އޭއެފްސީ ކަޕް ކޮލިފިކޭޝަންގެ ޕްލިމިނަރީ ބުރުގައި ނޭޕާލްގެ ޓްރިބުވަން އާމީ އެފްސީ ބަލިކޮށް، އިންޑިއާގެ ބެންގަލޫރު އެފްސީން ކޮލިފިކޭޝަން ޕްލޭ އޮފް ބުރަށް ދަތުރު ކޮށްފިއެވެ.
އިންޑިއާގައި ކުޅުނު މެޗު ބެންގަލޫރު އެފްސީން ކާމިޔާބު ކޮށްފައި ވަނީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އާ ކޯޗު މާކޯ ޕެޒައޫލީގެ އިރުޝާދުގެ ދަށުން ރޭ ކުޅުނު މެޗު ބެންގަލޫރު އެފްސީން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފައިވާއިރު، އެޓީމުން ދެން ކޮލިފިކޭޝަންގެ ޕްލޭ އޮފް މެޗުގައި ނުކުންނަން ޖެހޭނީ ރާއްޖޭގެ ކްލަބު އީގަލްސް އާއި ބަންގްލަދޭޝްގެ ޑާކާ އަބާހާނީ ވާދަކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މެޗުގެ ފަސް ގޯލްވެސް ފެނިގެން ދިޔައީ ފަހު ހާފްގައެވެ. ލޭޓޮން ސިލްވާގެ އިތުރުން ރާހުލް ބެކޭވެސް ކޮންމެ ކުޅުންތެރިޔަކު ދެގޯލް ޖަހައިދީފައިވާއިރު، އަނެއް ގޯލް ޖެހީ ކެޕްޓަން ސުނިލް ޗެތުރީއެވެ.
ފުރަތަމަ ހާފްގައި ގޯލެއް ނުފެނުނު ނަމަވެސް ބެންގަލޫރުގެހަމަލާތައް ގިނަކަން ފާހަގަކޮށްލެވުނެވެ. ޗެތުރީގެ ހަމަލާއެއް އާމީ އެފްސީގެ ގޯލްކީޕަރު ބިވާޝް ޗޯދުރީ މަތަކޮށް ބޭރުކޮށްލިއިރު، ރީބައުންސް ހަމަލާގައި އާޝިގް ކުރުނާއިޔަން ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.
ފަހު ހާފްގައި ގޯލްތައް ފެނިގެން ގޮސްފައިވާއިރު، ބެންގަލޫރު އެފްސީގެ ވަރުގަދަ އެޓޭކް ފާހަގަކޮށްލެވުނެވެ. ޗެތުރީގެ އިތުރުން އުދަންތާ ސިންގާއި އާޝިގްގެ ނުރައްކާ އާމީ އެފްސީއަށް ދިޔައީ ފުލުފުލުގައި ކުރަމުންނެވެ. މެޗަށްފަހު ކޯޗު ޕެޒައޫލީ ބުނެފައި ވަނީ 0-0 ގައި ނަތީޖާ އޮތްއިރު، ޓީމަށް ގޯލެއް ޖަހަން އުނދަގޫވި ނަމަވެސް، ފަހުން އަމިއްލައަށް ފުރުސަތުތައް ހޯދައި، ގޯލެއް ޖެހުމާއެކު މެޗު ފަސޭހަވި ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު