މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންގާރަ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ.

މިރޭ ހަނދާ ބެހޭ ބަޔާން އިއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިއަދު އިރުއޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތި ނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އެހެންކަމުން މާދަމާއަކީ 1442 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 13 ވާ އަންގާރަ ދުވަސް ކަމަށް އަންގައި، މިނިސްޓަރު ވަނީ އިއުލާންކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ މި ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައިގެ ފަރުޟު އަދާކުރުމަށް ފަރުވާތެރިވުމަށާއި މި މާތް މައްސަރުގައި ﷲގެ ރުއްސެވުމާއި މަޣުފިރަތަށް އެދި ހެޔޮ ކަންތައްތައް ގިނަކުރުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވެ، ވަސިއްޔަތްކުރާ ކަމަށެވެ.