(10 އޭޕްރީލް 2021 ގެ އަދަދާ ގުޅޭ)

أميــر يـوسف ގެ ނަންފުޅުގެ އަޑުއިވުމާއެކު މީހުންތައް މައިތިރިވެއްޖެއެވެ. އެންމެންތައް އެކިފަރާތްފަރާތަށް ކެހޭންފަށައިފިއެވެ. سعد بــن عبـدالمـنعــم ސިޑީން ފައިބައިވަޑައިގެންފިއެވެ. އޭނާ ސިފައިންގެ މީހަކަށް އިޝާރާތްކޮށްލެއްވުމުން އޭނާ އަސްމަތީން ފުންމައިލައިފައި އަހުގެ ލަގަން سعد ގެ އަތްޕުޅަށް އަރުވައިފިއެވެ. سعد އަސްމައްޗަށް ސަވާރުވެވަޑައިގެން ސިފައިންގެ ކޮމާންޑަރަކަށް އިރުޝާދުތަކެއް ދެއްވުމަށްފަހު އެއްފަރާތަކަށް އަސް އަނބުރައިލައްވައިފައި އަސް ދުއްވައިލައްވައިފިއެވެ. ރަށުތެރެއިން ނުކުމެވަޑައިގެން އޭނާ މިސުރާބު ޖެއްސެވީ ޣަރުނާޠާއާ ދިމާޔަށެވެ. އޭގެ އިރުކޮޅެއްގެފަހުން އިޝްބީލިއްޔާއާ ދިމާޔަށް ކޮތަރެއް އުދުހެމުންދެއެވެ. ޖަޒީރަތުލްޚަޟުރާއުގެ ގަވަރުނަރު ޝެހެޒާދާ راضى، سلطـان معـتـمـد އަށް ލިޔުއްވި ސިޓީފުޅެއް ހިފައިގެންނެވެ. އެދުވަހުގެ ހަވީރުވުމުގެ ކުރީން معـتـمـد ގެ ފަރާތްޕުޅުން راضى އަށް އަމުރުފުޅު އަތުވެއްޖެއެވެ. "އެއްވެސްވަރަކަށް ދެކޮޅުވެރިކަމެއް ކުރިމަތިލުމެއް ނުހިންގާށެވެ! ޖަޒީރަތުލްޚަޟުރާއު ދޫކޮށްލައިފައި ރިންދާއަށް ދާށެވެ!"

ميـمــونـة ފަތިސްނަމާދު ކުރައްވައި ނިމިވަޑައިގެންފިއެވެ. އޭނާ ދެއަތްޕުޅު އުފުލައިލައްވައިގެން އިންނަވައި ދުޢާކުރައްވަނީއެވެ. "މިއަޅާގެ ސާހިބުވަންތަ ރަސްކަލާކޯއެވެ! އެ އުންމީދީ ފަތިސް އަންނާނީ ކޮންއިރަކުންތޯއެވެ؟ މިއަޅާގެ ރޭތައް އިންތިހާޔަށް ދިގުވެއްޖެއެވެ. މިހާރަކު މިއަޅާގެ ކިބަޔަކު އިތުރަށް އިންތިޒާރުކުރެވޭހައި ހިތްވަރެއް ނެތެވެ. އޭނާ މިހާރު ވަޑައިގެންވީ ކޮންތަނަކުތޯއެވެ؟ އޭނާ ވަޑައިގަންނަވާނީ ކޮންއިރަކުންތޯއެވެ؟" މިއީ ميـمــونـة އޭނާގެ ކޮންމެ ދުޢާފުޅެއްގެ ފަހަތުގައި ތަކުރާރުކުރައްވާ ބަސްފުޅުތަކެކެވެ. ކޮންމެ ދުޢާފުޅަކާއެކު އޭނާގެ ތަޞައްވުރުގައި އޭނާ ގެންދަވަނީ އެފުރިކާގެ ފަރުބަދަތަކާއި ސަހަރާތަކާއި ޖަންގަލިތަކުގައި އުދުހިވަޑައިގަންނަވަމުންނެވެ. ބައެއްފަހަރު އޭނާ ޚިޔާލީ ލޯފުޅުން ދެކެވަޑައިގަންނަވަނީ سعد ވީރާނާ ސަހަރާތަކުގައި ވިދުވަރެއްފަދަ ހަލުއިކޮށް ދުވާ އަހެއްގެ މަތީގައި އިންނަވައިގެން އެފުރިކާގެ ބަރުބަރީ މުޖާހިދުންނަށް މަގުދައްކަވަމުން ގެންދަވާތީއެވެ. އޭނާއަށް އިވިވަޑައިގަންނަވަނީ އަސްތައް ނުހަނު ބާރަށް ކަޑަބޮއްޖަހައިފައި ދުވާ އަޑެވެ. ތީރުތަކުން ވައިކެފޭ އަޑެވެ. ކަނޑިތައް އެއްކަނޑި އަނެއް ކަނޑިޔާ ކޭއްތޭ އަޑެވެ. އޭނާއަށް ފެނިވަޑައިގަންނަވަނީ ކުކުރަމުން ގިސްލަމުން ގެންދާ ޒަޚަމީންނެވެ. سعد ދުޝްމިނުން ފައްސަވަމުން ވަޑައިގެންފައި އެނބުރިވަޑައިގެން ހިރަފުހުގެ ވިލާގަނޑެއްގެ ތެރެއިން ފާޅުވާ މަންޒަރު ފެނިވަޑައިގެންނެވުމުން އޭނާގެ ހިތްޕުޅު އުފާފުޅުން ނައްޓަވަންފަށައެވެ. ބައެއްފަހަރަށް އޭނާއަށް ޚިޔާލުފުޅަށް ގެންނެވެނީ

سعد ޒަޚަމުވެވަޑައިގެން ފޭލިގެއެއްގައި އޮންނަވަނިކޮށެވެ. ދުރުހިލޭ ބަޔަކު އޭނާއަށް ހޭހަންކުރާތީއެވެ. އެ މަންޒަރު ހިތްޕުޅަށް ސިފަވުމާއެކު އޭނާގެ މޭފުޅު އަނގަފުޅަށް އަންނަވަރުވެއެވެ. ހިތްޕުޅު ހުއްޓޭހެން ހީފުޅުވެއެވެ.

ميـمــونـة މިއަދު އޭނާގެ ދުޢާފުޅު ނިންމައިލައްވައިފައި ވިދާޅުވިއެވެ. "މިއަޅާގެ ވެރި ރަސްކަލާކޯއެވެ! މިއަޅާއަށް އެނގެއެވެ. އޭނާގެ ދިރިއުޅުއްވުމުގެ މަގަކީ ވަރަށްވެސް ތުރާ އަދި އެހައިމެ ދަތި އުނދަގޫ މަގެކެވެ! މިއަޅާގެ ސާހިބުވަންތަ ރަސްކަލާކޯއެވެ! އެކަމަކު މިގޭގައި އަރާމާއި އުފަލުގައި ހަމަހިމޭންކަމުގައި އިނުމުގެ ބަދަލުގައި މިއަޅާ ލޯބިވަނީ އޭނާ ކުރިޔަށް އެވަޑައިގަންނަވާ މަގުގެ ކަށިތައް ދެކެއެވެ. ޣަރުނާޠާގެ ރީތި ހިތްގައިމު ފެހި މަންޒަރުތަކުގެ ބަދަލުގައި މިއަޅާ ޚިޔާރުކުރާހިތްވަނީ އެފުރިކާގެ ބިރުވެރި ސަހަރާތަކުގެ ނާމާންކަމެވެ. އޭނާގެ ހެނދުންކޮޅުގެ ދާވަނީގައި ހިފަހައްޓައިގެންހުރެ މިއަޅާއަށް ޠޫފާންތަކުގެ ގަދަ ވަޔާ މުޤާބަލާ ކުރެވިދާނެއެވެ. އަޅަމެންގެ ދެމީހުންގެ މަންޒިލަކީ އެއްމަންޒިލެކެވެ. އެހެންވީއިރު އަޅަމެން ދެމީހުން ހިނގަމުންދާ މަގަކީވެސް އެއްމަގެއްކަމުގައި ވާނެނަމަ ކޮންފަދަތޯއެވެ؟"

ميـمــونـة ދުޢާފުޅު ނިންމަވައިލައްވައިފައި ތެދުވެވަޑައިގަންނަވަން ގަސްތުކުރެއްވިތަނާ ކޮންމެވެސް މީހެއް ފަހަތްޕުޅުން އޭނާގެ ދެއަތްތިލަޕުޅުގައި ހިފަހައްޓައިފިއެވެ. އޭނާގެ އަތްތިލަޕުޅަށް ފިނިފެންމަލެއް ލައިދީފިއެވެ. އޭނާ ބުންޏެވެ. "ކަލާގެ ދުޢާ އިޖާބަކުރައްވައިފި!"

ميـمــونـة ސިހިވަޑައިގެންނެވުމާއެކު ފަހަތްޕުޅަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެއީ طـاهـــرة އެވެ. އޭނާގެ ތުންފަތްޕުޅުމަތީގައި ކުޅެލަކުޅެލައިހުރީ ވަރަށްލާނެތް ހިނިފުޅުވެޑުވުމެކެވެ.

ميـمــونـة ވިދާޅުވިއެވެ. "ކަލާ އަބަދުވެސް ވިދާޅުވަނީ ތިޔަހެން. އެކަމަކު ދުޢާއަކީ ވަރަށްގިނަފަހަރު އެހައި އަވަހަށް އިޖާބަވާ އެއްޗެއް ނޫން."

"މިއަދު އަޅުގަނޑު މިދަންނަވަނީ ތެދު ميـمــونـة! ކަލާގެ އުންމީދީ ފަތިހުގެ އިރުއަރައިފި!"

"އަޚު أحمـد. ކަލާއަކީވެސް ޅެންވެރިޔަކަށް ހައްދަވައިފި!"

طـاهـــرة ވިދާޅުވިއެވެ. "ميـمــونـة! ތެދަށް ވިދާޅުވޭ. މިއަދު ޣަރުނާޠާގެ ޖައްވުން ކަލާއަށް އެއްވެސްކަހަލަ ބަދަލެއް ފެނިވަޑައެއް ނުގަންނަވާތޯ؟ ބޭރަށް ނުކުމެވަޑައިގެން ބައްލަވައިލައްވާ! މިއަދު ކަލާގެ ކާއިނާތުގައިވާ ކޮންމެ ޒައްރާއެއްވެސްވަނީ ހިތްގައިމު ލަވަތަކާއި ހިނިތުންވުމުން ފުރިފައި.— އޭނާ ވަޑައިގެންފި!"

ميـمــونـة ހުއްޓުންއަރައިވަޑައިގެންފައި އިރުކޮޅެއްވަންދެން طـاهـــرة އާ ދިމާޔަށް ބަލަހައްޓަވައިގެން އިންނެވިއެވެ. އޭނާގެ އަލިކަމެއްނެތް ދެލޯފުޅަށް މަޑުމަޑުން ކަރުނަފޮދު ޖަމާވާން ފަށައިފިއެވެ. އޭނާ ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "طـاهـــرة! طـاهـــرة! ކަލާކޮށްޓަކައި އަޅުގަނޑާ ސަމާސާ ނުކުރައްވާ!"

"އަޅުގަނޑު މިދެންނެވީ ތެދެއް. ميـمــونـة!"

ميـمــونـة ތެދުވެވަޑައިގެންފިއެވެ. އޭނާ ބޭއިޚުތިޔާރުގައި طـاهـــرة އާ އޮޅުލައިވަޑައިގެންފިއެވެ.

ހަމައެވަގުތު ޖެހިގެންހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. شيـخ أبــو صـالـح ގެ އަނބިކަނބަލުން އެކޮޓަރީގެ ތެރެ ބައްލަވައިލެއްވުމަށްފަހު ސުވާލުކުރެއްވިއެވެ. "ކީކޭތޯ طـاهـــرة؟"

ميـمــونـة ކަންބޮޑުވެވަޑައިގެން އެއްފަރާތަކަށް އަރައިވަޑައިގެންފިއެވެ. طـاهـــرة ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! އަޅުގަނޑު މިއައީ އުފާވެރި ޚަބަރަކައިގެން. سعد ބޭބެ ވަޑައިގެންފި!"

"ކޮންއިރަކުތޯ؟" شيـخ أبــو صـالـح ގެ އަނބިކަނބަލުން ކުރިޔަށް ވަޑައިގަންނަވަމުން ސުވާލު ކުރެއްވިއެވެ.

"ދާދި ދެންމެއަކު. ފަތިސްނަމާދުގެ އިރުކޮޅެއްގެ ކުރީން."

ބޮޑުދައިތަ އިތުރު ސުވާލެއް ނުކުރައްވައި އޭނާގެ ކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. ކުޑައިރުކޮޅެއްގެފަހުން އޭނާ އެނބުރިވަޑައިގެން ބުރުގާކޮޅު ރަނގަޅު ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑު އޭނާ ދެކެލައިފައި އަންނާނަން."

طـاهـــرة ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! އޭނާ ގެޔަށް ވެދެވަޑައިގެންފައި މަޑުކޮށްވެސް ނުލައްވާ. އޭނާގެ ބައްޕާފުޅު ގޮވައިގެން قـاضى أبـو جـعـفـر ގެ އަރިހަށް ވަޑައިގެންފި."

މުސްކުޅިފުޅު ބޮޑުދައިތާފުޅު أبـو جـعـفـر ގެ ނަންފުޅު އަޑުއިވިވަޑައިގެންނެވުމާއެކު ކޯފާގެ ކޮޅުނެތްކޮޅަށް ކޯފާ އިސްވެއްޖެއެވެ. އޭނާ أبـو جـعـفـر އަށް ހެއްދެވި ނެހެއްދެވިޔަށް ވިދާޅުވާން ފައްޓަވައިފިއެވެ. ميـمــونـة އާއި طـاهـــرة އާ ދެބޭފުޅުންނަށް އެބޭފުޅުން ހިނިފުޅުވެޑުވުން މަތަކުރެއްވުނީ ވަރަށް އުނދަގޫފުޅުންނެވެ. އޭނާ ހިސާބަކަށް މައިތިރިވެވަޑައިގެންނެވުމުން طـاهـــرة ކުރިޔަށްވަޑައިގެން އޭނާގެ އަތްތިލަޕުޅުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ އަޅުގަނޑާއެކު ވަޑައިގަންނަވާ! އުޚުތު ميـمــونـة ކަލާ މިތާ މަޑުކޮށްލައްވާ!"

طـاهـــرة ބޮޑުދައިތާފުޅު ގޮވައިގެން އެހެން ކޮޓަރިޔަކަށް ވަޑައިގެން ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! سعد ބޭބެ ވަޑައިގެންނެވީ އެންމެ ހަތަރު ދުވަހަށް."

ބޮޑުދައިތަގެ ކޯފާ އަނެއްކާވެސް ސައްތަޔަށް އަރައިފިއެވެ. "أبـو جـعـفـر އަށް ރަނގަޅު ގޮތެއް މެދުވެރި ނުކުރައްވާށި! އޭނާ އަހަރެންގެ ދަރިފުޅު މުޅިއުމުރަށްވެސް ހިމޭނުން ތަނަކު އިށީނދެއިނަކަ ނުދެއްވާނެ!"

طـاهـــرة ވިދާޅުވިއެވެ. "ބޮޑުދައިތާފުޅާ! أبـو جـعـفـر ދެކެ ތިޔަ ކޯފާ އިސްކުރައްވަނީ ކަމަކާނުލައި! އަޅުގަނޑުގެ ވާހަކަ އަޑުއައްސަވާ! سعد ބޭބެ ދެނެއް އެފުރިކާއަކަށް އެނބުރި ވަޑައެއް ނުގަންނަވާނެ. أميـر يـوسف ގެ ލަޝްކަރު ވަރަށް އަވަހަށް ޖަޒީރަތުލްޚަޟުރާއަށް އަތުވެދާނެ! އެއަށްފަހު އަލްފާންސޫއާ ދެކޮޅަށް ހަނގުރާމަ ފެށޭނެ. ހަނގުރާމަ ނިމޭނީ މިވެނި ދުވަހަކު ކަމެއް ނޭނގޭނެ. އެހެންކަމުން މަންމަ ވިދާޅުވީ ދައިތާފުޅު އޭނާގެ ކާވެނިފުޅުގެ ކަންތައް ނިންމައިދެއްވާށޭ. މަންމަ އަޅުގަނޑު ފޮނުއްވީ إدريـس ބޭބެއާ ވާހަކަފުޅު ދައްކަވަން ދައިތާފުޅުގެ އަރިހުގައި ދަންނަވަން."

ބޮޑުދައިތަ ވިދާޅުވިއެވެ. "إدريـس ގެ އޮންނާނީ ކޮން އިޢުތިރާޟެއްތޯ؟ މިދިޔަފަހަރު

سعد އައުމުންވެސް އަޅުގަނޑު އެކަމާ ބާރުއެޅިން. އެކަމަކު سعد އެއްބަހެއްނުވި. އޭނާ ވަޢުދުވެފައިވަނީ އޭނާގެ މުހިންމު ކާމިޔާބުނުވަނީސް ކާވެންޏެއް ނުކުރަން!"

’ބޮޑުދައިތާފުޅާ! މިހާރު سعد ބޭބެގެ ޢަހުދު ފުރިހަމަވެއްޖެ. މިހާރު سعد ބޭބެގެ އިޢުތިރާޟެއް ނޯންނާނެ."

شيـخ أبــو صـالـح އާއި إدريـس އާ ދެބޭފުޅުން މާގިނައިރެއް ނުވަނީސް މިސްކިތުން ނަމާދު ކުރައްވައިގެން ގެޔަށްވަޑައިގެންފިއެވެ. أبــو صـالـح ގެ އަނބިކަނބަލުން طـاهـــرة ގެ އަރިހުގައި ވިދާޅުވިއެވެ. "ކަނބުލޯ! ކަނބުލޮވެސް ميـمــونـة ގެ އަރިހުގައި މަޑުކޮށްލައްވާ! ދައިތަ މިހާރު އޭނާއާ ވާހަކަ ދައްކާނަން."

طـاهـــرة، ميـمــونـة ގެ ކޮޓަރިޔަށް ވެދެވަޑައިގެންނެވިއިރު އޭނާ ހުންނެވީ ދޮރުކައިރީގައި މަޑުކުރައްވައިގެންނެވެ. طـاهـــرة ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. "އުޚުތާ! ބަރަކާތްހުރި. މިހާރު ކަލާގެ އަރޫސާ ބައްދަލުކުރައްވަން ތައްޔާރުވެވަޑައިގަންނަވާ!"

ميـمــونـة އަވަސްއަވަހަށް އޭނާގެ އެއްއަތްޕުޅުން طـاهـــرة ގެ އަނގަފުޅުމަތީގައި އަތްޕުޅު އަޅުއްވައިފިއެވެ. އަނެއް އަތްޕުޅުން طـاهـــرة ގެ މުލައްދަނޑިފުޅުގައި ހިއްޕަވައިގެން ކޮޓަރީގެ ބިއްދޮށު ކަނަށް ގެންދަވައިފިއެވެ. ميـمــونـة ވިދާޅުވިއެވެ. "طـاهـــرة މާތް اللّـه ގެ ރަސްކަންފުޅަށްޓަކައި މަޑުން ވާހަކަ ދައްކަވާ!"

* * * * * * * * * * *

سعد އޭނާގެ ބައްޕާފުޅުގެ އަރިހުގައި قـاضى أبـو جـعـفـر އާ ބައްދަލުކުރައްވައިފައި އެނބުރި ގެއަށް ވަޑައިގެންނެވިއިރު شيـخ أبــو صـالـح އާއި އޭނާގެ އަނބިކަނބަލުން سعد ގެ އިންތިޒާރުގައި އެގޭގައި ތިއްބެވިއެވެ. أبــو صـالـح ގެ އަނބިކަނބަލުން سعد ފެނިވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ. "سعد! ދަރިފުޅު ރަށަށް ތިޔަ އައީ ކިތައްދުވަހަށްތަ؟"

سعد ޖަވާބު ދެއްވިއެވެ. "ބޮޑުދައިތާ! އަޅުގަނޑު މާދަންނޫން އަނެއްދުވަހު ފުރާނަން."

"މިހާރު ތިޔަ އުޅެނީ ކޮންތަނަކަށް ދާންތަ؟"

"ބޮޑުދައިތާފުޅާ! އަޅުގަނޑު ދާންމިއުޅެނީ ޖަޒީރަތުލްޚަޟުރާއަށް. މުރާބިޠީންގެ ލަޝްކަރު ފައިބާނީ ޖަޒީރަތުލްޚަޟުރާއަށް. އެމީހުން އަންނާންވާއިރަށް އަޅުގަނޑު ވަރަށްގިނަ އިންތިޒާމުތައް ހަމަޖައްސަންޖެހޭނެ."

أبــو صـالـح ގެ އަނބިކަނބަލުން عبـدالمـنعــم އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ކޮއްކޯ! ބައްލަވާ! އަޅުގަނޑު سعد ގެ ކާވެނިކޮށްދޭން ނިންމައިފިން. މިފަހަރަކު އަޅުގަނޑު އެކެއްގެ ވާހަކައެއްވެސް އަޑެއް ނާހާނަން. ހަމަމިއަދު އޭނާގެ ކާވެނި ކުރެވެންޖެހޭނެ. އޭނާ ޖަޒީރަތުލްޚަޟުރާއުގައި ހުންނަހައި ދުވަހަކު ميـمــونـة އިންނަވާނީ ޖަޒީރަތުލްޚަޟުރާއުގައި. ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑު ميـمــونـة މިރަށަށް ގެނުވާނީ!"

(ނުނިމޭ)