ވާހަކަ

ކުރު ވާހަކަ: ފިނިފެންމާ - 02

(13 އޭޕްރީލްގެ އަދަދާގުޅޭ)

"ފިރާޝާ މިމަހު 15 ގައި ތިނަދޫއަށް ފުރާ ޓީމާއެކު ފިރާޝާވެސް ދާން އެބަޖެހޭ. އެއީ އައިންތުއަށް މި ދަތުރުގައި ބައިވެރިވެވެން ނެތުމުން" އަސްލަމްގެ އަޑުގައިވަނި އޯގާތެރި ގޮތެކެވެ. އެއީ ފިރާޝާ މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ ވެރިޔާއެވެ.

"އެންމެ ރަނގަޅު. އަޅުގަނޑު ދާނަން." ދެފިކުރެއްގެ މަތީގައި ހުރެފައި ފިރާޝާ ޖަވާބު ދިނެވެ. ހަގީގަތުގައި ރަށުން ބޭރަށް ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު ވެރިއެއްގެ އަމުރަށް ބޯލެނބުމުގެ ގޮތުން އާއެކޭ ބުނީ އެވެ.

"ވަރަށް ރަނގަޅު. ތީ އަހަރެން އުންމީދު ކުރި ޖަވާބަކީވެސް. އޮފީހުގެ ފަރާތުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ. ދެން އެންމެ ރަނގަޅު ދިޔަސް"

ފިރާޝާ ގޮސް އޭނާގެ މޭޒުކައިރީ އިށީނދެއްޖެއެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

ފިރާޝާމެން ތިނަދޫއަށް ދިޔައީ މާޗްމަހުގެ 15 ވަނަ ދުވަހުއެވެ. އެއީ ދެމަސްދުވަހުގެ ދަތުރެކެވެ. އެ ރަށުގައި ތަމްރީނު ޕްރޮގްރާމެއް ހިންގަން ކުރި ދަތުރެކެވެ.

*************

ސްކޫލު ނިންމުމަށްފަހު ރީޝާ ހުރީ އަދިވެސް ވަޒީފާއަކަށް ނުނިކުމެއެވެ. އެތައް ވަޒީފާއަކަށް އޭނާ ސިޓީ ލައިފިއެވެ. އެކަމަކު އެއިން އެއްވެސް ވަޒީފާއެއް ހަމައެއް ނުޖެހެއެވެ. ޖީސީއީގެ ނަތީޖާ ދަށްކަމުންނެވެ. އޭނާގެ އަހްލާގުވެސް ވަރަށް ގޯހެވެ. އިރުއޮއްސިއްޖެނަމަ ކޮންމެވެސް ފިރިހެން ކުއްޖަކު ކޮންމެ ރެއަކުވެސް ގޭގެ ޖޯލިފަތީގައި އޮންނާނެއެވެ. އެއް ކުއްޖެއްނޫނެވެ. އެކި ރޭ އެކި ކުދިންނެވެ.

************

ތިނަދޫގެ މާހައުލަކީ ފިރާޝާއަށް އާ މާހައުލެއްނޫނެވެ. ކުރިންވެސް ދެފަހަރަކު ފިރާޝާ ތިނަދޫއަށް އައެކެވެ. ސްކޫލުގައި އުޅުނުއިރު އެވެ.

ދަތުރުގެ ފުރަތަމަ މަސް ފާއިތުވެ ދެވަނަ މަހަށް އެޅިއްޖެއެވެ. ފިރާޝާމެން ތިބެނީ އޮފީހުން ހަމަޖައްސާފައި ހުންނަ ދެ ގެއެއްގައެވެ.

އެއްރެއެއްގެ އިރާކޮޅެވެ. ފިރާޝާ އޮތީ ރޭގަނޑު ކާލައިގެން އައިސް އުނދޯލީގައި އޮށޯވެލައިގެންނެވެ. އުޑުމައްޗަށް ބަލަހައްޓައިގެންނެވެ. ރީތިކަމުގެ ތެރެއަށް ގެއްލިފައެވެ.

"އޭ ފިރާޝާ! އަން މިއޮތީ އަޝްރަފް ދިން މަލެއް!" ފިނިފެންމަލެއް ގެނެސް ދިއްކޮށްލަމުން ފިރާޝާގެ އެކުވެރި އާޝިޔާ ފިރާޝާއާއި ޖެހިގެން ހުރި ޖޯލީގައި އިށީނދެލިއެވެ. އެއީ ވަރަށް ތާޒާ ފިނިފެންމަލެކެވެ. ބަލާބެލުމަށް ހީވަނީ ދެންމެ ގަހަކުން ބިނދެލައިގެން ގެނައި މަލެއް ހެންނެވެ. ގަދަރަތް ކުލައިގެ އެ ފިނިފެންމާ އަދި މުޅިން ނުވެސް ފޮޅެއެވެ.

"އެއީ އެއްކަލަ ދުވަހު އަތިރިމަތިން ފެނުނު އަޝްރަފްތަ؟" ހަނދާން ކުރަމުން ކަހަލަ ގޮތަކަށް ފިރާޝާ ވާހަކަ ދެއްކިއެވެ.

"އާނ! އެއީ އެ އަޝްރަފް. އޭނާ އުޅެނީ މާލޭގަ. އެބައޮތް މާދަމާ މެންދުރު ކެއުމަށް ދާން ދައުވަތު ދީފަ. ދާންވާނެއެއްނު؟" މިހެން ބުނަމުން އާޝިޔާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ފިރާޝާ އަނެއްކާވެސް ހަމަޖެހިލިއެވެ. އޭނާ ވިސްނާލިއެވެ. އަޝްރަފާމެދުގައެވެ. އެއީ ރީތި ޒުވާނެކެވެ. ފިރިހެންވަންތަ ހަށިގަނޑެއްގެ އިތުރުން ފިރިހެންވަންތަ އަޑެއްވެސް އޭނާއަށް ވަނީ ލިބިފައެވެ. ފިރާޝާވެސް ކޮންމެވެސް ވަރަކަށް އަޝްރަފް ދާނެއެވެ.

ހަމަޖެހިފައިވާ ގޮތުން އަޝްރަފުގެ ދައުވަތަށް ފިރާޝާވެސް ދިޔައެވެ. އާޝިޔާއެކުގައެވެ. ފިރާޝާއަށްވުރެ ބޮޑަށް އަޝްރަފާ ރައްޓެހީ އާޝިޔާއެވެ. އެދުވަހު ފިރާޝާއަށް ވެސް ވަރަށް ބޮޑަށް އަޝްރަފާ ރައްޓެހި ވެވިއްޖެއެވެ.

އޭގެ ފަހުން ފިރާޝާއަށް އަޝްރަފް ފޯނުކޮށްވެސް ހަދައެވެ. ފިރާޝާއަށްވެސް އަޝްރަފުގެ މިޒާޖު ކަމުދާން ފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނާއާ ގާތްވެވެން ފެށިއެވެ. ކުރާނެ މާގިނަ ކަންތައްތަކެއް ނުހުންނާތީވެ ވަރަށް ގިނައިން ދެމީހުންނަށްވެސް ހުސް ވަގުތު ލިބެއެވެ. އެހެން ކަމުން ދެމީހުންގެ ގުޅުން ބަދަހި ވަމުން ދިޔައީ ވަރަށްވެސް ހަލުވި މިނެއްގައެވެ.

ފިރާޝާ އާއި އަޝްރަފް ލޯބީގެ ގޮތުން ގުޅުނީ އެކަކު އަނެކަކަށް ތައާރަފު ވިތާ ގާތްގަނޑަކަށް ވިއްސަކަށް ދުވަސްފަހުންނެވެ. އެއީ ފިރާޝާގެ ހަޔާތަށް އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަނެއްކާ އެއީ ފިރާޝާގެ އުފަންދުވަސްމެއެވެ.

އަޝްރަފާ ގުޅުމަށް ފަހު ފިރާޝާގެ މުޅި ހަޔާތް ބަދަލުވެގެން ހިނގައްޖެއެވެ. އަޝްރަފަކީ އޭނާގެ ދެދުނިޔޭގެ ނަސީބު ކަމުގައި އޭނާ ނިންމިއެވެ. އަޝްރަފަކީ ހަމައެކަނި އޭނާގެ މީހެއް ކަމަށް ލެއްވުން އެދި ﷲގެ ހަޟްރަތުގައި ދުއާކުރަމުން ދިޔަ އެވެ. އެހާވެސް ބޮޑަށް އޭނާ އަޝްރަފު ދެކެ ލޯބިވާތީއެވެ.

ރައްޓެހިވެގެން ހަފްތާއެއްހާ ދުވަސް ތެރޭގައި އަޝްރަފް މާލެއަށް ފުރަންް ޖެހިއްޖެއެވެ. އޭރު ފިރާޝާމެންގެ ދަތުރުގައި ބާކީ ހަފްތާއެއްހާ ދުވަސް އޮތެވެ. އަޝްރަފާ ވަކިން އުޅުމަކީ ފިރާޝާއަށް ދަތިކަމެކެވެ. އެއަށްވުރެ ބޮޑު ވޭނެއް އޭނާއަކަށް ނުލިބޭނެއެވެ. އެކަމަކު އޭނާ ކެތްކުރާނެއެވެ.

އަޝްރަފު ފުރަމުން ވަރަށް ލޯބި ބިއްލޫރި ވާސްއެއް އޭނާއަށް ދިނެވެ. އޭނާގެ ލޯބީގެ ހަނދާނެއްގެ ގޮތުގައެވެ. ފިރާޝާ އެވާސްގެންގޮސް އޭނާ ހުންނަ ކޮޓަރީގެ މޭޒުމަތީގައި ބެހެއްޓިއެވެ. އަދި އެވާސްތެރެއަށް ފެންއެޅުމަށްފަހު އަޝްރަފު ހަދިޔާކުރި ފިނިފެންމާވެސް އެއަށް ލިއެވެ.

އަޝްރަފް މާލެ ދިއުމަށްފަހު ޖެހިގެން އައި ހަފްތާ ފިރާޝާއަށް އެއް ގަރުނަށްވުރެވެސް ދިގުކަމަށް އިހްސާސްކުރެވުނެވެ. ކޮންމެ ރެޔަކު ނިދަން އޮށޯންނަމުން ފިރާޝާ އެމަލުގައި ބޮސްދެއެވެ. އޭނާ ދެރަވަނީ އެންމެ ކަމަކާއެވެ. މާލެ ދިޔަފަހުން އަޝްރަފުގެ ހަބަރެއް ނުވާތީއެވެ. އެކަމަކު އޭނާ އަޝްރަފަށް އިތުބާރުކުރެއެވެ.

މާލެއަށް ފުރަން އޮތް ދުވަހު ފިރާޝާ ހުރީ ހިތް އަވަސްވެފައެވެ. މާލެ ނާދެވިގެންނެވެ. ފްލައިޓްއޮތީ ރޭގަނޑެވެ. ނުފުރިދާނެތީ މާކުރިން އެމީހުން އެއަރޕޯޓަށްވެސް ދިޔައެވެ.

މާލެއަށް އާދެވުނީ ރޭގަނޑު 10 ޖަހައި ބޮޑުވިފަހުންނެވެ. އެދުވަހު ފިރާޝާ ހުރީ ހިތްހަމަ ޖެހިފައެވެ. ހެނދުނު ތިނަދޫން ފުރުމުގެ ކުރިން އަޝްރަފު ގުޅީމައެވެ. ހާލު ރަނގަޅު ކަމަށާއި ނުގުޅުނީ މާ ބުރަކޮށް އުޅުމުގެ ސަބަބުން ކަމަށްވެސް ބުނީމައެވެ.

ފިރާޝާ ފޯނު ބޭއްވީ އެއާޕޯޓަށް ދާން ވެގެންނެވެ. ގޮސް ގުޅާނަމޭ ބުނެފައެވެ. ފިރާޝާގެ ގެއެއްވެސް އަޝްރަފަކަށް ނޭނގޭނެއެވެ.

ގެއާ ހަމައަށް އާދެވުނު އިރު އެގާރަ ޖަހަން ކައިރިވެއްޖެއެވެ. ޓެކްސީއަށް ފައިސާ ދެއްކުމަށްފަހު އަވަސް އަވަހަށް ފިރާޝާ ކާރުން ފޭބިއެވެ. ފެންވަރާލައިގެން އަވަހަށް އަޝްރަަފަށް ގުޅުމަށްޓަކައެވެ. އޭނާ ބާރުބާރަށްގޮސް ދޮރާށި ހުޅުވާލިއެވެ.

ދަބަސް ހިފައިގެން ގޭތެރެއަށް ވަނުމަށްޓަކައި ހިނގައިގަތެވެ. އެވަގުތު އޭނައަށް ކުއްލިއަކަށް ހުއްޓެވިއްޖެއެވެ. އަދި ޖޯލިފައްޗާދިމާއަށް ދެވަނަ ފަހަރަށްވެސް ބަލައިލެވުނެވެ. ފުރަތަމަ ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. އެކަމަކު އެއީ ހަގީގަތެވެ. މިރޭ ރީޝާއާ އެކު ޖޯލިފަތީގައި އެ އޮތީ ދެވަނަ މީހެއް ނޫނެވެ. ފިރާޝާ އޭނާގެ އަމިއްލަ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ އަޝްރަފެވެ. އެ ދެމީހުން ތިބި ގޮތަށް ބަލާ އިރު އެ ގުޅުމާ މެދު އިތުރު ސުވާލެއް ކުރާނެ ޖާގައެއް ވެސް ނެތެވެ.

(ނިނުމީ)