ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރުއޯ މެޝިން ބަހައްޓައިފިއެވެ.
ބީއެމްއެލުން ބުނީ އެ ޕްރޮޖެކްޓުގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށާއި އެގޮތުން ދެ އާރުއޯ މެޝިނެއް ބަހައްޓައި، އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ ތިން ވޯޓާ ޑިސްޕެންސަރު ވެސް ބަހައްޓާފައިވާ ކަމަށެވެ.
ކޮމިއުނީ ފަންޑުގެ ދަށުން އެ ޕްރޮޕޯސަލް ކާމިޔާބު ކުރި ކޮލަމާ ޖަމިއްޔާގެ ފަރާތުން ޝާމާ ތައްހާން ވިދާޅުވީ އެ ޕްރޮޖެކްޓުގެ ސަބަބުން އެ ރަށު ސްކޫލުގައި ކިޔަވަމުން އަންނަ 114 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު ރައްކާތެރި ބޯފެން ލިބޭނެ ކަމަށެވެ.
"ސްކޫލުގައި މިހާރު ބޭނުންކުރާ ފެނަކީ ޑީސަލިނޭޝަން ފެން ކަމުން މި ފެނުގެ ރައްކާތެރިކަމާ މެދު ރައްޔިތުންގެ ހިތުގައި ޔަގީން ކަމެއް ނޯވޭ. އެހެންކަމުން މި ބޭނުންކުރަނީ އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި. އަދި މިކަމުގެ ސަބަބުން ދިރާސީ އަހަރެއްގެ ތެރޭގައި ގާތްގަނޑަކަށް 16،500 ޕްލާސްޓިކް ފުޅި އުކާލެވޭ. އުންމީދަކީ މި ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިއުން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ އެ ޕްރޮޖެކްޓުގެ ދަށުން ކޮލަމާ ޖަމިއްޔާގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަކަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް، ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާ ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމް ކަނޑައަޅާފައި ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މަގުފަހިކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން ވަނީ ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓާ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސްގެ މަސައްކަތް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތާވެސް ހަވާލުވެފައި ކަމަށެވެ.
"އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު