ޚަބަރު

ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް އެސްޓީއޯއިން އެގްރިސެންޓަރު ހުޅުވައިފި

އަލީ ޔާމިން

ދަނޑުވެރިން ހައްދާ ތަކެތި ގަތުމަށްޓަކައި އެސްޓީއޯ އެގްރިސެންޓަރު ހުޅުވައިފި އެވެ.

އެގްރިސެންޓަރު ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެގްރިސެންޓަރު ހުޅުވުމާއެކު ދަނޑުވެރިން ހައްދާ ތަކެތީގެ ފުރިހަމަ ނަފާ ދަނޑުވެރިންނަށް ލިބޭނެ ކަމަށެވެ. އެގޮތުން އެގްރިސެންޓަރު އައުމުން ދަނޑުވެރިޔާ އާއި ބާޒާރުގައި ތަކެތި ވިއްކުމާ ދެމެދު ހުރި ފަށަލަތައް ނައްތައިލެވޭނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަކެތި ގަންނާނެ އެންމެ ދަށް އަގު، އެގްރިސެންޓަރުގެ ވެބްސައިޓުގައި މިހާރު ވާނީ ޝާއިއުކޮށްފައި. އޭރުން ދެކަމެއް އެބަ ހާސިލުވޭ. އެއްކަމަކީ ދަނޑުވެރިންނަށް ރަނގަޅު އަގެއް ލިބުން. އަނެއް ކަމަކީ ބާޒާރުގައި އަގުތައް ހިފެހެއްޓިގެން ދިއުން." އަމްރު ވިދާޅުވި އެވެ.

އެގްރިސެންޓަރުގައި މިހާރުވެސް ވަނީ 200 ދަނޑުވެރިން ރަޖިސްޓަރީ ވެފައެވެ. އަމްރު ވިދާޅުވީ، އެގްރިސެންޓަރުގެ ޕްރޮސެސް ރާވާފައި އޮންނަ ގޮތަކީ، ރަޖިސްޓްރީކުރަން ހުޅުވާލައިގެން ރަޖިސްޓްރީ ކުރާ ދަނޑުވެރިން ހައްދާ ތަކެތި ފޮނުމުގެ ކުރިން ކޮން ބާވަތެއް ކަމާއި ފޮނުވާ އަދަދު އެންގުން ކަމަށާއި ސެންޓަރަށް ތަކެތި ލިބުމުން އެތަކެތި ވިކޭނެ އަގު ދަނޑުވެރިންނަށް އަންގާނެ ކަމަށެވެ. އަދި ވަގުތުން ބޭންކް ޓްރާންސްފާއިން ދަނޑުވެރިޔާއަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ، ދަނޑުވެރިން ހައްދާ ގޮވާން ގަތުމަށްފަހު އެގްރިސެންޓަރުން އެތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރަން ރާވާފައިވާ ކަމަށެވެ.

ހަވީރީ ހިނގުމާއި ފާރު ކެނޑި ހިނގުން ގުޅޭ ކަންމަތީގައި ހުޅުވި އެސްޓީއޯގެ އެގްރިސެންޓަރުން ދަނޑުވެރިން ހައްދާ ތަކެތި މިއަދުން ފެށިގެން ގަންނަން ފަށާނެ އެވެ.