(09 އޭޕްރީލްގެ އަދަދާ ގުޅޭ)

"އަޅުގަނޑު މިދެންނެވީ މިހާރުވެސް ރަށުގެ ބަނދަރު އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައޭ! އިރުއޮއްސުމުގެ ކުރީން މުޅިރަށަށްވެސް ހިނގާނީ އަޅުގަނޑުމެންގެ ބާރު! އަޅުގަނޑު މީސްކޮޅެއް ގޮވައިގެން މިއައީ أميــر يـوسف ވަޑައިގަންނަވަންވާއިރަށް މަގު އަމާންކޮށްލަން. އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިރަށުގެ މުސްލިމެއްގެ ގައިގައި ކުޑަކުޑަ ކޫރެއްވެސް ނޭޅުން. އަޅުގަނޑުގެ މީހުން ބަނދަރުމައްޗަށް ދޫކޮށްލައިފައި އެކަނިމާއެކަނި މަނިކުފާނުގެ އަރިހަށް މިއައީ، އެފިޔަވަޅެއްގެ ނަތީޖާ ތިޔަބޭފުޅުންނަށް ކުރިމަތިވާ ނުރައްކަލެއް ކަމުގައި ވެދާފަދަ އެއްވެސް ފިޔަވަޅެއް މަނިކުފާނުގެ ސިފައިންގެ މޮޔަކަމުން އެޅިޔަ ނުދޭންވެގެން. މަނިކުފާނު އިރުކޮޅަކަށް ބޭރަށް ނުކުމެވަޑައިގަންނަވާ! މަނިކުފާނުގެ ސިފައިންނަށް ޞުލްޙަވެރިކަމުގައި ތިބޭން އަންގަވާ! މަނިކުފާނަށް ރަނގަޅުވާނީ އެގޮތް!"

ގަވަރުނަރުގެ ހަށިފާރަވެރީންނާއި ފާރަވެރީން ގަނޑުވަރުގެ ބަނޑޭރީގެ އިޝާރާތަކަށް އެބައިމީހުންގެ ކަނޑިތަކާއި ލޮންސިތައް ތިރިކޮށްލައިފިއެވެ. راضى ނުހަނު ކޯފާއާއި ހިތާމަފުޅާއެކު ގެންދެވީ ބޭރުން ވަޑައިގެންނެވި ޒުވާނާއާ ދިމާޔަށް ބައްލަވަމުންނެވެ. ކުއްލިޔަކަށް ގަނޑުވަރުގެ އެއްފަރާތަކުން މީހުންތަކެއް ހަޅޭއްލަވާ އަޑު އިވޭންފަށައިފިއެވެ. ރަށުގެ މޭޔަރ ފާރަވެރީން ދުރުކުރައްވަމުން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އޭނާ މާނޭވާލައްވަމުން ވިދާޅުވިއެވެ. "މާތް ސާހިބާ! ކަންތައް ވަރަށް ގޯސްވެއްޖެ! މުރާކިޝްގެ ބަޔަކު ރަށުގެ ބަނދަރު ހިފައިފި! ރަށުގެ ރައްޔިތުން ފައުޖު ފައުޖަށް އެބައިމީހުނާ އިސްތިޤުބާލުކޮށް މަރުޙަބާކިޔާން އެބަދޭ!"

راضى ވިދާޅުވިއެވެ. "މިބައިމީހުންނަކީ އުޑުން ފޭބި ބައެއްކަމުގައި ނުވާނަމަ އަހަރެން ސުވާލުކުރަން. ބަނދަރުގެ ފާރަވެރީން އޭރުތިބީ ކީއްކުރަންތަ؟"

މޭޔަރ ޖަވާބު ދެއްވިއެވެ. "ރޭފަތިހު އެމީހުން ފޭބީ މިހިސާބާ ތަންކޮޅެއް ދުރަށް. މީހުން ނުއުޅޭ ހިސާބަކަށް."

راضى ސަފީރާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "މިއީ ކަނޑައެޅިގެން އަޅުގަނޑުމެންނާ ދެކޮޅަށް އެޅުއްވި ޢުދުވާނީ ފިޔަވަޅެއް."

ސަފީރު ކުރިޔަށް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "ބައެއްގެ ބަދުނަސީބުގެ ދުވަސް އަތުވެއްޖެނަމަ އެބަޔަކަށް ރަޙުމަތްތެރީންނާއި ދުޝްމިނުން ވަތްކެއްނުވާނެ. أميــر يـوسف ވަޑައިގަންނަވަނީ އަންދަލުސުގެ އެންމެހައި މުސްލިމުންނަށް ސަލާމަތާއި ރައްކައުތެރިކަމާއިގެން. އެމަނިކުފާނުގެ މަޤުޞަދަކީ އަލްފާންސޫއާ ދެކޮޅަށް ޖިހާދު ކުރެއްވުން. ތިޔަބޭފުޅުން މުސްލިމުންގެ ދުޝްމިނުންގެ ސަފުގައި ބައިވެރިވެވަޑައި ނުގެންފިނަމަ ތިޔަބޭފުޅުންގެ ޝައްކަކީ އަސްލެއްނެތް ޝައްކެއް. އެމަނިކުފާނު ވަނީ މުސްލިމުންގެ ދުޝްމިނުން ބަލިކޮށްލެއްވުމަށްފަހު އަންދަލުސުން ސިފައިން ބާލުއްވާން ވަޢުދުވެވަޑައިގެންފައި. ތިޔަބޭފުޅުންގެ ހިތްޕުޅު ހަމަޖައްސަވާން އެވަރު ފުދޭ. ތިޔަބޭފުޅުންނަށް ސާބިތުކޮށްދެއްވަން ޖެހިވަޑައިގަންނަވާނީ ތިޔަބޭފުޅުންނަކީ އިސްލާމްދީނާއި މުސްލިމުންގެ ދުޝްމިނުންނެއް ނޫންކަން."

ސިފައިންނާއި ފުލުހުންގެ ވަރަށްގިނަ އޮފިސަރުން އެކޮޓަރިޔަށް ޖަމާވެއްޖެއެވެ. އެބައިމީހުންގެ މޫނުމަތީން ފެންނާންހުރި މާޔޫސްކަމާއި ހިތްވަރު އެލުމުގެ އަސަރުތައް ފެނިވަޑައިގެންނެވުމުން راضى ގެ ހިތްޕުޅަށް އިތުރަށް އަސަރުކޮށްގެން ވިދާޅުވިއެވެ. "أميــر يـوسف ވަޑައިގަންނަވާނީ ކޮންއިރަކުތޯ؟"

ސަފީރު ޖަވާބު ދެއްވިއެވެ. "އެމަނިކުފާނު ވަޑައިގަންނަވާނެ ވަގުތެއް އަޅުގަނޑަކަށް ސާފުކޮށް ދެންނެވޭކަށެއް ނެތް. އެއީ ބައެއް މަޞްލަޙަތުތަކަށްޓަކައި. އެކަމަކު މަނިކުފާނަށް އިޝްބީލިއްޔާއިން މަޝްވަރާ ހޯއްދަވާނެ ވަގުތު އެބައޮތް. ބޭނުމެއްނެތް މާގިނަ ވާހަކަތަކަކަށް އަޅުގަނޑުގެ ވަގުތެއް ނެތް. އަޅުގަނޑު މާދަމާގެ ކުރީން މިތަނާ އެތައް ކޯހެއްގެ ދުރަށް ދާންޖެހޭ. އަޅުގަނޑު މަނިކުފާނަށް އެންމެފަހުން އަރުވާނެ މަޝްވަރާއަކީ ރަށުގެ އިންތިޒާމުތައް ބެލެހެއްޓުމުގައި އަޅުގަނޑުމެންގެ ސިފައިންނަށް އެއްބާރުލެއްވުން ދެއްވާށޭ ދަންނަވައިލުން!"

ސިފައިންގެ އޮފިސަރެއް ޖަވާބު ދިނެވެ. "އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ދިނުމާއި ނުދިނުމަކީ މިހާރު އޮތް ސުވާލެއް ނޫން. ޢަމަލީގޮތުން އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންގެ ޤައިދުގައި."

"ކަލާއަކީ ވަރަށްބޮޑު ވިސްނުންތެރިޔެއްހެން ހީވޭ." ސަފީރު އެހެން ވިދާޅުވެފައި ހިނިފުޅު ވަޑުވަމުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.

ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން ތިއްބެވީ ހިތާމަފުޅާއި ކަންބޮޑުވެވަޑައިގެންނެވުމާއެކު އެއްބޭފުޅަކު އަނެއް ބޭފުޅަކާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. راضى އެންމެފަހުން ރަށުގެ މޭޔަރާ ސުވާލު ކުރެއްވިއެވެ. "އަޅުގަނޑުމެން ދެން ހަދާންވީ ކިހިނަކުންތޯ؟"

"ދެން އަޅުގަނޑުމެންނަށް ހެދޭންއޮތީ ކޮންގޮތެއްތޯ؟" މޭޔަރ އެހެން ވިދާޅުވެފައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ވަރަށް ބާރަށް ހިންގަވައިފައި ސަފީރުގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. އޭނާއަށް ސަފީރާ އަރައިހަމަކުރެއްވުނީ ގަނޑުވަރުގެ ބޭރު ދޮރޯށްޓާ ހަމައިންނެވެ. އޭނާ ވިދާޅުވިއެވެ. "ކަލާގެ ނަންފުޅަކީ سعد ތޯ؟"

ސަފީރު ޖަވާބު ދެއްވުމުގެ ބަދަލުގައި މޭޔަރާ ދިމާޔަށް ބައްލަވައިލައްވައިފައި ހިނިފުޅު ވަޑުވައިލެއްވިއެވެ.

މޭޔަރ އަނެއްކައިވެސް ވިދާޅުވިއެވެ. ކަލާއަކީ سعد! އަޅުގަނޑު معـتـمـد ގެ ދަރުބާރުގައި ކަލާ ދެއްވި ތަޤުރީރުގެ އަޑުއެހީން. ކަލާ ފެނުމާއެކު ކަލާއަކީ ކޮންބޭފުޅެއްކަން އަޅުގަނޑަށް އެނގިއްޖެ."

"ކަލާގެ ހަނދުމަފުޅު ވަރަށް ގަދަ."

"އެއީ އަޅުގަނޑުގެ ހަނދާން ގަދަކަމެއް ނޫން. ކަލާ އެދުވަހު ވަނީ އަޅުގަނޑުގެ ހިތުގައި ދުވަހަކުވެސް ނުފިލާފަދަ ހަނދާންތަކެއް ބިންވަޅު ނަންގަވައިދެއްވައިފައި. ކަލާގެ ކެރިވަޑައިގެންނެވުމާއި ހިތްވަރުފުޅު ގަދަކަން ފެނިފައި އަޅުގަނޑުގެ ހިތަށްއެރި. ކަލާ ވަޑައިގެންނެވީ އަންދަލުސު ސަލާމަތްކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައިކަމަށް. އެކަމަކު ކަލާ ކުއްލިޔަކަށް ޣާއިބުވެވަޑައިގެންފީމު. އަޅުގަނޑުގެ ހިތަށްއެރި، ކަލާއަކީވެސް އުޑުމަތީން ކުއްލިއަކަށް ފެނިލައިފައި ގެއްލިގެންދާ ގިނިކަނދެކޭ ތަފާތެއްނެތް ބޭފުޅެކޭ. ގިނިކަނދުތައްވެސް އަނދިރި ރޭރޭ ކުއްލިޔަކަށް އުޑުމަތީން ފާޅުވޭ. އަލީގެ ދޯދިތަކެއް ވިހުރުވައިލުމަށްފަހު ބާރަށްގޮސް ގެއްލިދޭ. ކަލާ ތިޔަ ވަޑައިގެންނެވީ އަންދަލުސުގެ ސަލާމަތާއިގެން ކަމުގައިވާނަމަ އަޅުގަނޑު ކަލާއަށް މަރުޙަބާ ދަންނަވަން." މޭޔަރ އެހެން ވިދާޅުވެފައި މުސާފަޙާ ކުރެއްވުމަށްޓަކައި އަތްޕުޅު ދިއްކޮށްލެއްވިއެވެ.

سعد ވަރަށް ހޫނު ތަރުހީބަކާއެކު މުސާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "ކުޑަދުވަސްކޮޅަކަށް އަޅުގަނޑު މިދަނީ ރަށުން ބޭރަށް. އަޅުގަނޑު އެދެނީ އަޅުގަނޑު ރަށުގައި ނެތިދާ ދުވަސްވަރު އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިނގިޔަ ނުދެއްވުން."

މޭޔަރ ވިދާޅުވިއެވެ. "ކަލާ ހިތްޕުޅު ހަމަޖައްސަވާ! އަޅުގަނޑުމެން ކަލާގެ އެކުވެރީން ގެންގުޅޭނީ ލޮލަށް ވެއްޓުނު ކުނިކޮޅެއް ފަދައިން. (ވަރަށްބޮޑަށް ކަމޭހިތައިގެން)"

سعد މޭޔަރާ ވާހަކަ ދައްކަވަމުން ބޭރަށް ނުކުމެވަޑައިގެންނެވިއިރު މަގުމަތީން މުރާކިޝްގެ ސަވާރުންތަކެއް އާދެއެވެ. އެމީހުންގެ ފަހަތުން ރަށުގެ އާއްމުންގެ ޖުލޫސެއް އާދެއެވެ. މީހުންތައް އުފަލުން ނަޢުރާ ކުރަނީއެވެ. ގަނޑުވަރުގެ ފާރަވެރީން ދޮރޯށި ބަންދުކޮށްފިއެވެ. ޒުވާނެއް ދުވެފައި ކުރިޔަށް ނުކުމެއްޖެއެވެ. އޭނާ ދޮރޯށީގެ ބޭރު ސިޑީން އަރައިފައި ގޮވައިލިއެވެ. "އިސްލާމްދީނުގެ ދުޝްމިނުންނޭ! މުރާކިޝްގެ މުޖާހިދުންނަށްޓަކައި ގަނޑުވަރުގެ ދޮރުތައް ހުޅުވާ! ތިޔަބައިމީހުންގެ ހިސާބު ބެލެވޭނެ ދުވަސް އަތުވެއްޖެ!"

މުރާކިޝްގެ ސަވާރުންނަށް سعد ފެނުމާއެކު ކުރިޔަށް އައުން ހުއްޓިއްޖެއެވެ. ނަމަވެސް ރަށުގެ އާއްމުންގެ ހުޖޫމު ދޮރޯށްޓާ ދިމާޔަށް އަރައިގެންފިއެވެ.

سعد މީހުންގަނޑު ފަޅައިލައްވައިފައި ވަރަށް ބާރަށް ސިޑީން އަރައިވަޑައިގެންފިއެވެ. އޭނާ ދޮރޯށިމައްޗަށް އަރައިވަޑައިގެން އަތްޕުޅުމައްޗަށް ނަންގަވައިފައި ބާރު އަޑުފުޅުން ވިދާޅުވިއެވެ. "މުރާކިޝްގެ ސިފައިން ވާސިލުވާން ބޭނުންވާ އަމާޒަކީ މިގަނޑުވަރެއް ނޫން. އެބައިމީހުން އައީ އަލްފާންސޫގެ ކިއްލާތަކުގެ ދޮރުތައް ހަލާކުކުރާން. ތިޔަ ލޮބުވެތި އަޚުން ހިތްޕުޅު ހަމަޖައްސަވާ! މިއަދަށްފަހު އަޅުގަނޑުމެން ޤައުމުގެ މުޖުރިމުންނަކަށް މާފެއް ނުކުރާނަން. އެކަމަކު މިއީ ހަމަނުޖެހުން އުފައްދަވަންވީ ވަގުތެއް ނޫން. أميــر يـوسف بـن تـاشـفـيـن ގަބޫލުފުޅެއް ނުކުރައްވާނެ އޭނާގެ ސިފައިން ތިއްބައި ރަށުގައި އެއްވެސްވަރެއްގެ ހަމަނުޖެހުމެއް ހިނގާކަށެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސުކުރަން. ތިޔަބޭފުޅުން މައިތިރިކަމާއެކު ގޭގެއަށް ވަޑައިގަންނަވާ! ހަމައެއާއެކު އަހަރެންގެ ސިފައިންނަށް އަމުރުކުރަން. ހަމަމިހާރު އެނބުރި މުޢަސްކަރަށްދޭ!"

أميــر يـوسف ގެ ނަންފުޅުގެ އަޑުއިވުމާއެކު މީހުންތައް މައިތިރިވެއްޖެއެވެ. އެންމެންތައް އެކިފަރާތްފަރާތަށް ކެހޭންފަށައިފިއެވެ. سعد بــن عبـدالمـنعــم ސިޑީން ފައިބައިވަޑައިގެންފިއެވެ. އޭނާ ސިފައިންގެ މީހަކަށް އިޝާރާތްކޮށްލެއްވުމުން އޭނާ އަސްމަތީން ފުންމައިލައިފައި އަހުގެ ލަގަން سعد ގެ އަތްޕުޅަށް އަރުވައިފިއެވެ. سعد އަސްމައްޗަށް ސަވާރުވެވަޑައިގެން ސިފައިންގެ ކޮމާންޑަރަކަށް އިރުޝާދުތަކެއް ދެއްވުމަށްފަހު އެއްފަރާތަކަށް އަސް އަނބުރައިލައްވައިފައި އަސް ދުއްވައިލައްވައިފިއެވެ. ރަށުތެރެއިން ނުކުމެވަޑައިގެން އޭނާ މިސުރާބު ޖެއްސެވީ ޣަރުނާޠާއާ ދިމާޔަށެވެ. އޭގެ އިރުކޮޅެއްގެފަހުން އިޝްބީލިއްޔާއާ ދިމާޔަށް ކޮތަރެއް އުދުހެމުންދެއެވެ. ޖަޒީރަތުލްޚަޟުރާއުގެ ގަވަރުނަރު ޝެހެޒާދާ راضى، سلطـان معـتـمـد އަށް ލިޔުއްވި ސިޓީފުޅެއް ހިފައިގެންނެވެ. އެދުވަހުގެ ހަވީރުވުމުގެ ކުރީން معـتـمـد ގެ ފަރާތްޕުޅުން راضى އަށް އަމުރުފުޅު އަތުވެއްޖެއެވެ. "އެއްވެސްވަރަކަށް ދެކޮޅުވެރިކަމެއް ކުރިމަތިލުމެއް ނުހިންގާށެވެ! ޖަޒީރަތުލްޚަޟުރާއު ދޫކޮށްލައިފައި ރިންދާއަށް ދާށެވެ!"

(ނުނިމޭ)