ކައުސާހިބާ صلّى اللّـه عليه وسلّم، أمّ المؤمنين السّيّدة عائشة رضى اللّـه عنها ގެ ކޮޓަރިކޮޅުގެ ބިތްކޮޅުތައް ހައްދަވައިފައިހުރީ ކަދުރުރުކުގެ ވަކަރުންނެވެ. އެންމެ ފުރަތަމަ އެ ކޮޓަރިކޮޅު ރޭނުއްވީ أمير المؤمنين عمر بن الخطّاب رضى اللّـه عنه އެވެ. عمر ގެފާނު
އެ ކޮޓަރިކޮޅު ރޭނުއްވީ ތަންކޮޅެއް ތިރިކޮށެވެ. އެއަށްފަހު عبد اللّـه بن الزّبير رضى اللّـه عنه އެ ކޮޓަރިކޮޅުގެ ފާރުކޮޅު އުސްކުރެއްވިއެވެ.
عمر بن عبد العـزيـز رحـمــه اللّـه ހިޖުރައިން 91 ވަނަ އަހަރު ޒިޔާރަތްފުޅުގެ ވަށައިފާރުކޮޅުތައް ކަޅުހިލައިން އަލުން ރޭނުއްވިއެވެ. މިކަމާ ބެހޭގޮތުން عروة بن الزّبـيـر رحـمه اللّـه ރިވާކުރައްވައިފައިވެއެވެ. عمر بن عبد العـزيـز رحـمــه اللّـه މަސްޖިދުއްނަބަވީ ޢިމާރާތްކުރެއްވިއިރު أمّهات المؤمنين ގެ ކޮޓަރިކޮޅުތައް މިސްކިތާ އެއްކުރެއްވުމަށްޓަކައި އެ ކޮޓަރިކޮޅުތައް ތަޅުއްވައިލެއްވިއެވެ. އޭގެ ސަބަބުން أمّ المؤمنين السّيّدة عائشة رضى اللّـه عنها ގެ ކޮޓަރިކޮޅުގެ އިރުމަތީ ފާރުކޮޅު ބަލިކަށިވެ ފާރުކޮޅު ވެއްޓުނެވެ. އެ ފާރުކޮޅު ރޭނުއްވުމަށްޓަކައި ބިންގާ ކޮންނެވުމުގެ ތެރޭގައި ރައުޟާ ޝަރީފާގައި ފަސްދާނުވެޑުވިފައި ތިއްބެވި ތިންބޭކަލުންކުރެ އެއް ބޭކަލެއްގެ ފައިތިލަފުޅު ހާސާވިއެވެ. މަދީނާގެ އެންމެންވެސް އެކަމާ ވަރަށް ފިކުރުބޮޑުވިއެވެ. ފަހަރެއްގައި އެ ފައިތިލަފުޅަކީ رسول اللّـه صلّى اللّـه عليه وسلّم ގެ ބަރަކާތްތެރި ފައިތިލަފުޅު ކަމުގައި ވެދާނެތީއެވެ. އެއްވެސް މީހަކަށް ކަނޑައަޅައި ވަކި ގޮތަކަށް ބުނާކަށެއް ނޭނގުނެވެ. އެހިނދު عروة بن الزّبـيـر رحـمه اللّـه އެ ފައިތިލަފުޅު ބެއްލެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް اللّـه ގަންދެއްވައި ވިދާޅުވަމެވެ. މިއީ عمر بن الخطّاب رضى اللّـه عنـه ގެ ފައިތިލަފުޅެވެ.
މިކަމާބެހޭ އިތުރު ތަފްޞީލު ދެއްވަމުން عبد اللّـه بن محمّد بن عقيل رحـمه اللّـه ވިދާޅުވެފައިވެއެވެ. "ރޭގަނޑުގެ ފަހުބައިގައި މަސްޖިދުއްނަބަވީއަށް ދިޔުމަކީ އަހަރެންގެ އާދައެކެވެ. އަހަރެން މިސްކިތަށް ގޮސް އެންމެ ފުރަތަމަ ކައުސާހިބާ صلّى اللّـه عليه وسلّم އަށް ސަލާމް ދަންނަވަނީއެވެ. ދެން އަހަރެން ނަމާދުކުރާ ތަނަކަށް ގޮސް ފަތިސްނަމާދުކޮށް ނިމެންދެން އެތާ އިންނަނީއެވެ. ވާރޭ ވެހުނު ރެއެކެވެ. އަހަރެން މިސްކިތަށް ދާންގޮސް مغيـرة بن شعبة رضى اللّـه عنـه ގެ ގެކޮޅާ ހަމަވީތަނާ ވަރަށް މީރު ވަހެއް ދުވާން ފަށައިފިއެވެ. އެފަދަ މީރު ވަހެއް ދުވަހަކުވެސް އަހަރެންގެ ނޭފަތުގައި ޖެހިފައެއް ނުވެއެވެ. މިސްކިތަށް ވަދެފައި އަހަރެންގެ އާދައިގެ މަތީން އެންމެ ފުރަތަމަ ދިޔައީ ކައުސާހިބާ صلّى اللّـه عليه وسلّم ގެ ޒިޔާރަތްފުޅުގެ އަރިހަށެވެ. އޭރު ޒިޔާރަތްފުޅުގެ ފާރުކޮޅު އޮތީ ވެއްޓިފައެވެ. އަހަރެން އެތެރެޔަށް ވަދެ ސަލާމް ދަންނަވައިފީމެވެ. ކުޑައިރުކޮޅެއްވީތަނާ މަދީނާގެ ގަވަރުނަރު عمر بن عبد العـزيـز ވަޑައިގެންފިއެވެ. އެކަލޭގެފާނަށް އޮތީ ފާރުކޮޅު ވެއްޓުނުކަން އެނގިވަޑައިގެންފައެވެ. އެކަލޭގެފާނު ވަޑައިގެން ޤުބާޠީ ފޮތީން (މިސުރުގައި ވިޔާ ކަޅުކުލައިގެ ބޯ ފަށުވި ފޮތްޗެއް) ޒިޔާރަތްފުޅު ފޮރުވަން އެންގެވިއެވެ. ފަތިސްވުމުން ރޭނުމުގެ މާހިރެއް ކަމުގައިވާ وردان ގެންނަވައި އޭނާ އެތެރެޔަށް ވެއްދެވިއެވެ. އޭނާ އެތެރެޔަށް ވަދެފައި ދެންނެވިއެވެ. ކޮންމެހެންވެސް އަޅުގަނޑާއެކު އަދި އެކަކުފޮނުއްވާށެވެ. عمر بن عبد العـزيـز ހެދުންކޮޅު ކޮށިކޮށްލައްވައި އެތެރެޔަށް ވެދެވަޑައިގަންނަވާން ތައްޔާރުވެވަޑައިގެންނެވިއެވެ. އެވަގުތު قاسم بن محمّد بن أبي بكر އާއި سالم بن عبد اللّـه بن عمر (رحـمه اللّـه) ވެސް އެތެރެޔަށް ވެދެވަޑައިގަންނަވަން ތައްޔާރުވެވަޑައިގެންނެވިއެވެ. عمر އެބޭކަލުންނަށް ވިދާޅުވިއެވެ. "ތިޔަބޭކަލުން ތިޔަ އުޅުއްވަނީ ކީއްކުރައްވަންތޯއެވެ؟" އެބޭކަލުން ވިދާޅުވިއެވެ. "މާތް اللّـه ގަންދެއްވަމުއެވެ. އަޅުގަނޑުމެންވެސް ކަލޭގެފާނުގެ އަރިހުގައި އެތެރެޔަށް ވަންނާނޫއެވެ." އެބޭކަލުން އެހެން ވިދާޅުވުމުން عمر މަޑުކޮށްލެއްވިއެވެ. عمر ވިދާޅުވިއެވެ. "އަޅުގަނޑު ގިނަބަޔަކު އެތެރެޔަށް ވައްދައި އުނދަގޫކުރާކަށެއް ބޭނުމެއް ނޫނެވެ." عمر بن عبد العـزيـز رحـمــه اللّـه އެކަލޭގެފާނު މިނިވަންކުރެއްވި އަޅެއް ކަމުގައިވާ مزاحم ގާތު ވިދާޅުވިއެވެ. "ތެދުވާށެވެ. ކަލޭގެ އެކަނި އެތެރެޔަށް ވަންނާށެވެ." ޒިޔާރަތްފުޅުގެ ފާރުކޮޅު (عائشة ގެފާނުގެ ކޮޓަރިކޮޅުގެ ފާރުކޮޅު) ރާނައި ނިމުމުން مزاحم ގާތު ވިދާޅުވިއެވެ. "އެތެރެޔަށް ވަދެ ވެއްޔާއި ހިރަފުސް ފޮޅައި ސާފުކޮށްލާށެވެ." عمر ވިދާޅުވިއެވެ. "مزاحم އެކުރި މަސައްކަތް ކުރުމުގެ ނަސީބު އަހަންނަށް ލިބުނުނަމަ ދުނިޔޭގައި ވާހައި އެއްޗެއް ލިބުމަށްވުރެ އަހަރެން އުފާވީހެވެ."
عمر بن عبد العـزيـز ސުވާލުކުރެއްވިއެވެ. "މަހާނަފުޅުތައް ހުރީ ކޮންގޮތަކަށްހެއްޔެވެ؟ مزاحم ދެންނެވިއެވެ. އެންމެކުރިޔަށް ހުރި މަހާނަފުޅު ހުރީ ތަންކޮޅެއް އަޑިކޮށެވެ. އަނެއް ދެމަހާނަފުޅު ތަންކޮޅެއް އުހެވެ. މިތިން މަހާނަފުޅުވެސް ހުންނަނީ ހިލަ ނުވަތަ މުށިޖަހައިފައެއް ނޫނެވެ. މަހާނަފުޅަށް ފަސްލެވުނުގޮތަށް ބައެއް ފަރާތްތަކުން މަހާނަފުޅުގެ ފޮޓޯފުޅުކަމަށް ދަޢުވާކުރާ ހިލަޖަހައި ފައްކާކޮށްފައި ހުންނަ ތިން މަހާނައެއްގެ ފޮޓޯއަކީ އަސްލު ފޮޓޯއެއް ނޫނެވެ. ޔަހޫދީ ފިކުރާ އެއްގޮތަށް ބަޔަކު ހަދައިފައިވާ ހެދި ފޮޓޯތަކެކެވެ.
عمر بن عبد العـزيـز رحـمــه اللّـه ކައުސާހިބާ صلّى اللّـه عليه وسلّم އާއި އެމާތް ސާހިބާގެ ދެމިތުރުންގެ ޤަބުރުފުޅުގެ ވަށައިގެން ހަތަރެސްކަން ފާރުކޮޅެއް ލެއްވުމަށްފަހު (عائشة ގެފާނުގެ ކޮޓަރިކޮޅުގެ ފާރުކޮޅު ރޭނުއްވުމަށްފަހު) އެ ފާރުކޮޅުގެ ބޭރުން ފަސްކަނަށް ހުންނަ ފާރުކޮޅެއްވެސް ރޭނުއްވިއެވެ. އެ ފާރުކޮޅުގެ އުތުރުފަރާތް ރޭނުއްވީ ތިނެސްކަނަށެވެ. إبن حجر الهيتمى ވިދާޅުވާގޮތުގައި ތިނެސްކަނަށް ފާރުކޮޅު ރޭނުއްވީ ޤަބުރުފުޅަށާއި ޤިބުލަޔަށް އެއްފަހަރާ ކުރިމަތިލެވުނަ ނުދެއްވުމަށްޓަކައެވެ. އެ ފާރުކޮޅަށް ކިޔެނީ "ޙާއިޒު މަޚްމަސް" އެވެ. އެ ފާރުކޮޅުގައި އެއްވެސް ދޮރުކޮޅެއް ނުހުރެއެވެ. އުސްމިނުގައި ގާތްގަނޑަކަށް ހަމީޓަރު ބައި ހުރެއެވެ. އެއްވެސް މީހަކަށް އެތެރެޔަށް ވަދެވުނަ ނުދެއްވުމަށްޓަކައެވެ. އެތެރެ ފެނުނަވެސް ނުދެއްވުމަށްޓަކައެވެ. "ޙުޖުރާ ޝަފީރާ" ގެ ނަންދެވިފައިވަނީ އެ ފަސްކަން ކޮޓަރިކޮޅަށެވެ. އެ ކޮޓަރިކޮޅު ހުންނަނީ ކަޅުފަށުވީގެ ބޯފޮތީން ފަރުދާކޮށްފައެވެ.
14 ޝަޢުބާން 881 އިން 7 ޝައްވާލު 881 އާ ދެމެދު سلطان قيتباى ޙުޖްރާ ޝަރީފާގެ ފާރުކޮޅު (أمّ المؤمنين السّيّدة عائشة صدّيقة رضى اللّـه عنها ގެ ކޮޓަރިކޮޅުގެ ފާރުކޮޅާއި، ޙާއިޒު މަޚްމަސް) أمير المؤمنين عمر بن عبد العـزيـز ރޭނުއްވިގޮތަށް އަލުން ރޭނުއްވިއެވެ. އެ ފާރުކޮޅުތަކުގައި ރެނދުލައި ހިސާބަކަށް އަރިއަޅައިލުމާ ގުޅިގެންނެވެ. އޭގެފަހުން އެ ފާރުކޮޅުތަކަށް އެއްވެސް ބަދަލެއް ގެނެވުނުކަމުގެ ތާރީޚީ ރެކޯޑެއް ނެތެވެ. قيتباى ވެސް އެއިން ފާރުކޮޅެއްގައި އެއްވެސް ދޮރުކޮޅެއް ނުބަހައްޓަވައެވެ.
"ޒިޔާރަތްފުޅު" ނުވަތަ "މަޤްޞޫރާ ޝަރީފާ" ގެ ނަމުގައި އަޅުގަނޑުމެން މިދެކޭ އެކަތައާއި ރަންވަންލޯގެ ޖާލިކޮޅުތަކުން ވަށައިލެވިފައިވާ ކޮޓަރިކޮޅު ހުންނަނީ عمر بن عبد العـزيـز ރޭނުއްވި ފަސްކަން ފާރުކޮޅުގެ ބޭރުންނެވެ. އެ ކޮޓަރިކޮޅު އެންމެ ފުރަތަމަ ހެއްދެވީ سلطان ركن الدّين بيبـرس އެވެ. ހިޖުރައިން 668 ވަނަ އަހަރުއެވެ. އެ ކޮޓަރިކޮޅުގެ ބޮޑުމިނަކީ ދެކުނުން އުތުރަށް ސޯޅަ މީޓަރެވެ. އިރުން ހުޅަނގަށް ފަނަރަ މީޓަރެވެ. سلطان ركن الدّين އެ ކޮޓަރިކޮޅުގެ ޖާލިކޮޅުތައް ހެއްދެވީ ލަކުޑިންނެވެ. އުސްމިނަކީ މެދުމިނު މީހެއްގެ ދެ އިސްކޮޅެވެ. އެއަށްފަހު شاه زين الدّين كتبغا ހިޖުރައިން 694 ވަނައަހަރު އެ ޖާލިކޮޅުގެ މައްޗަށް ފުރާޅުކޮޅާ ހަމަޔަށް ޖާލިކޮޅު ޖެއްސެވިއެވެ.
އަލްމަސްޖިދުއްނަބަވީ ޝަރީފުގައި ދެވަނަޔަށް ހިނގި އަލިފާނުގެ ޙާދިޘާގައި އެ ޖާލިކޮޅު ވަނީ އަނދައިފައެވެ. އެ ޙާދިޘާ ހިނގީ ހިޖުރައިން 886 ވަނަ އަހަރުއެވެ. سلطان قيتباى އެ ޙާދިޘާއާ ވިދިގެން އެކަތައާއި ރަންވަންލޯއިން ޖާލިކޮޅު ހައްދަވައި މަޤްޞޫރާ ޝަރީފާގެ ވަށައިގެން ޖާލިކޮޅު ޖެއްސެވިއެވެ. ހިޖުރައިން 888 ވަނަ އަހަރުއެވެ. އެ ޖާލިކޮޅުތަކުގެ ބަރުދަނަކީ ސަތާރަހާސް އަށްސަތޭކަ ސަތާރަ ކިލޯގްރާމެވެ. އެ ޖާލިކޮޅުތައް މަދީނާއަށް ގެނެވުނީ ހަތްދިހަ ޖަމަލުގައެވެ. ރަންވަންލޯގެ ޖާލިކޮޅުތައް ޖެއްސެވީ ޤިބުލަ ފަރާތުގައެވެ. އަނެއް ތިން ފަރާތުގައި އެކަތައިގެ ޖާލިކޮޅެވެ. އެ ޖާލިކޮޅުތައް ހުންނަނީ ފެހިކުލައިގައެވެ. އޭގެ މައްޗަށް ހުންނަނީ ރަންވަންލޯގެ ގޮޅިކުދި ޖާލިކޮޅުތަކެކެވެ. އެތެރެއަށް ކޮތަރު ވަނަނުދިނުމަށްޓަކައެވެ.
ޒިޔާރަތްފުޅުގައި ހުންނަނީ ހަތަރު ދޮރުކޮޅެވެ. އެއްދޮރުކޮޅު ޤިބުލަ ފަރާތުގައެވެ. އެ ދޮރުކޮޅުގެ ނަމަކީ ބާބުއްތައުބާއެވެ. އެ ދޮރުކޮޅުގެ މަތީގައި ހުންނަ ރިހި ބޯޑެއްގައި ލިޔެފައިވާގޮތުގައި، އެތާނގައި މިހާރު އެހެރަ ދޮރުކޮޅު ބެހެއްޓީ ހިޖުރައިން 1026 ވަނަ އަހަރުގައެވެ. ދެވަނަ ދޮރުކޮޅަކީ ބާބުލްވުފޫދެވެ. އެ ދޮރުކޮޅު ހުންނަނީ އުސްޠުވާނާ އަލްވުފޫދާ ޖެހިގެންނެވެ. ތިންވަނަ ދޮރުކޮޅަކީ ބާބު ފާޠިމާއެވެ. އެ ނަން ކިޔަނީ السّيّدة فاطمة الزّهرة رضى اللّـه عنها ގެ ގެކޮޅުގެ ކައިރީގައި އެ ދޮރުކޮޅު ހުންނާތީއެވެ. މިތިން ދޮރުކޮޅަކީވެސް ހިޖުރައިން 668 ވަނަ އަހަރުން ފެށިގެން ހުންނަ ތިން ދޮރުކޮޅެވެ. ހަތަރުވަނަ ދޮރުކޮޅަކީ ބާބުއްތަހައްޖުދެވެ. އެ ދޮރުކޮޅު ބެހެއްޓީ ހިޖުރައިން 729 ވަނަ އަހަރުގައެވެ. މި ދޮރުކޮޅުތަކުގެ ތެރެއިން ހުޅުވައި އުޅެނީ އިރުމަތީ ދޮރުކޮޅު އެކަންޏެވެ. އިރުމަތީ ދޮރުކޮޅުވެސް ހުޅުވަނީ ސަރުކާރުގެ ޚާއްޞަ މެހްމާނުންނާއި ޚާއްޞަ ވަފުދުތަކަށްޓަކައެވެ.
ޚާއްޞަ މެހްމާނުންނާއި ޚާއްޞަ ވަފުދުތަކަށް "ޒިޔާރަތްފުޅު" ގެ އެތެރެޔަށް ވެދެވަޑައިގެންނެވުނު ކަމުގައިވިޔަސް ޙަޤީޤަތުގައި އެވެދެވަޑައިގެންނެވެނީ أمّ المؤمنين السّيّدة عائشة
رضى اللّـه عنها ގެ ކޮޓަރިކޮޅުގެ ބޭރުން ލެވިފައިވާ ފަސްކަން ފާރުކޮޅާ ހަމަޔަށެވެ. އެއަށްވުރެ އެތެރެޔަކަށް ވެދެވަޑައެއް ނުގެންނެވެއެވެ. عائشة ގެފާނުގެ ކޮޓަރިކޮޅުގައިވެސް، ފަސްކަންފާރުކޮޅުގައިވެސް އެއްވެސް ދޮރުކޮޅެއް ނުވަތަ ފެންލައިޓްކޮޅެއްވެސް ނުހުރެއެވެ. އެތެރެއަށް އަލިވަންނަނީވެސް ހަމައެކަނި ޙުޖުރާ ޝަރީފާގެ މަތީގައި ހުންނަ އާނގުވަޅަކުންނެވެ. ކުރީންވެސް ދެންނެވި ފަދައިން ފަސްކަން ފާރުކޮޅު ނުވަތަ ކޮޓަރިކޮޅު ހުންނަނީ ކަޅުފަށުވީގެ ބޯފޮތީން ފަރުދާކޮށްފައެވެ. އެހެންކަމުން ޙަޤީޤީ ޒިޔާރަތްފުޅުގެ (السّيّدة عائشة رضى اللّـه عنها ގެ ކޮޓަރިކޮޅުގެ އެތެރޭގެ) އެއްވެސް ޚަބަރެއް ޒިޔާރަތްފުޅުގެ ޚާއްޞަ ޚާދިމުންނަކަށްވެސް އެނގިވަޑައެއް ނުގަންނަވާނެއެވެ. علاّمة سخاوى ވަނީ މިކަން ޞަރީޙުކޮށް ބަޔާންކުރައްވައިފައެވެ. (މަސްޖިދެނަބަވީ ޝަރީފް: ތާރީޚު، އާދާބު، ފަޟާއިލް، ޑޮކްޓަރ محمّد إلياس عبدالغنى)
ނޯޓު: މިއީ އަޅުގަނޑު ލިޔެފައިވާ عمر بن عبد العـزيـز رحـمــه اللّـه މި ފޮތުން ނަގައިފައިވާ ބައެކެވެ. ޑރ محمّد إلياس عبدالغنى އަކީ ދެ ހަރަމުގެ އިންޖިނިއަރިން ކޮމެޓީގެ މެންބަރެކެވެ.
ދީން
ދީން
ދީން
ދީން