ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. އަތޮޅަށް ކުރަމުން އަންނަ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން އެ އަތޮޅު މަކުނުދޫގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ފެށި އެ ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
އެ އޭޓީއެމް ހިދުމަތާއެކު މިވަގުތު ހދ. އަތޮޅުގެ ތިން ރަށެއްގައި އެންމެ ޒަމާނީ އޭޓީއެމްގެ ހިދުމަތް ބީއެމްއެލުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ރަށްތަކަކީ ކުޅުދުއްފުށި، ހަނިމާދޫ އަދި މަކުނުދޫއެވެ.
އެކަމާ ގުޅޭގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މަކުނުދޫގެ ރައްޔިތުންނަށް މި އިންވެސްޓްމަންޓުގެ ސަބަބުން ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
"މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ބޭންކުން މިވަނީ 11 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި، އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ގެނެސްފައި،" އޭނާ ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 68 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 129 އޭޓީއެމް، 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު