއެވެ. ބަޑިޔެއްގެ އަޑުކަހަލަ އަޑަކާއެކު ދޮރުފަތުގެ ދެފަޅި އެއްފަހަރާ ހުޅުވިއްޖެއެވެ. أميــر يـوسف ބޭރު ބައްލަވައިލެއްވިއިރު ޖައްވު ދިޔައީ ބަނަވަމުންނެވެ. ކަޅުވަމުންނެވެ.

(ނުނިމޭ)