ޝިއުރީ އިބްރާހީމް އަކީ ރާއްޖޭގެ ޓީޓީއަށް އާ ނަމެއް ނޫނެވެ. ޗެމްޕިއަނެކެވެ. ކޯޗެކެވެ. އެ ކުޅިވަރަށް ހިދުމަތް ކުރަމުން އަންނަ ލާމަސީލު އެތުލެޓީކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ކެރިއަރު ފަށައި، ކޯޗިންއަށް ނުކުމެ، އެވަރުން ނުފުދި މިއަދު އެސޯސިއޭޝަންގެ ނައިބު ރައީސް ކަމުގައި ޝިއުރީ ހުރީ އޭނާ ޓީޓީއަށް ދޭ ލޯތްބެއްގެ ސަބަބުންނެވެ. ޓީޓީއަށް ޝިއުރީ ލޯ ހިންގާލަތް ބޮޑުކަން އޭނާގެ މުޅި ކެރިއަރުން ޔަގީންވެއެވެ. އެންމެ ކުރިން ފެށިގެން ޝިއުރީ މިއަދާ ހަމައަށް ކުރި ދަތުރު އޭނާ ވަނީ "ވަން" އާ ހިއްސާވެސް ކޮށްފައެވެ.

"އިސްކަންދަރު ސްކޫލުގައި އުޅުނުއިރު ޓީޓީ ފުރަތަމަ ކުޅެން ފެށީ. ފުވައްމުލަކަށް ދިޔަ ދަތުރެއްގައިވެސް އެކޮޅުގައި ޓީޓީ ކުޅެން ބަޔަކު އުޅުމުން އެތަނުގައިވެސް ކުޅެ، ދެން ގްރޭޑް ތިނެއްގައި އުޅުނުއިރު އިންޓަ ހައުސް ބައްދަލުވުމަކަށް ގޮވާލީމާ ގޮސް ޓީޗަރު ކައިރީގައި ބުނިން ޓީޓީ ކުޅެން ބޭނުންވާ ވާހަކަ. އެކަމަކު އެފަހަރު ފުރުސަތެއް ނުލިބުނު. ދެރަވި އެފަހަރު ފުރުސަތު ނުލިބުނީމަ،" ޝިއުރީ އޭނާގެ ފުރަތަމަ ތަޖުރިބާ ކިޔައިދިނެވެ.

އެ ފުރުސަތު ގެއްލުނު ނަމަވެސް، ދެވަނަ ފަހަރަށް އަނެއްކާވެސް ޝިއުރީ މަސައްކަތްކޮށް، އެކަން ކާމިޔާބުކުރީ އޭގެ ދެ އަހަރު ފަހުންނެވެ. އެއީ ޓީޓީގެ ފެށުންވެސް މެއެވެ. ގްރޭޑް ހަތެއްގައި އުޅެމުން ޖޫނިއާ ގައުމީ ޓީމަށް ޝިއުރީ އަރާފައިވާ އިރު، އެފަހަރު ސައުތު އީސްޓް އޭޝިއަން މުބާރާތެއްގައި ބައިވެރިވާން ފުރުސަތުވެސް އޭނާއަށް ލިބުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިނަލްއަގުވަމީ ފަންތިއަށްވެސް ޝިއުރީ ދިޔައީ އުމުރަކަށް ބެލުމެއް ނެތިއެވެ.

"އެފަހަރު ސައުތު އީސްޓް އޭޝިއަން މުބާރާތަަށް ބަންގްލަދޭޝްއަށް ދިއުމުގެ ކުރިން އަދި ލިބުނު ވޯލްޑް ޗެމްޕިއަންޝިޕް ރޭންކިންއަށް މެޗުތަކެއް ކުޅުމުގެ ފުރުސަތުވެސް. ދެން ރޭންކިން ކުޅެފައި ގޮސް ބަންގްލަދޭޝްގައި ހުއްޓައި ހަބަރު ލިބުނީ، އެފަހަރު މުބާރާތަށް ދާން އުޅުނު ކުޅުންތެރިން ކޮންމެވެސް ކަމެއް ދިމާވެގެން ނުދެވޭ ހަބަރު، ދެން ރޭންކިން އެންމެ މަތީގައި އިނީ ޝިއުރީ ކަމަށް. ވަރަށް ޒުވާން އުމުރު ވޯލްޑް ޗެމްޕިއަންސްޝިޕަށް ދިއުމަކީ ލިބުނު ބޮޑު ކާމިޔާބެއް،" ފުރަތަމަ ބައިނަލްއަގުވާމީ ހަނދާންތައް ޝިއުރީ ކިޔައިދިނެވެ.

އެފަހަރު މުބާރާތަށް މުޅި ދުނިޔެއިންވެސް ދިޔަ އެންމެ ހަގު ކުޅުންތެރިޔަކީ ޝިއުރީއެވެ. އެކަމަށް ގިނަ ބައެއްގެ ލޯތައް ހުއްޓިފައި އޮތް އިރު، އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ މެޗަކީ މުބާރާތުގެ އެންމެ ދުވަސްވީ ކުޅުންތެރިޔާއާ ދެކޮޅަށް ޝިއުރީ ކުޅުނު މެޗެވެ. އެ މެޗުން ޝިއުރީ މޮޅުވުންވީ މީޑިއާގެ ސަމާލުކަމަށްވެސް އައި ކަމަކަށެވެ. މަޖާ ތަޖުރިބާއެއްގެ އިތުރުން ފާހަގަކޮށްލެވޭ ކާމިޔާބީއެއްވެސް މެއެވެ.

ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ފަސް އަހަރު ޖެހިޖެހިގެން ޝިއުރީ ހޯދި އިރު، ޝިއުރީ ވަނީ ބައިނަލްއަގުވާމީ ލެވެލްގައިވެސް ވަރުގަދަ މެޗުތަކެއް ކުޅެފައެވެ. ޒުވާން އުމުރުގައިވެސް ޝިއުރީގެ ހުނަރު ވިދާލި އިރު، އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ފާހަގަކުރަނީވެސް ޒުވާން އުމުރުގެ ކާމިޔާބީތަކެވެ.

"އުމުރުން 16 އަހަރުގައި ޒުވާނުންގެ ގައުމީ އިނާމު ލިބުނު. އެއީ އޭރަށް ބަލާފައި ވަރަށް ފާހަގަކޮށްލެވޭ ކަމެއް. އެހާ ކުޑައިރުގައި ޒުވާނުންގެ ގައުމީ އިނާމު ލިބުން. ކުޅުންތެރިއެއްގެ ގޮތުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ލިބުނު ޓީމުގައި ހިމެނުމަކީވެސް ކާމިޔާބީއެއް. އެއީ މެޑަލް ލިބޭނެކަން ގަބޫލުކޮށްދޭން އެންމެން ކުރި މަސައްކަތެއް ކާމިޔާބުވުން،" 2020 ވަނަ އަހަރު ގައުމީ އިނާމުވެސް ހާސިލުކުރި ޝިއުރީ ފާހަގަކުރިއެވެ.

ޝިއުރީގެ ކާމިޔާބަށް އޮތް ރެސިޕީއަކީ ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި ކުރާ ކަމެއް ރަނގަޅަށް ކުރުމެވެ. އެއީ ޝިއުރީ ސިފަކުރި ގޮތުގައި ޅަ ދުވަހުން ފެށިގެން އޭނާގެ ކެރިއަރު ބައްޓަން ކުރި އަސާސެވެ.

"ކުރާ ކަމެއް ކުރަން ޖެހޭނެ ވަރަށް ސީރިއަސްކޮށް. ކަމެއް ކުރާއިރު އެކަމެއް ކުރަން ދޭން ޖެހޭ ފޯކަސްއާއި އެކަމަށް ދޭން ޖެހޭ ވަގުތު ދޭން ޖެހޭނެ 200 ޕަސެންޓް. އެއީ އަސްލު ކީ އަކީ. ކުޅެން ދިޔައިރު ހެނދުނަސް ރޭގަނޑަސް، ސްކޫލް ނޫން ހުރިހާ ގަޑިއެއްގައި ކުޅެން އުޅޭނީ. ކޯޗުންގެ ވާހަކަތަކަށް ކޮންމެހެންވެސް ސަމާލުކަން ދީ، ނިދުމާއި ކެއުމުގެ ކަންކަންވެސް ބަލައިގެން ގެންގުޅެ، ހުރިހާ ކަންކަމެއް ރަނގަޅު ކޮށްގެންވާނީ،" ޝިއުރީ އޭނާ ކާމިޔާބަށް ކުރި ދަތުރު ފާހަގަކުރަމުން ބުނެފައިވެއެވެ.

ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް ޓީޓީ ކުޅުންތެރިޔާ ޝިއުރީ، ކޯޗިންނަށް ނުކުތުމަކީ ބައެއް ފަރާތްތަކަށް ހައިރާން ކަމެއް ނަމަވެސް، މާ ކުރިން ފެށިގެން ކުޅުންތެރިއަކަށް ހުރެވެސް ކޯޗިންގެ މަސައްކަތް ޝިއުރީ ވަނީ ކޮށްފައެވެ. އެއީ ސްކޫލްތަކުގައެވެ. ސީނިއާ ކޯޗު ދޭ އިރުޝާދުތައް މަޑުމަޑުން ސިކުނޑިއަށް ނަގަމުން، އެމީހުންގެ ގެންގުޅޭ މެތަޑުތައް ދަސްކޮށް، ޝިއުރީ ވެފައި ވަނީ މިހާތަނަށް ޓީޓީން ހޯދި އެންމެ ބޮޑު ކާމިޔާބީގެ ހިއްސާ ދާރަކަށްވެސް މެއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ރަން ކާމިޔާބީގެ މެޑަލްތައް ޝިއުރީ އަޅާލީ ކޯޗެއްގެ ގޮތުގައެވެ.

ޝިއުރީ ސިފަކުރާ ގޮތުގައި އެ ކާމިޔާބީތަކަކީ ގައުމަށް ކޮށްދެވުނު އަގުހުރި މަސައްކަތެކެވެ. ހާއްސަކޮށް އައިއޯއައިޖީގެ ހަނދާންތައް ޝިއުރީ އާކުރީ ހިނިތުންވުމާއެކުގައެވެ.

"އެއީ ހަނދާނުން ފޮހެލަން ދަތި ހަނދާންތަކެއް. އެއީ ގައުމެއްގެ ރައީސަކާއެކު އެފަދަ ކާމިޔާބީއެއްގެ އުފާފާޅުކޮށް، ރާއްޖޭގެ ހުރިހާ އެންމެންވެސް ފައިނަލް މެޗު ކަހަލަ މެޗުތައް ލައިވްކޮށް ބަލަމުން ދިޔަ ދިއުން ފާހަގަކުރެވޭނެ. އަދި އެވޯޑިން ހަފްލާގައިވެސް ގައުމުގެ ރައީސް އަތުން އެ މެޑަލް ލިބުން އެއީ ބުނެދޭން ނޭނގޭނެ އުފާވެރި ވަގުތުތަކެއް. އެއީ ވަރަށް ނުވާނެވެސް ކަމެއް،" ޝިއުރީ އައިއޯއައިޖީގެ ހަނދާންތައް އާކުރިއެވެ.

ޓީޓީ ޓޭބަލް ކައިރިން ކުޑަކުޑަކޮށް ދުރަށް ޖެހި، މިހާރު އޭނާ ހުރީ އެ ކުޅިވަރުގެ ގޮތް ނިންމާނެ ފަންތިއަށް ޖެހިލައިގެންނެވެ. އެކަމަށް ކުރިމަތިލައި، ފޯރިގަދަ އެކްސްކޯ އިންތިހާބު ކާމިޔާބުކުރީ ދުރު ވިސްނޭ ޕްލޭނަކާ އެކުގައެވެ. އެ ޕްލޭނަކީ ރާއްޖޭގެ ޓީޓީ ބަދަލުކޮށްލާނެ ޕްލޭނެއްކަން ޝިއުރީ ފާހަގަކޮށްފައިވާ އިރު، ތަޖުރިބާގެ އަލީގައި ޝިއުރީ ހުރީ ޓީޓީ އެހެން ފަންތިއަކަށް ގެންދަން ތައްޔާރަށެވެ.

ޓީޓީގެ ކުރިމަގަށް އެންމެ ބޮޑަށް ކުރަން ބޭނުންވާ ކަމަކީ ރަނގަޅު ވެނިއުއެއް އޮތުންކަން ޝިއުރީ ފާހަގަކޮށްފައިވާ އިރު، ޓީޓީގެ ކާމިޔާބީތަކާއެކު އެކަން ބަލައިގަނެ، ސަރުކާރުން އެކަމަށް ފަހިކޮށްދީގެން ރަނގަޅު ހޯލެއް ހޯދައިދިނުން އެއީ ޓީޓީއަށް ލިބުނު އެންމެ ބޮޑު އެއް އުފާކަން ޝިއުރީ ފާހަގަކުރިއެވެ.

މިހާރުގެ އެކްސްކޯއާއެކު ޝިއުރީގެ ތަސައްވަރު ކުރަހާލަނީ މުޅި ރާއްޖެ ޓީޓީގައި ހިމަނައިގެންނެވެ. އެންމެ މުހިއްމު ކަމަށް ދެކިގެން ޝިއުރީއާއެކު ޓީމުން ކުރާ މަސައްކަތަކީ ރާއްޖެއަށް ޓީޓީ ފަތުރައިލުމެވެ.

"ޓީޓީގައި އެކަޑެމީތައް މަދު ނަމަވެސް މަޑުމަޑުން ކުޅުންތެރިން ތަމްރީނުކުރަން މަސައްކަތް ކުރަން އެބަޖެހޭ. އެކަޑެމީތައްވެސް އުފައްދަން އެބަޖެހޭ. އެއީ ކުޅިވަރު ކުރިއަރުވަން ވަރަށް މުހިއްމު ކަމެއް. ބެލެނިވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ ކުދިން އަތުގައި ހިފައިގެން ތެދުވަން ތިބި ބަޔަކީ އެއީއޭ. ބެލެނިވެރިން ކުރާ މަސައްކަތުން ނަތީޖާ ފެންނާނެ. މުޅި ރާއްޖެއަށް ޓީޓީ ފަތުރާލަން އެބަ ބޭނުންވޭ. އެއަށް އެބަ ބޭނުންވޭ އެންޖީއޯތައް، ކައުންސިލް، ބެލެނިވެރިންނާއި ރަށްތަކުގެ ރައްޔިތުންގެ ސަޕޯޓް. އެކަން ކުރެވޭނެ ކަމަށް ދެކިގެން އެޕްރޯޗް ކުރަންވީ އެސޯސިއޭޝަނަށް. އެކަމަށް މިހާރުގެ މެނޭޖުމަންޓް ތައްޔާރުވާނެ، އެންމެން ގުޅިގެން ޓީޓީ ކުރިއަށް ގެންދަން،" ޝިއުރީ ފާހަގަކުރިއެވެ.

ކުޅުންތެރިއަކުން، ކޯޗަކަށްވެ، މިހާރު އެސޯސިއޭޝަންގެ ނައިބު ކަމުގައި ޝިއުރީ ހުންނެވީވެސް ހަމަ ކުޅިވަރަށް އޮތް ލޯބީގެ ސަބަބުންނެވެ. މިއަދު އެދެކޭ ތަސައްވަރަކީ ގައުމުގެ ޓީޓީ ބަދަލުކުރުމަށް ދެކޭ ތަސައްވަރެވެ.