ސަރުކާރުގެ ސިޔާސަތަކީ އެންމެންނާވެސް ގުޅިގެން މަސައްކަތްކުރުން ކަމަށާއި ވަކި ފިކުރެއްގެ މީހަކަށް ވީތީ އެމީހަކު ބާކީ ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ، މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއެއެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ، ކައުންސިލް އިންތިހާބުގައި ވީހާވެސް ގިނަބަޔަކު ވޯޓު ލުން މުހިންމު ކަމަށާއި އެއީ މިފަހަރުގެ އިންތިހާބަކީ ލާމަރުކަޒީ ރާއްޖެއެއް ބިނާކޮށް ފުދުންތެރި، ތައުލީމީ ބަޔަކަށް ރައްޔިތުން ހެދުމަށް މުހިންމު އިންތިހާބަކަށްވާތީ ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުމެން ބޭނުންވާ ބަޔަކު ހޮވުމަށް ވޯޓު ލުމުގެ ހައްގު އަދާކުރުން މުހިންމު" ނައިބު ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތާ ގުޅޭ ގޮތުން ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ އެންމެންނާވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި ވަކި ބަޔަކު ބާކީ ކުރުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށެވެ.
"ސިޔާސަތަކީ އެންމެންނާ ވެސް އެކުގައި މަސައްކަތްކުރުން. ވަކި ފިކުރެއްގެ މީހެއް ބާކީ ނުކުރެވޭނެ." ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، މުހިންމީ ތަރައްގީގައި އެއް ހިޔާލަކާ އެކުގައި އެއް މިސްރާބަކާ ދިމާއަށް ދަތުރުކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު