ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ޗެލްސީން ކުޅުނު އަވޭ ލެގްގައި ޕޯޓޯގެ މައްޗަށް ކުރި ހޯދައިފިއެވެ.
ޗެލްސީއާއި ޕޯޓޯ ކުޅުނު އަވޭ ލެގް ރޭ ކުޅެފައިވަނީ ސްޕެއިންގެ ސެވިއްޔާގައެވެ. އެއީ ކޮވިޑް 19ގެ ހާލަތާއި ގުޅިގެން އިނގިރޭސިވިލާތުން ޕޯޗުގަލްއަށް ދަތުރުކުރުން ހުއްޓުވާފައި އޮތް އޮތުމުގެ ސަބަބުންނެވެ. މެޗު 2-0 އިން ޗެލްސީން ކާމިޔާބު ކޮށްފައިވާއިރު، ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު މެޗުން ވެސްޓް ބްރޮމް އަތުން ބޮޑު ބައްޔެއް ވެފައި އޮތް އޮތުން ހަނދާން ނައްތާލައި އެ ޓީމުން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ހާފްގައި މޭސަން މައުންޓް ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. ހިތްގައިމު އެނބުރުމަކާއެކު މައުންޓްގެ ރަނގަޅު ނިންމާލުމެއް ގޯލުން ފެނިގެންދިޔައިރު، ދެވަނަ ހާފްގައި ޗެލްސީގެ ދެވަނަ ގޯލް ޖެހީ ބެން ޗިލްވެލްއެވެ.
ޕޯޓޯގެ ޑިފެންޑަރު ކޮރޯނާގެ ފަރާތުން ހެދުނު ގޯހެއްގެ ފައިދާ ނަގާ ޗިލްވެލް އޭނާ ޗެލްސީ ޖާޒީގައި ޖެހި ތިންވަނަ ގޯލް ޖަހައިދީފައިވާއިރު، ކްރިސްޓިއަން ޕުލިސިޗްގެ ހަމަލާއެއް ވަނީ ގޯލްގެ ދަނޑިއަށްވެސް އަމާޒުވެފައެވެ.
ޗެލްސީއާއި ޕޯޓޯ ވާދަކުރާ ދެވަނަ ލެގު އޮންނާނީ އަންނަ ހަފްތާ އަންގާރަ ދުވަހުއެވެ.