ކުރީގެ ރައީސް އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ރައީސް، މައުމޫނު އަތްޕުޅުން 29 މިލިއަން ރުފިޔާ ހޯއްދެވުމަށް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރު، ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ ސާބިތެއް ނުވި އެވެ.
ރައީސް މައުމޫނުގެ މައްޗަށް ޖާބިރު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދައްކާ ގޮތަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި އެފައިސާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލުގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެ މައްސަލައިގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޖާބިރުގެ ފަރާތުން ހުށަހެޅި ދައުވާގައި އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އެނގެން ނެތް ކަމަށާއި އަދި ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ވެސް ނެތް ކަމަށެވެ.
ރައީސް މައުމޫން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ ދައްކަވާފައި ނުވުމުގެ ސަބަބުން، ފައިސާ ބޭނުން ކޮށްގެން ކުރެވެން ހުރި އެތައް ވިޔަފާރިއަކުން ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާ ލިބުމުގެ މަގު ބަންދުވެފައިވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އެ ގެއްލުންތައް ދުވަހުން ދުވަހަށް ބޮޑުވަމުންދާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.
މި ފައިސާ ރައީސް މައުމޫނު ނެންގެވި ކަމަށް ދެ ބޭފުޅުންގެ މެދުގައި ލިޔެވިފައިވާ އެއްބަސްވުމެއް ނެތުމުން، އެ މުއާމަލާތް ހިންގިއިރު ހާޒިރުގައި އެތައް ބަޔަކު ތިބިކަން ފާހަގަކޮށް، ހެކިންގެ ގޮތުގައި އެ ފަރާތްތަކުގެ ނަންތައް ވަނީ ހުށަހަޅުއްވާފަ އެވެ.
އެގޮތުން ޖާބިރު ހުށަހަޅުއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އަދި ޖާބިރުގެ އަނބިކަނބަލުން ފާތުމަތު ދިޔާނާ ސައީދާއި ގ. ރަންހިރި އައިމިނަތު ޝަބީބާގެ ނަމެވެ.
ޚަބަރު
ޚަބަރު
ޚަބަރު