ވަން ރެސިޕީ

ވަން ކިޗަން: ޕޭން ފްރައިޑް ސްނެޕާ ވިތު ލައިމް މޭޝްޑް ޕޮޓޭޓޯ

އައިޝަތު އިނާޔާ

ރޯދަ މަހަށް މަރުހަބާ އެވެ. މި ރޯދަމަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެ އެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރުކޮށްދެނީ އެ ރެސްޓޯރަންޓްގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ނިޝާންތަ ތައްޔާރުކޮށްދީފައިވަނީ ޕޭން ފްރައިޑް ސްނެޕަރ ވިތު ލައިމް މޭޝްޑް ޕޮޓޭޓޯ އެވެ.

ބޭނުންވާނެ ތަކެތި:

250ގ ސްނެޕަރ (ރަތް މަސް، ފޮތިކޮށް ކޮށާފައި)
100ގ އަލުވި
80ގ ތަރުކާރީ:
(3 ކުލައިގެ ބެލްޕެޕަރ، 01 ކެރެޓް، 01 ޓޮމާޓޯ ކޮށާފައި)
2-3 އެސްޕެރެގަސް (ނުކޮށާ)
1 ލުނބޯ
60މލ ކުކިންގް ކްރީމް
ލޮނު އަދި އަސޭމިރުސް
2މޭޒުމަތީ ސަމްސާ ފުށް
2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
6 މޭޒުމަތީ ސަމްސާ ބަޓަރު

ތައްޔާރު ކުރާނެ ގޮތް

(1- މޭޝްޑް ޕޮޓޭޓޯ ތައްޔާރުކުރުމަށް)
ރަނގަޅަށް މަޑުވުމުން، އަލުވިކޮޅާއި 2 މޭޒުމަތީ ސަމުސާ ބަޓަރާ އެކު ތަވައެއްގައި ރަނގަޅަށް ޗަސްކޮށްލާށެވެ. 20މލ ކުކިންގް ކްރީމްކޮޅު އަޅައި، ލޮނާއި އަސޭމިރުސްކޮޅެއް އަޅައިގެން އުނދުންމަތީ، ހާކަމުން ހިކެންދެން ގާތްގަނޑަކަށް 10 ވަރަކަށް މިނިޓް ކައްކާލާށެވެ.

(2- ސޯޓޭޑް އެސޯޓެޑް ވެޖެޓަބަލް ތައްޔާރުކުރުމަށް)
ތަރުކާރީކޮޅުގެ ތެރޭގައި ހިމެނޭ ބެލްޕެޕަރ، ކެރެޓް، ޓޮމާޓޯ ކޮޅު އުނދުންމަތީގައި 1 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް ކޮޅެއް ހޫނުކޮށްލުމަށްފަހު މީރު ކޮށްލާށެވެ. މީރު ކުރާއިރު ލޮނު އަދި އަސޭމިރުސް ކޮޅެއް ރަހަލާވަރަށް އަޅާލާށެވެ. (ބޭނުންނަމަ 1 ސައިސަމްސާ ބަލްސަމިކް ސޯސް ކޮޅެއް އަޅައިލެވިދާނެއެވެ.)

ހަމަ މިގޮތަށް ސޯޓޭޑް ވެޖެޓެބަލް ގެ ގޮތުގައި ވަކިން 2 އެސްޕެރެގަސް ތައްޔާރުކޮށްލާފައި ގާނިޝް ކުރުމަށް ބޭނުންކުރާށެވެ.

(3- މަސްކޮޅު މެރިނޭޓް ކުރުން)
މަސްކޮޅު މެރިނޭޓްކުރުމަށްޓަކައި އެންމެ ފުރަތަމަ ލުނބޯގެ ހުތް ފެލައިލާށެވެ. (ލުނބޯ ހުތް ފެލުމަށްފަހު ލެމަން ބަޓަރ ސޯސް
ހެދުމަށް ޓަކައި އެއްލައިނުލައި ބާއްވާށެވެ.) އެއަށްފަހު ލޮނާއި އަސޭމިރުސް ދެފުށުގައި ރަނގަޅަށް ރަހަ ވަންނަ ވަރަށް އުނގުޅާލުމަށްފަހު އޭގެ މައްޗަށް ފުށްކޮޅެއް ބުރުވާލާށެވެ. ދެފަރާތުގައިވެސް ރަނގަޅަށް ފުށްކޮޅު ހޭކިފައި ހުންނަ ވަރަށް އުނގުޅާލުމަށްފަހު އިތުރުވާ ފުށްކޮޅު ޓިޝޫއަކުން ފުހެލާށެވެ. 25 މިނިޓް މެރިނޭޓް ކުރަން ބާއްވާށެވެ.

(4- ކްރީމީ ލެމަން ބަޓަރ ސޯސް)
1 މޭޒުމަތީ ސަމްސާ ބަޓަރު ވިރުވާލުމަށްފަހު ލުނބޮލުގެ ފިއްތައް އަޅާލައި 40 މލ ކުކިންގް ކްރީމްގައި 10 ވަރަކަށް މިނިޓްވަންދެން ކައްކާލާށެވެ.

ޑިޝް ތައްޔާރުކުރާނެ ގޮތް:

ތަވައެއްގައި 3 މޭޒުމަތީ ސަމްސާ ބަޓަރު ވިރުވާލާށެވެ. އަދި ބަޓަރުކޮޅު ވިރުމުން މެރިނޭޓްކުރި މަސްކޮޅު 2-3 މިނިޓް ވަންދެން
ރީތިކޮށް ތެލުލާށެވެ. (އަވަނުން ފިހޭނަމަ، 250 ސެލްސިއަސްގައި 10 ވަރަކަށް މިނިޓް ފިހެވިދާނެއެވެ.) ރަނގަޅަށް ތެލުލެވުމުން، އުނދުންމަތިން ނަގައި މަސްކޮޅު ވަކިން ޓިޝޫއެއްގައި ބާއްވާ ކޮންމެވެސް ވަރަކަށް ތެޔޮކޮޅު ފޮހެލާށެވެ.

ތައްޓެއްގައި އެންމެ ފުރަތަމަ މޭޝްޑް ޕޮޓޭޓޯ، އެއަށްފަހު ސޯޓޭޑް ވިޖިޓެބަލްސް އަދި އޭގެ މަތީގައި ތެލުލި މަސްކޮޅު އަތުރާށެވެ. އެއަށްފަހު އެސްޕަރަގަސް މަތީ ބާއްވާލައި، އިތުރު ސޯޓޭޑް ވެޖެޓެބަލްކޮޅަކުން ގާނިޝް ކޮށްލާށެވެ. އަދި ކްރީމީ ބަޓަރ ސޯސް އާއިއެކު ކެއުމަށް ބޭނުންކުރައްވާށެވެ.