ދުނިޔެ

ޗައިނާ ވެކްސިންތަކުގެ ރައްކާތެރިކަމުގެ މިންވަރު ދަށްވުމުން އެހެން ވެކްސިންތަކާ މަސްހުނި ކުރަނީ

ކޮވިޑް ވެކްސިނުން ބަލިން ރައްކާތެރިވާ މިންވަރު އިތުރުކުރުމަށް އެހެން ވެކްސިންތަކާ މަސްހުނި ކުރުމުގެ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށް ޗައިނާގެ ސިއްހަތާ ބެހޭ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑާ ދެކޮޅަށް ޗައިނާއިން އުފައްދާފައިވާ ވެކްސިންތައް, ފައިޒާ އަދި މޮޑާނާ ފަދަ އެހެން ކޮވިޑު ވެކްސިންތަކަށް ވުރެ ކޮވިޑާ ދެކޮޅަށް މަސައްކަތްކުރާ މިންވަރު ދަށެވެ. ނަމަވެސް އެ ވެކްސިން ރައްކާކުރުމުގައި ދަށް ފިނިހޫނުމިނެއްގައި ބެހެއްޓެއެވެ.

ޗައިނީސް ސެންޓާސް ފޮ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ޑިރެކްޓަރު ގައޯ ފޫ ވިދާޅުވީ, މީހުންނަށް އެކި ވައްތަރުގެ ވެކްސިން ޑޯޒް ދިނުމަކީ ވެކްސިނާ ދެކޮޅަށް މާބޮޑު ރައްކާތެރިކަމެއް ނުލިބޭ ވެކްސިންތަކުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމެއް ކަމަށެވެ. ނަމަވެސް އޭނާ އެ އިޝާރާތް ކުރައްވަނީ ޗައިނާގައި އުފައްދާ ވެކްސިންތަކަށް ކަމެއް ނޭނގެއެވެ.

ބްރެޒިލްގައި ކުރިއަށް ގެންދިޔަ ޗައިނާގެ ސިނޮވެކް ބަޔޯޓެކުން ކޮވިޑާ ދެކޮޅަށް އުފެއްދި ދެ ވެކްސިނެއްގެ ތިންވަނަ ފޭސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން, އެ ވެކްސިންތަކުގެ ދެވަނަ ޑޯޒު ތިން ހަފުތާއަށްވުރެ ކުރު މުއްދަތެއްގައި ދޭނަމަ އެ ވެކްސިންގެ ރައްކާތެރިކަމަކީ 49.1 ޕަސެންޓެވެ.

ނަމަވެސް ކުދި ސަބް ގުރޫޕަކުން ތައްޔާރުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން, ޗައިނާގެ ސިނޮވެކް ވެކްސިންގެ ދެވަނަ ޑޯޒް ތިން ހަފުތާ ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށްފަހު ޖަހާނަމަ ވެކްސިންގެ ރައްކާތެރިކަން 62.3 ޕަސެންޓް އިތުރުވެއެވެ.

ނަމަވެސް ޗައިނާގެ ސިނޯފާމް ވެކްސިންގެ ރައްކާތެރިކަމާ ގުޅޭގޮތުން މިހާތަނަށް ވެސް އެކަށީގެންވާ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.