މީހުން ޓްރެފިކް ކުރުމުގެ ކުށުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ދެންމެ އެގޮތަށް ފާސްކުރީ، މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން އިސްލާހު ގެނައި ގޮތަށް އެބިލު ފާސްކޮށްގެންނެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، އެމަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ.

މަޖިލީހުން މިއަދު ފާސްކުރި ބިލުގައި ބުނެފައިވަނީ، މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުން ކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ. އެ ފައިސާ ދައުލަތަށް ނެގުމުގައި އަމަލު ކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވަނީ، މީހުން ޓްރެފިކު ކުރުމަކީ ކުށެއް ކަމަށެވެ. އަދި 18 ވަނަ މާއްދާގައި ބުނެފައިވަނީ ކުޑަކުދިން ޓްރެފިކް ކުރުމަކީ ކުށެއް ކަމަށެވެ. ގާނޫނުގެ 19 ވަނަ މާއްދާގައި ބުނެފައިވަނީ މީހުން ޓްރެފިކު ކުރަން އުޅުމަކީ ނުވަތަ ޓްރެފިކު ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ ކުށެއް ކަމަށެވެ. އަދި 20 ވަނަ މާއްދާގައި ބުނެފައި ވަނީ މީހުން ޓްރެފިކް ކުރުން ރޭވުމަކީ ނުވަތަ އަމުރު ކުރުމަކީ ކުށެއް ކަމަށެވެ.

ޓްރެފިކް ކުރެވޭ މީހާއަށް ޓްރެފިކް ކުރާ މީހާގެ އަތުން ބަދަލު ނަގައިދެވޭ ގޮތަށް ވެސް ގާނޫނަށް ވަނީ އިސްލާހު ގެނަސްފައެވެ.

މި ބިލުން އެ ގާނޫނުގެ 59 ވަނަ މާދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނި، މި މާއްދާގެ 17 ވަނަ މާއްދާ ނުވަތަ 18 ވަނަ މާއްދާ ނުވަތަ 19 ވަނަ ޟާްދާ ނުވަތަ 20 ވަނަ މާއްދާ ނުވަތަ 21 ވަނަ މާއްދާގައި ބަޔާންކުރާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ހާލަތެއްގައި، އެމީހެއްގެ މައްޗަށް މި ގާނޫނުގެ ދަށުން ކަނޑައަޅާ އަދަބެއްގެ އިތުރުން ޓްރެފިކް ކުރެވޭ މީހާއަށް މި މާއްދާގައިވާ ގޮތުގެ މަތިން ޓްރެފިކް ކުރާ މީހާގެ އަތުން ޝަރީއަތުން ބަދަލު ނަގައިދޭން ވާނެ ކަމަށެވެ.

އެގޮތުން ބިލުގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ޓްރެފިކް ކުރެވޭ މީހާއަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި މާއްދާގެ ދަށުން އަންނަނިވި ބާވަތުގެ ބަދަލު ނަގައި ދެވޭނެ ކަމަށެވެ.

އެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އޭނާއަށް ލިބެން ޖެހި ނުލިބިވާ އުޖޫރަ އާއި ގާނޫނާ ހިލާފަށް އެމްޕްލޯއިމަންޓު އެޖެންސީއަކަށް ނުވަތަ ރެކްރޫޓްމަންޓު އެޖެންސީއަކަށް ދައްކާފައިވާ ރެކްރޫޓުމަންޓު ފީ އާއި ތައުދީބީ ފިޔަވަޅެއްގެ ގޮތުގައި އުޖޫރައިން އުނިކޮށްފައިވާ އަދަދު ކަމަށާއި ޓްރެފިކް ކުރުމުގެ ޝިކާރައަކަށް ވުމުގެ ސަަބަބުން މެދުވެރި ވެފައިވާ ސިއްހީ ހާލަތެއްގެ ސަބަބުން ހޯދަން ޖެހުނު ބޭސް ފަރުވާއަށް ހިނގި ހަރަދުގެ އިތުރުން ސީދާ ގޮތުން ލިބުނު އެނޫން ވެސް ގެއްލުމުގެ ބަދަލު އޭގެ ތެރޭގައި ހިމެނޭ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުގެ މަތިން ބަދަލު ނަގައިދިނުމުގައި، ޓްރެފިކު ކުރެވޭ މީހާއަށް ނަގައިދޭނީ، ކޮން ބާވަތެއްގެ ބަދަލެއް، ކިހާ މިންވަރަކަށް ކަން ކަނޑައަޅާނީ، މި މާއްދާއާ ހަވާލާދީ ކޯޓުން ކަމަށް ވެސް ބުނެފައިވެ އެވެ.