އިނގިރޭސި ރާނީ އެލިޒަބެތް ދެވަނައިގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ސާހީ އާއިލާއަށާއި އިނގިރޭސި ރައްޔިތުންނަށް ފޮނުވި ތައުޒިޔާގެ މެސެޖުގައި 1972 ވަނަ އަހަރު ރާނީ އާއި ފިލިޕް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ހަނދާން އާ ކުރައްވައި ރައީސް ވިދާޅުވީ، ފިލިޕަކީ އާންމުންނަށް ހިދުމަތް ކޮށްދެއްވި، އިހުލާސްތެރި އަދި ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށެވެ.

ބަކިންގްހަމް ޕެލެސް އިން ބުނީ، ޕްރިންސް ފިލިޕް އަވަހާރަވީ މިއަދު ހެނދުގެ ވަގުތެއްގައި ވިންޑްސޯ ގަނޑުވަރުގައި ކަމަށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 99 އަހަރެވެ. ޕްރިންސް ފިލިޕް މިއަދު އަވަހާރަވި އިރު، ހާލުކޮޅު ގޯސްވެ މަހެއްހާ ދުވަސް ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އޭނާ އެނބުރި ގަނޑުވަރަށް ވަޑައިގެންނެވީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

ޕްރިންސް ފިލިޕް އުފަންވެ ވަޑައިގެންނެވީ 1921 ވަނަ އަހަރު ގްރީކުގެ ރަށެއް ކަމަށްވާ ކޯފޫއަށެވެ. ބައްޕާފުޅަކީ ހެލީންގެ ރަސްގެފާނު ޖޯޖް އެކެއްގެ ހަގު ދަރިކަލުން އަދި ގްރީސް އާއި ޑެންމާކުގެ ޕްރިންސް އެންޑްރޫއެވެ. މަންމާފުޅަކީ ކުއީން ވިކްޓޯރިއާގެ ހޫރު މާމަ ދަރިކަލުން އަދި ބެޓެންބާޣްގެ ޕްރިންސް ލުއިސްގެ ދަރިކަނބަލުން ޕްރިންސް އެލީސް އެވެ.

ޕްރިންސް ފިލިޕް އާއި ރާނީ އެލިޒަބެތް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރު އެވެ. އެއީ އެލިޒަބެތު ތަހުތަށް އިސްވެ ވަޑައިގެންނެވުމުގެ ފަސް އަހަރު ކުރިންނެވެ. ޕްރިންސް ފިލިޕަށް ހަތަރު ދަރިކަލުންނާއި އަށް ކާފަ ދަރިކަލުން އަދި 10 މުނި ކާފަ ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ.

ސިއްހީ ހާލު ތަންނުދޭތީ 2017 ވަނަ އަހަރުގެ މެއި މަހު ޕްރިންސް ފިލިޕް ވަނީ ޝާހީ ޒިންމާތަކުން ރިޓަޔާ ކުރައްވައިފައެވެ.