ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޒުވާން ކުޅިވަރު ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ސާއިދު އަހުމަދަށްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން ތިން ލައްކަ ރުފިޔާގެ ފައިސާއެއް އެހީއެއް ދީފިއެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އުމުރުން 28 އަހަރުގެ ސާއިދުގެ ދެ ކިޑްނީ ފެއިލްވެ، އޭނާ ދަނީ ޑައިލިސިސް ހަދަމުންނެވެ. އަދި އޭނާއަށް ކިޑްނީއެއް ދޭނެ މީހަކު ނުވުމުން އެކަމަށް އާންމުކޮށް އޭނާ ވަނީ ހުޅުވާލައިފައެވެ.
ކިޑްނީ ޓްރާންސްޕްލާންޓެއް ހެދުމަށް ސާއިދު ކުރަމުންދާ މަސައްކަތަށް އެހީވުމަށް އެފްއޭއެމްގެ ފައުންޑޭޝަންގެ ފަރާތުން ދިން ފައިސާގެ އެހީ ހަވާލުކުރީ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ އާއި ޑަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ކުރިންނެވެ. އެފްއޭއެމްގެ ފަރާތުން ސާއިދަށް މި ފައިސާ ހަވާލުކޮށްދެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އެފްއޭއެމުން ބުނީ ސާއިދަކީ ފުޓްބޯޅަ އާއިލާގެ މުހިންމު މެމްބަރެއް ކަމަށެވެ. އަދި ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒު ކަމަށް ބުންޏެވެ.
އެފްއޭއެމްގެ ފަރާތުން ފައިސާގެ އެހީ ލިބުމުން ސާއިދު އޭނާގެ ފޭސްބުކްގައި ބުނީ، ދިވެހި ފުޓްބޯޅަ އާއިލާއިން ނަމޫނާ ދައްކައިފި ކަމަށެވެ. އަދި 12 އަހަރު މެދުކެނޑުމެއް ނެތި ކުރި ހިދުމަތް މިއަދު އިހުސާސްވެއްޖެ ކަމަށާއި އުފާވެރި ހަޔާތެއްގެ ދަންމަރު ދިއްލޭނެ ކަމަށް ބުނެފައިވެއެވެ.
ސަންއެފްއެމުން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގައެވެ. ފުޓްބޯޅަ ކޮމެންޓަރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓްވެސް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު