މަހުޖަނު އީލޮން މަސްކުގެ ޓެސްލާ ކުންފުނީގެ ވިޔަފާރި އިންޑިއާގައި ފެށުމަށްޓަކައި ޓެސްލާގެ އުފެއްދުންތައް ވިއްކާ ސޭލްސް ސެންޓަރުތައް ހެދުމަށް ރަނގަޅު ސަރަހައްދުތައް ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
އީލޮން ވަނީ މިއަހަރާއެކު ޓެސްލާ އިންޑިއާގައި އިންވެސްޓު ކުރަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތުގެ ދަށުން މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓެސްލާ އިން ވަނީ އިންޑިއާގައި ލޯކަލް ކުންފުންޏެއް ރަޖިސްޓަރީ ކޮށްފައެވެ.
ޓެސްލާގެ ވިޔަފާރި އިންޑިއާގައި އެންމެ ފުރަތަމަ ފަށާނީ ސޭލްސް ސެންޓަރުތަކާއެކު މިއަހަރުގެ މެދުތެރޭގައެވެ. އެގޮތުން ފުރަތަމަ އިމްޕޯޓްކޮށް ވިއްކާނީ އެ ކުންފުނިން އުފައްދާ މޮޑެލް 3 ސެޑާންގެ ކާރުތަކެވެ. މި ވިޔަފާރި އަމާޒުކޮށްފައިވަނީ އިންޑިއާގެ މަހުޖަނުންނަށެވެ.
މަސްދަރުތަކާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން, ޓެސްލާ އިން ދަނީ އިންޑިއާގެ ވެރިރަށް ނިއު ދެއްލީ އާއި ވިޔަފާރީގެ މައި މަރުކަޒު މުމްބާއީގެ އިތުރުން ހުޅަނގުގައި އޮންނަ ބެންގަލޫރުގައި ޝޯރޫމަކާއި ސާވިސް ސެންޓަރެއް ހުޅުވަން ބޭނުންވާ ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ހޯދަމުން ދަނީ 20,000 އަކަފޫޓާއި 30,000 އަކަފޫޓުގެ ތަން ކޮޅަކަށެވެ.
މިއީ ކާރު އުފައްދާ މަޝްހޫރު އެހެން ކުންފުނިތަކުން އިންޑިއާގެ މި ތިން ސިޓީގައި ހުޅުވާފައިވާ ޝޯރޫމްތަކަށް ވުރެ ބޮޑު ޖާގައެކެވެ. އެގޮތުން އާންމުކޮށް ލަގްޒަރީ ކާ ޝޯރޫމްތައް ހުޅުވާފައި ހުންނަނީ 8000 އާއި 10,000 އަކަފޫޓުގެ ޖާގައެއްގައެވެ.
އޭގެ އިތުރުން ޓެސްލާ އިން ވަނީ އިންޑިއާގެ އިންވެސްޓްމަންޓް ޕްރޮމޯޝަން ބޮޑީ, އިންވެސްޓް އިންޑިއާގެ ކުރީގެ އެގްޒެކެޓިވްއަކު އެ ކުންފުނިން އިންޑިއާގައި ހިންގާ އޮޕަރެޝަންތަކުގެ ވެރިޔަކަށް ހަމަޖައްސައިފައެވެ. ނަމަވެސް މީގެން އެއްވެސް ކަމެއް ޓެސްލާއަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު