ދުނިޔެ

ޕްރިންސް ފިލިޕް އަވަހާރަވެއްޖެ

އިނގިރޭސި ރާނީ އެލިޒަބެތް ދެވަނައިގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވެއްޖެ ކަމަށް ބަކިންހަމް ޕެލެސް އިން އިއުލާންކޮށްފިއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 99 އަހަރެވެ.

ބަކިންގްހަމް ޕެލެސް އިން ބުނީ، ޕްރިންސް ފިލިޕް އަވަހާރަވީ މިއަދު ހެނދުގެ ވަގުތެއްގައި ވިންޑްސޯ ގަނޑުވަރުގައި ކަމަށެވެ.

ޕްރިންސް ފިލިޕް މިއަދު އަވަހާރަވި އިރު، ހާލުކޮޅު ގޯސްވެ މަހެއްހާ ދުވަސް ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު އޭނާ އެނބުރި ގަނޑުވަރަށް ވަޑައިގެންނެވީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހުއެވެ.

ޕްރިންސް ފިލިޕް އުފަންވެ ވަޑައިގެންނެވީ 1921 ވަނަ އަހަރު ގްރީކުގެ ރަށެއް ކަމަށްވާ ކޯފޫއަށެވެ. ބައްޕާފުޅަކީ ހެލީންގެ ރަސްގެފާނު ޖޯޖް އެކެއްގެ ހަގު ދަރިކަލުން އަދި ގްރީސް އާއި ޑެންމާކުގެ ޕްރިންސް އެންޑްރޫއެވެ. މަންމާފުޅަކީ ކުއީން ވިކްޓޯރިއާގެ ހޫރު މާމަ ދަރިކަލުން އަދި ބެޓެންބާޣްގެ ޕްރިންސް ލުއިސްގެ ދަރިކަނބަލުން ޕްރިންސް އެލީސް އެވެ.

ޕްރިންސް ފިލިޕް އާއި ރާނީ އެލިޒަބެތް ކައިވެނި ބައްލަވައިގަތީ 1947 ވަނަ އަހަރު އެވެ. އެއީ އެލިޒަބެތު ތަހުތަށް އިސްވެ ވަޑައިގެންނެވުމުގެ ފަސް އަހަރު ކުރިންނެވެ. ޕްރިންސް ފިލިޕަށް ހަތަރު ދަރިކަލުންނާއި އަށް ކާފަ ދަރިކަލުން އަދި 10 މުނި ކާފަ ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ.