އެމްއެންއެސްއެލް ފުލެޓު އަދި ސިނަމާލެ ފުލެޓުތައް ތަޅާލައި އަލުން ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސިނަމާލެ ފުލެޓުތަކާމެދު ސަރުކާރުގެ ވިސްނުމަކީ އެ ފުލެޓުތައް ތަޅާލައި އަލުން ރަނގަޅު ފުލެޓްތަކެއް ހެދުން ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލެއް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާލޭގައި ލޭބާ ކުއާޓާސްތައް ހަދާފައި ހުރި ކޮށިތައް ބޯހިޔާވަހިކަމަށް ބަދަލުކުރެވިދާނެ ގޮތްތަކެއް ޕްލޭންކޮށް، އެތަންތަނުގައި ފުލެޓުތައް އަވަހަށް ހެދޭނެ ގޮތަކަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ވެރިކަމުގައި އިމާރާތްކޮށްފައިވާ، ސިނަމާލެ އާއި މާލޭހިޔާ ފުލެޓުތަކަކީ ވަރަށް ޒަމާންވެފައިވާ ތަންތަންކަމުން، އެތަންތަން މިހާރު މަރާމާތު ނުކުރެވޭނެ ކަމަށާއި އެތަންތަން ޖެހޭނީ ތަޅާލަން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ނަމަވެސް އެތަންތަން ތަޅާލެވޭނީ އެތަނުގައި ދިރިއުޅޭ މީހުންނާ ވާހަކަދައްކައި ހެދޭ އެއްބަސްވުމެއްގެ ދަށުން އެތަނުން މީހުން ބަދަލުކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.