ކުއްލިއަކަށް މޭޒުމަތީގައި ހުރި ބިއްލޫރި ވާސް ވެއްޓިއްޖެއެވެ. ފިރާޝާއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އޭނާ އިނީ ކޮންމެވެސް ހިޔާލެއްގަ ތެރެއަށް ގެއްލިފައެވެ. ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައި ކަން އޭނާގެ މޫނުމަތިން ސާބިތުކޮށްދެއެވެ. ނިތްކުރިމައްޗަށް އަރާފައިބަމުންދާ ރޫތަކުންނެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިންގޮތުންނެވެ. ގަޑިން މިހާރު މެންދަމު ދޭއްޖަހާ ބޮޑުވެއްޖެއެވެ. އެކަމެއްވެސް ފިރާޝާއަކަށް ނޭނގެއެވެ.
ނިދި ނުވެސް އަންނަ ކަހަލައެވެ. ނޫނީ ނިދި މަތިން ހަނދާން ނެތިފައި އިނީއެވެ. ބާލާ މީހަކު ބުނާނީ އެއީ ބަލި މީހެއް ކަމުގައެވެ.
އެހެން އިންނަ އިރު އޭނާގެ ދެލޮލުން އިރުއިރުކޮޅުން ކަރުނަ ހިލިގެންދެއެވެ. މީގެ އިރުކޮޅެއް ކުރިން ރޮއިފައިވާކަމުގެ ނިޝާން ދެލޮލުގެ ކައިރިން މިހާރުވެސް ފެންނަން އެބަހުއްޓެވެ.
************
ރަތް ކުލައިގެ ފިނިފެންމަލެއް ތަޅުންގަނޑު މަތީގައި އޮތެވެ. އެމާ މިހާރު ވަނީ ހިކިފައެވެ. އެއީ ފިރާޝާގެ ހަޔާތުގެ އެއްބައެވެ. އެ މާދިން މީހާގެ ސަބަބުންނެވެ. އެކަމަކު އެއީ ހުވަފެނެކެވެ. އެކަހަލަ ހުވަފެން ރަނގަޅު ވާނީ ނުފެނުނިއްޔާއެވެ.
"ފިރާޝާ ކިހިނެއް ވެފަތަ ތިއިނީ؟ ރޭ ނުވެސް ނިދަނީތަ؟" ފިރާޝާގެ މަންމަ އާނިޔާ ކޮޓަރިއަށް ވަނެވެ. އެހެން ރޭރެއެކޭވެސް އެއްފަދައިންނެވެ. ފިރާޝާއަށް ފަތިސް ނަމާދަށް ގޮވުމަށެވެ. އޭރު ގަޑިން ފަތިހު ހަތަރެއް ޖަހާ ބޮޑު ވެއްޖެއެވެ.
"މި ވާސް ތަޅައިގެން ދިޔައީ ކޮން އިރަކު؟" ތަޅުންގަނޑު މައްޗަށް އިޝާރާތްކޮށްލަމުން އާނިޔާ އިތުރު ސުވާލެއް ކޮށްލިއެވެ. އިނާޔާގެ އަޑުގައި ހުރީ ހާސްކަމެވެ. ރުޅިވެރިކަން ވެސް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައެވެ.
"ނޭނގެ މަންމާ. އަހަރެންނަށް ހޭލެވެނީ ދެންމެ" ފިރާޝާ އޮޅުވައިލެވޭތޯ މަސައްކަތް ކުރިއެވެ. ހަގީގަތް ކިޔައިދެވޭނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާގެ ދުލަށް އެހާ ބާރު ލިބިގެން ނުވެއެވެ. އެހެން ނޫނަސް އޭނާއަށް މަޖުބޫރެވެ. ބައެއް ފަހަރު އެގޮތަށްވެސް ކަންތައްތައް ދިމާވާނެއެވެ. ކިތަންމެ ކިޔައިދޭން ބޭނުން ވިޔަސް ކަޔައި ދިނުމަށް އުޒުރު ވެރިވެއެވެ. ހާލަތު ނިޔާ ކުރާ ގޮތުންނެވެ. ނުވަތަ އެނޫންވެސް ސަބަބަކާހުރެއެވެ.
"އެކަމަކު ފިރާޝާ! މިއޮއްބޮޑު ވާސް ވެއްޓި ފުނޑުފުނޑު ވީއިރުވެސް ހެއެއް ނުލެވޭތަ؟" އިނާޔާގެ އަޑުބާރުވިއެވެ.
"ތިވާނީ ނިދީގެ ތެރޭގައި މޭޒުމަތީ ފައިން ޖެހުނީކަމަށް." ފިރާޝާ ހިންދިރުވާލިއެވެ. އޭނާއަކީ މަންމަ އަށް ދޮގުހަދާ ކުއްޖެއް ނޫނެވެ. އެކަމަކު މިއަދު އޭނައަށް އެޖެހުނީ ދޮގަކަށްފަހު ދޮގެއް ހަދާށެވެ.
*******
އެންމެ ކުޑަ އިރުއްސުރެ ފިރާޝާ އުޅެ ބޮޑުވަމުން އައީ ވަރަށް އެކަހެރި ކޮށެވެ. އޭނާގެ ދައްތަ ރީޝާއަށް ލިބޭ ލޯބި އޭނާއަކަށް ނުލިބެއެވެ. މަންމަވެސް އޭނާއާ ވާހަކަދައްކައެއް ނުހަދައެވެ. ބައްޕަވެސް ބޮޑަށް ލޯބި ވަނީ ދައްތަ ދެކެއެވެ. ކީއްވެކަމެއް ނޭގެއެވެ.
ސާނަވީ ތައުލީމު ނިމެންދެންވެސް ހާލަތު އޮތީ މިގޮތަށެވެ. އެހެން ކަމުން ފިރާޝާވެސް މަންމައާއި އެހާ ގިނައިން ވާހަކަދައްކައެއް ނުހަދައެވެ. ނުވެސް ކެރެއެވެ.
ހުރިހާ އެންމެނާ އޭނާގެ މިޒާޖު ތަފާތެވެ. ގިނައިން ވާހަކަދައްކައެއް ނޫޅެއެވެ. އަބަދުވެސް ހުންނަނި ހިޔާލެއްގެ ތެރޭގައެވެ. ވަރަށް ބޮޑަށް ކަންތައްތަކާ ވިސްނައެވެ. އެހާ އަވަހަށް ދެރަވެއެވެ. ކުދިކުދި ކަންތައްތަކާ ގުޅިގެންވެސް އަމިއްލަ ނިކަމެތިކަން އިހްސާސް ކުރެވެއެވެ.
ފިރާޝާއަށް ލިބިފައިވާ މާތް އަހުލާގުގެ ސަބަބުން ސްކޫލުގެ ހުރިހާ ކުދިންވެސް އޭނާދެކެ ވަރަށް ލޯބިވެއެވެ. ޓީޗަރުންވެސް އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއެވެ. އެހެން މީހުންވެސް އޭނާގެ އަހުލާގުގެ މާތްކަމުން އޭނާއަށް އިހްތިރާމް ކުރެއެވެ.
މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ފިރާޝާއަށް ގުދުރަތީގޮތުން ދެއްވި އެންމެ އަގުބޮޑު ހަދިޔާ އަކީ އޭނާގެ ރީތިކަމެވެ. ފުރިހަމަކަމެވެ. ފަންފަން ދިގު އިސްތަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. އޭނާއަށް ލިބިފައިވާ ސާފު ދެލޮލާ ހަތަރުކަޅިބައްދަލު ވެއްޖެ ޒުވާނަކަު އެލޮލުގެ ފުންކަމުގެ ތެރޭގައި އަބަދުވެސް ވުމަށް އެދޭނެއެވެ. އެ ދެލޯ މެރިގެންދާއިރު އިރު ވެސް އޮއްސިގެންދާ ކަހަލައެވެ. ހަށިގަނޑާއި ރޫފަ އެޅިގެންދާ ފަދަ ދޮން ހަށިގަނޑަކާއި ފުރިހަމަ އިސްކޮޅެއް އޭނާއަށް ލިބިފައިވެއެވެ. އަޑުގައިވާ ގުދުރަތީ އޮމާން ކަމަކީ އެއަޑު އަހައިފި މީހަކަށް އެއްފަހަރުން ނުފުދޭފަދަ ފުރިހަމަކަމެކެވެ. އޭނާގެ ކޮންމެ ބަލައިލުމެއްގައިވާ ޖާދުވީ އަސަރު ޒުވާން ކޮންމެ ފިރިހެން ކުއްޖެއްގެވެސް މުޅި ހަވާ ނަފްސު ހަފުސް ކޮށްލާހާވެއެވެ.
ފިރާޝާ އާއި ރީޝާ ސްކޫލު ނިންމީ އެއް އަހަރެއްގައެވެ. ފިރާޝާ އެއްވެސް ކްލާހެއްގައި ރިޕީޓެއް ނުވެއެވެ. އެކަމަކު ރީޝާ ތިން ގްރޭޑެއްގައި ރިޕީޓްވިއެވެ.
ސްކޫލު ނިމުމަށްފަހު ފިރާޝާ އަވަސްވެގަތީ ވަޒީފާއަކަށް ވަނުމަށެވެ. އޭނާގެ ނަސީބު ވަރަށް ގަދައެވެ. ފުރަތަމަ ސިޓީލި އޮފީހުންވެސް އޭނާއަށް ވަޒީފާ ލިބުނެވެ. ވަރަށް ފަސޭހަކަމާއެކުގައެވެ. އޮފީހުގެ އެންމެންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އެކުގައި މަސައްކަތް ކުރާ ކުދިންނެވެ. އެކި ފެންވަރުގެ ވެރިންވެސް މެއެވެ.
އެއްދުވަހުގެ މެންދުރެވެ. ފިރާޝާ އިނީ އޮފީހުގައި އޭނާގެ މޭޒުދޮށުގައި އެއްޗެއް ޓައިޕް ކުރުމަށެވެ. ކައިރީގައި ގިނަ ކަރުދާސްތަކެއް ފުނި ޖެހިފައި ހުއްޓެވެ. އެއީ އަނެއް ދުވަހަށް ނިންމަން ޖެހިފައި ހުރި ލިޔެކިޔުންތަކެވެ.
"ފިރާޝާ، ބޮސް އެބަގޮވާލައްވާ!" ފިރާޝާ ތެދުވިއެވެ. އަދި ހެދުން ރީތިކޮށްލުމަށްފަހު ބޮސްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ