އިއްޔެ ހަވީރު އެނބޫދޫ ފިނޮޅު ކައިރީ ހިނގި އަލިފާނުގެ ހާދިސާގައި އަޑިއަށް ދިޔަ ތެޔޮ ބޯޓުން ތެޔޮ ލީކުވި ކަމުގެ އަސަރެއް ފެންނަން ނެތް ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭއާއި ކޯސްޓް ގާޑު ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، އަޑިއަށް ގޮސްފައިވާ ތެޔޮ ބޯޓުގައި 60 ޓަނުގެ ޑީސަލް އެބަހުރި ކަމަށާއި އެ ބޯޓަކީ ބްރޯ ފީލްޑް ޕްރައިވެޓް ލިމިޓެޑުގެ "ސީ ސްޓާ" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

ކޯސްޓްގާޑްގެ ކޮމާންޑެންޓް މުހައްމަދު ސަލީމް ވިދާޅުވީ، އަޑިއަށް ދިޔަ ތެޔޮ ބޯޓު ހިމެނޭ ސަރަހައްދުގައި ކޯސްޓް ގާޑުން ހަރަކާތްތެެރިވަމުން އަންނަ ކަމަށާއި ތެޔޮ ލީކުވެފައިވާ ކަމުގެ އެއްވެސް އަސަރެއް އަދި ފެންނަން ނެތް ކަމަށެވެ.

"މީގައި މިހުރީ ޑީސަލް. މާނައަކީ ލީކެއް ވިޔަސް ވަރަށް ފަސޭހައިން އޭގެ ނުރައްކާ ކެނޑިގެންދާނެއޭ. ކުރޫޑް އޮއިލްއެއް ނޫން މިއީ،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، މިހާރު އޮއިވަރު ހުރި ގޮތުން ތެޔޮ ލީކެއް ވިޔަސް އެތެރެވަރިއަށް އައުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ކޯސްޓްގާޑުން ތައްޔާރަށް އޮތް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ތެޔޮ ބޯޓުން ތެޔޮ ލީކުވޭތޯ ގަވައިދުން މޮނީޓާ ކުރާނެ ކަމަށާއި، އެފަދަ އެއްވެސް ކަމެއް ފާހަގަވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ބޯޓު އޮތީ ވަރަށް ފުނުގައި ކަމަށާއި އެހާ ފުނުން އެ ބޯޓު ފެންމަތިކުރުމަކީ ކޯސްޓް އެފެކްޓިވް ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ބޯޓު އަޑިއަށް ގޮސްފައިވަނީ 1،000 މީޓަރު ފުނަށެވެ.