(5 އޭޕްރީލްގެ އަދަދާ ގުޅޭ)
مـفـتى أعـظـم ވިދާޅުވިއެވެ. "މަނިކުފާނު ތިޔަވަޑައިގަންނަވަނީ ޖިހާދުގެ ނިޔަތުގައި. معـتـمـد ގެ ހިތްޕުޅުގައިވެސް ޖިހާދުގެ ނިޔަތް އޮތްކަމުގައިވާނަމަ ޖަޒީރަތުލްޚަޟުރާއަށް ފައިބައިވަޑައިގަންނަވާކަށް މަނިކުފާނަށް އޭނާގެ އަމުރުފުޅެއް ބޭނުންފުޅެއް ނުވާނެ. معـتـمـد ގެ ހިތްޕުޅުގައި އެހެންގޮތަކަށް އޮތްކަމުގައިވިޔަސް މަނިކުފާނަށް އެ ޙައްޤުވަނީ ލިބިވަޑައިގެންފައި. އެހެނީ ޖިހާދުގެ މަޞްލަޙަތަށްޓަކައި މަނިކުފާނަށް އެ ބަނދަރު ބޭނުންކުރެއްވޭނެ. ޚާއްޞަކޮށް އަންދަލުސުގެ އެއްވެސް ބަޔަކަށް ވެރިވެވަޑައިނުގަންނަވާނެކަމަށް މަނިކުފާނު ވަނީ މުލޫކުއްޠަވާއިފުންގެ މަންދޫބުންގެ އަރިހުގައި ވަޢުދުވެވަޑައިގެންފައި. މަނިކުފާނު އެގޮތަށް ވަޢުދުވެވަޑައިގެންފައި ވަނިކޮށް އޭނާ މަނިކުފާނުގެ ނިޔަތްޕުޅާމެދު ޝައްކު ކުރައްވާނަމަ އެކަމަށް ފަރުވާލެއް ނުބަހައްޓަވާ!"
* * * * * * * * * * *
ޖަޒީރަތުލްޚަޟުރާއުގެ ގަވަރުނަރަކީ معـتـمـد ގެ އެންމެ ހަގު ދަރިކަލުން راضى އެވެ. އެއްދުވަހަކު އޭނާ އިންނެވީ އޭނާގެ ދަރުބާރުގައި ޅެމާއި ލަވަކިޔުމުގެ މަހެފިލެއް ބާއްވަވައިގެންނެވެ. ގަނޑުވަރުގެ ބަނޑޭރި ދުވެފައި އެތެރެޔަށް ވަދެއްޖެއެވެ. ލަވަކިޔާ މީހުންނަށާއި މިޔުޒިކު ކުޅޭމީހުންނަށް އޭނާގެ މޫނުމަތީގައިހުރި ކަންބޮޑުވުމާއި ހާސްކަން ފެނިފައި އެބައިމީހުންގެ މަސައްކަތްތަކަށް ހުއްޓުން އަރައިފިއެވެ.
"މާތް ސާހިބާ!" އޭނާ ދެންނެވިއެވެ. "މުރާކިޝުން ސަފީރެއް ވަޑައިގެންފި. އޭނާ މަނިކުފާނުގެ އަރިހަށް ވަޑައިގަންނަވާން ގަދަދައްކަވަނީ!"
އަރާމު ފޮނި ނިންޖެއްގައި އޮއްވައި މީހަކު ތޮޅެ ހޭލައްވައިލި ތުއްތު ކުއްޖެކޭ راضى އެކޭ އެއްވެސް ތަފާތެއް ނެތެވެ. އޭނާ ކޯފާވެފައި ގަނޑުވަރުގެ ބަނޑޭރިއާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "ކަލޭ މިހާރު ވަރަށް އަދަބު ކުޑަވެއްޖެ. މުރާކިޝްގެ ސަފީރާ ބައްދަލުކުރާން މިއީ ކޮންވަގުތެއް؟" راضى މިޔުޒިކު ކުޅޭމީހުންނާއި ލަވަކިޔާ މީހުންނާ ދިމާޔަށް އެނބުރިވަޑައިގެން ހަޅޭފުޅު ލައްވައިގެންނެވިއެވެ. "ކަލޭމެންގެ ގަޔަށް ހަރުފަ ވިހަލީ ކީއްވެގެންތަ؟"
"އަނެއްކާވެސް ޠާއޫސާއި ރުބާބުގެ ފޮނިފޮނި ރާގުތަކުގެ އަޑު އުފުލޭން ފަށައިފިއެވެ. ނަމަވެސް ގަނޑުވަރުގެ ބަނޑޭރި ޖެހިލުންކުޑަކޮށްލައިފައި راضى ގެ މަސަންދުގެ ކައިރިޔަށް ޖެހިލައިފައި ދެންނެވިއެވެ. "ސާހިބާ! އޭނާ ވަޑައިގެންނެވީ ކޮންމެވެސް މުހިންމު ޚަބަރަކާއިގެން. އޭނާ ބޭނުންފުޅުވަނީ ހަމަމިހާރު ސާހިބާގެ ފައިންޕުޅު ދެކެވަޑައިގަންނަވާން!"
راضى ގުގުރައިވަޑައިގެންފައި ވިދާޅުވިއެވެ. "އަހަރެން ކަލޭގެ ދޫ ދަމައިގެންފާނަން. ގޮސް އޭނާގާތު ބުނޭ. އަހަރެން މިހަފުތާއަކު އެއްވެސްމީހަކާ ބައްދަލެއް ނުވާނަމޭ."
ބަނޑޭރި އަނެއްކާވެސް ދަންނަވައިފިއެވެ. "މާތް ސާހިބާ! މަނިކުފާނަށްވެސް އޭނާ ފެނިވަޑައިގެންނެވުމުން އަޅުގަނޑުގެ ކުށަކީ މާފުކުރެއްވުން އެކަށީގެންވާ ކުށެއްކަމުގައި ގަބޫލުކުރައްވާނެކަން ކަށަވަރު. ފާރަވެރީން ދޮރުމަތީން އޭނާ ހުއްޓުވި. އެކަމަކު އޭނާ ގަދަކަމުން އެތެރެޔަށް ވެދެވަޑައިގެންފި. އޭނާ ވިދާޅުވީ އިންތިޒާރު ކުރައްވަން އޭނާއަށް ވަގުތެއް ނެތްކަމަށް. އޭނާ ބައްދަލުކުރާ ކޮޓަރީގައި ބައިންދަންވެސް އަޅުގަނޑު މަސައްކަތްކުރީން. އެކަމަކު އޭނާއަކީ އެހެންމީހުން ދައްކާ ވާހަކަ އަޑުއައްސަވަން ދެނެވަޑައިގަންނަވާ ބޭފުޅެއް ނޫން. އޭނާ ދެނެވަޑައިގަންނަވަނީ ހަމައެކަނި އަމުރުކުރައްވަން. އޭނާ އެތެރެޔަށް ވެދެވަޑައިގެންނެވިޔަނުދީ ހުއްޓުވުނީވެސް ވަރަށް އުނދަގުލުން."
"އޭނާވީ ކޮންތަނަކުތަ؟"
"ބޭރުގައި. ބައްދަލުކުރާ ކޮޓަރީގެ ދޮރުމަތީގައި އެބަހުންނެވި!"
راضى ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ހީވަނީ އަހަރެމެންގެ ދުވަސް ގުނެމުންދަނީހެން. ބޭރުން ސަފީރަކު އައިކަމުގައިވިޔަސް ކުޑަވެސް ޖެހިލުންވުމެއްނެތި އަހަރެންގެ ގަނޑުވަރަށް ވަންނަނީ. ގަނޑުވަރުގެ ފާރަވެރީންނަކަށް އެމީހަކު ނުހުއްޓުވޭ. ގަނޑުވަރުގެ ބަނޑޭރި ދުވެފައި އަހަރެންގެ ގާތަށް އައިސް ބުނަނީ އަހަރެން އޭނާއަށް މަރުޙަބާކިޔަން ދާށޭ!"
"ދަރަޖަ މަތިވެރި ސާހިބާ! އަޅުގަނޑު ދަންނަވައިފިން. ގަނޑުވަރުގެ ފާރަވެރީން އޭނާ ހުއްޓުވަން މަސައްކަތްކުރި ވާހަކަ. އެކަމަކު....."
"އެކަމަކު ކީއްވީ؟"
"މަތިވެރި ސާހިބާ! މަނިކުފާނުގެ ވިދާޅުބަސްފުޅަކާ ނުލައެއް އަޅުގަނޑުމެންނަކަށް ސަފީރެއްގެ ގައިކޮޅަކަށް އަތެއް ނުލެވޭނެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު ކަމަކާނުލައި މަރުވާކަށެއް މަނިކުފާނުވެސް ގަބޫލުފުޅެއް ނުވާނޫ! އޭނާ ހުންނެވީ ހަނގުރާމަކުރައްވާންވެސް ތައްޔާރުވެވަޑައިގެން!"
"ކަލޭ ބޭނުންވަނީ އަހަރެން އެފަދަ މީހަކާ ބައްދަލުކުރާންތަ؟"
"މާތް ސާހިބާ އަމުރު ކުރައްވައިފިނަމަ އަޅުގަނޑުމެން އޭނާ ހައްޔަރުކޮށްފާނަން. އެކަމަކު އޭނާއަކީ މުރާކިޝް އިން ވަޑައިގެންނެވި ސަފީރެއް. އޭނާއަކީ މުރާބިޠީންގެ أميــر ފޮނުއްވި ސަފީރެއް ކަމުގައިވާނަމަ އަޅުގަނޑުމެންނަކަށް އެ އަދަބުކުޑަ ކަމަކަށް ޖަވާބެއް ނުދެވޭނެ."
"އޭނާއަކީ މުރާބިޠީންގެ أميــر ގެ އަރިހުން ވަޑައިގެންނެވި ބޭފުޅެއްކަމުގައިވާނަމަ އޭނާ ވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނީ އިޝްބީލިއްޔާއަށް. سلطـان المـعـظّــم ގެ އަރިހަށް. އަހަރެންގެ ކިބައިން އޭނާއަށް ފުއްދެވޭނީ ކޮންބޭނުމެއް؟"
ގަނޑުވަރުގެ ބަނޑޭރި ކޮންމެވެސް އެއްޗެކޭ ބުނާން އުޅުނެވެ. އެކަމަކު ބޭރުން ފާރަވެރީންގެ އެއާމިޔާ ކިޔާ އަޑުއިވޭން ފަށައިފިއެވެ. ކޮންމެވެސް މީހަކު ވަރަށް ހައިބަތުހުރި އަޑަކުން ބުނާއަޑު އިވުނެވެ. "އަހަރެންގެ ވަގުތު ތިޔަބައިމީހުންގެ ގަވަރުނަރަށްވުރެ މާ އަގުބޮޑު!"
ބަނޑޭރީގެ އިޝާރަތަކަށް ފާރަވެރީންގެ ބަޔަކު ލޮންސި އުކުޅަށްލައިގެން ދޮރުމަތީގައި އެތުރިލައިފިއެވެ. ދަގަނޑުދަހަނާގައި ހުރި މީހަކު ދޮރުމަތީން ފެނިއްޖެއެވެ. ހަތިޔާރުއެޅި ފާރަވެރީންގެ ބަޔަކު އޭނާ ވަށައިލައިގެން ތިއްބެވެ. އޭނާ ދޮރުން އެތެރެޔަށް ފިޔަވަޅެއް އަޅާއިރަށް ގަވަރުނަރުގެ ހަށިފާރަވެރީންގެ ލޮންސިތައް އޭނާއާ ދިމާޔަށް ދިއްކޮށްލައިފިއެވެ. ދަގަނޑުދަހަނާގައި ހުރިމީހާ ސިކުންތުކޮޅެއްހައިއިރު މަޑުކޮށްލިއެވެ. މަހެފިލުގައި ތިބި އެންމެންވެސް އެބައެއްގެ މަސައްކަތް ހުއްޓައިލައިފިއެވެ. ހިމޭންކަމާއެކު އޭނާއާ ދިމާޔަށް ބަލާން ފަށައިފިއެވެ. އޭނާ ހަމަޖެހިލައިފައި ބުންޏެވެ. "ތިޔަބައިމީހުން ކަނޑިއާއި ލޮންސީގެ ކުޅިވަރު ދަންނަނަމަކަ މިއަދު އަންދަލުސުގެ ހާލު މިފަދަ ދަށުދަރަޖަޔަކަށް ނުވެއްޓުނީސް..... ޝެހެޒާދާ! މަނިކުފާނުގެ ފާރަވެރީންނާއި، ލަވަކިޔާ މީހުންނާއި ޚުވާޖާސަރާއިންގެ ހިތްހަމަޖައްސައިދެއްވާ. އަޅުގަނޑު މިއައީ ކުޑަވެސް ނުބައި ނިޔަތެއްގައެއް ނޫން."
ފާރަވެރީން ފަހަތަށް އެނބުރި راضى އާ ދިމާޔަށް ބަލާން ފަށައިފިއެވެ. ޝެހެޒާދާ راضى އޭނާގެ ހިކިފައިވާ ތުންފަތްޕުޅުގައި ދޫފުޅު ކާއްތަވަމުން ވިދާޅުވިއެވެ. "އަހަރެންގެ ސިފައިންގެ ކެތްތެރިކަމުގެ ސަބަބުން ކުށްހީއެއް ނުކުރާތި. ކަލެޔަކީ ސަފީރެއްކަމުގައި ނުވާނަމަ އަހަރެން ކަލެޔާ ވާހަކަ ދެއްކުމުގެ ބަދަލުގައި ބަލަން އިނީހީ ކަލޭގެ ފުރާނަނެތް މަސްގަނޑާ ދިމާޔަށް." ސަފީރެއްގެ ހައިސިއްޔަތުންވެސް ކަލޭ ތިޔަވަނީ އެންމެ ބޮޑެތި އަދަބުތައް ޙައްޤުވާކަން ސާބިތުކޮށްދީފައި— ފޭރޭ މީހަކު ފަދައިން އަހަރެންގެ ގަނޑުވަރަށް ވަންނާން ކަލެޔަށް ކެރުނީ ކީއްވެގެންތަ؟"
راضى ގެ ސިފައިންގެ ލޮންސިތަކުގެ ތުނޑު އެޒުވާނާގެ ދަހަނާގައި ބީހޭން ފަށައިފިއެވެ. އެކަމަކުވެސް އޭނާގެ މޫނުމަތީގައި ބިރުގެ ކަންފުޅެއްވެސް ނެތެވެ. އޭނާ ބުންޏެވެ. "އަލްފާންސޫގެ ސަފީރުން ތިޔަބޭފުޅުންގެ ގަނޑުވަރުތަކަށް ވަދެގެން އަންނަނީ މިއަށްވުރެވެސް މާބާރުހުރެގެން."
راضى ވިދާޅުވިއެވެ. "ކަލޭ ބޭނުންވަނީ ކޮންކަމެއް؟"
"އަޅުގަނޑު މިއައީ މަނިކުފާނުގެ އަރިހުގައި ހަމަ އެންމެ ވާހަކައެއް ދަންނަވަން. "أميــر يـوسف بـن تـاشـفـيـن ގެ ލަޝްކަރު ހަފުތާއެއްގެ ތެރޭގައި އަންދަލުސަށް އަންނާނެ. މަނިކުފާނު އަންދަލުސުގެ ސަލާމަތާއިގެން ވަޑައިގަންނަވާ ބަޠަލަށް ޖަޒީރަތުލްޚަޟުރާއުގައި އިސްތިޤުބާލު ކުރައްވާން ބޭނުންފުޅުކަމުގައި ނުވާނަމަ މަނިކުފާނު މިރަށް ހުސްކޮށްދެއްވާ!"
ޝެހެޒާދާ راضى އާއި އޭނާގެ މަޖިލީހުގައި ތިއްބެވި ބޭފުޅުން ތިއްބެވީ ދެލޯފުޅު ބޮޑުކުރައްވައިގެން އެޒުވާނާއާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. راضى ގެ މުސާހިބެއް އެ ޒުވާނާއާ މުޚާޠަބުކޮށް ދެންނެވިއެވެ. "މުރާބިޠީންގެ أميــر އަށް ދަޢުވަތު އަރުވައިފައިވަނީ އޭނާގެ ނައުފަހަރު ޖަބަލުއްޠާރިޤުގައި ބަނދަރު ކުރައްވަން. އަޅުގަނޑު ހައިރާންވެއްޖައިން. އޭނާ ޖަޒީރަތުލްޚަޟުރާއު ޚިޔާރު ކުރެއްވީ ކީއްވެގެންތޯ؟"
ޒުވާނާ ޖަވާބު ދިނެވެ. "ކަލާގެ މާނައެއް ނެތް ސުވާލުތަކަށް ޖަވާބު އަރުވާކަށެއް އަޅުގަނޑު ނެތީން. އަޅުގަނޑު މިއައީ ހަމައެކަނި ނިމިފައިވާ ނިންމުމެއްގެ ވާހަކަ ދަންނަވާން. ކަލާ ކަންބޮޑުވެވަޑައިގެން އުޅުއްވާ ސަބަބު އަޅުގަނޑަށް އެނގޭ. އަންދަލުސުގެ ކޮންމެ ރަށެއްގައި ތިއްބަވައިގެންވެސް ތިޔަބޭފުޅުންނަށް ލަވަ ވިދާޅުވެ ނާޗަރަންގީ ކުޅުއްވޭނެ."
راضى ވިދާޅުވިއެވެ. "أميــر يـوسف ރަޙުމަތްތެރިޔެއްގެ ހައިސިއްޔަތުން ވަޑައިގަންނަވާ ކަމުގައިވާނަމަ އަހަރެމެން ޖަބަލުއްޠާރިޤުން އޭނާއާ އިސްތިޤުބާލު ކުރާނަން. އެކަމަކު އޭނާ ޖަޒީރަތުލްޚަޟުރާއަށް ވެރިވެވަޑައިގަންނަވާން އުޅުއްވައިފިނަމަ ރަށުގެ ކޮންމެ ވެލިފުކަކަށްޓަކައި އަހަރެމެން އޭނާއާ ހަނގުރާމަ ކުރާނަން."
ބޭރުންއައި ޒުވާނާ ހީނލައިފައި ޖަވާބު ދިނެވެ. "ޝެހެޒާދާ! ރާޒުވާ ކުޅުއްވުމާއި ހަނގުރާމަ ކުރެއްވުމަކީ ވަރަށް ތަފާތު ދެކަމެއް. أميــر يـوسف އާ ބެހޭގޮތުން ތިޔަބޭފުޅުން އޮޅިވަޑައިގެންފައި ނުތިއްބަވާތި! އޭނާ ވަޑައިގަންނަވަނީ އަލްފާންސޫއާ ހަނގުރާމަ ކުރައްވަން. ޠާއޫސާއި ރުބާބާ ކުޅޭ އަތްތަކެއްގައި ކަނޑިތައް ހުއްޓައި ފެނިވަޑައިގެންނެވި ކަމުގައިވިޔަސް އޭނާގެ ފިކުރުފުޅު ބޮޑެއްނުވާނެ. ޖަޒީރަތުލްޚަޟުރާއަށް ވެރިވުމަކީ މިހާރު ސުވާލު އުފެދޭކަމެއް ނޫން. ރަށް މިހާރުވެސް އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައި."
"ކަލާގެ މަޠުލަބަކީ؟" راضى ހައިރާންފުޅުވެވަޑައިގެން ވިދާޅުވިއެވެ.
"އަޅުގަނޑު މިދެންނެވީ މިހާރުވެސް ރަށުގެ ބަނދަރު އޮތީ އަޅުގަނޑުމެންގެ ބާރުގެ ދަށުގައޭ! އިރުއޮއްސުމުގެ ކުރީން މުޅިރަށަށްވެސް ހިނގާނީ އަޅުގަނޑުމެންގެ ބާރު! އަޅުގަނޑު މީސްކޮޅެއް ގޮވައިގެން މިއައީ أميــر يـوسف ވަޑައިގަންނަވަންވާއިރަށް މަގު އަމާންކޮށްލަން. އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިރަށުގެ މުސްލިމެއްގެ ގައިގައި ކުޑަކުޑަ ކޫރެއްވެސް ނޭޅުން. އަޅުގަނޑުގެ މީހުން ބަނދަރުމައްޗަށް ދޫކޮށްލައިފައި އެކަނިމާއެކަނި މަނިކުފާނުގެ އަރިހަށް މިއައީ، އެފިޔަވަޅެއްގެ ނަތީޖާ ތިޔަބޭފުޅުންނަށް ކުރިމަތިވާ ނުރައްކަލެއް ކަމުގައި ވެދާފަދަ އެއްވެސް ފިޔަވަޅެއް މަނިކުފާނުގެ ސިފައިންގެ މޮޔަކަމުން އެޅިޔަ ނުދޭންވެގެން. މަނިކުފާނު އިރުކޮޅަކަށް ބޭރަށް ނުކުމެވަޑައިގަންނަވާ! މަނިކުފާނުގެ ސިފައިންނަށް ޞުލްޙަވެރިކަމުގައި ތިބޭން އަންގަވާ! މަނިކުފާނަށް ރަނގަޅުވާނީ އެގޮތް!"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު