Close
ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކަށްވީ އޮފިޝަލުން ހޯދުން، އެކަންވެސް ހައްލު ވެއްޖެ: ޝަރީފު

މުއާވިޔަތު އަންވަރު

އަންނަ ހޮނިހިރު ދުވަހު މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އޮފިޝަލުން ހޯދުން ކަމަށާއި ނަމަވެސް އެކަން ވެސް ހައްލު ކުރެވިއްޖެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅިގެން ޝަރީފު "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، މި އިންތިހާބުގައި ބަހައްޓާ 700 އަށް ވުރެން ގިނަ ވޯޓު ފޮއްޓަށް 7000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ. އެގޮތުން މިފަހަރުގެ އިންތިހާބަށް މާލެއިން އެކަނި 4000 އަށްވުރެ ގިނަ އޮފިޝަލުން ތަމްރީނު ކޮށްފައިވާ އިރު، މާލެއަށް ބޭނުންވާ 2500 އޮފިޝަލުން ހަމަވީ ފަހު ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮފިޝަލުން ހޯދުން އެއީ މިފަހަރު އަޅުގަނޑުމެނަށް ދިމާވި އެންމެ ބޮޑު ޗެލެންޖު،" ޝަރީފް ވިދާޅުވި އެވެ.

މި އިންތިހާބަކީ ރެކޯޑު އަދަދަކަށް އޮފިޝަލުން ހަރަކާތްތެރިވާނެ އިންތިހާބެއްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، އޮފިޝަލުން އިތުރު ކުރަން މަޖުބޫރުވީ، އެޗްޕީއޭގެ ގައިޑްލައިނަށް ތަބާވުމުގެ ގޮތުން ކަމަށެވެ. އެއީ 500 އަށްވުރެ ގިނަ މީހުން އެއް ފޮއްޓަކަށް ވޯޓު ނުލުމަށް ބުނެފައިވާތީ ކަމަށާއި އެހެންކަމުން އިތުރު ވޯޓު ފޮށިތަކެއް ބަހައްޓަން ޖެހުމުން އެ ފޮށިތަކަށް އޮފިޝަލުން ހޯދަން ޖެހުނު ކަމަށް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ރިސޯޓުތަކުގައި ވެސް ރިކޯޑު އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން 137 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާ އިރު 274 އޮފިޝަލުން އެތަންތަނަށް ހަމަޖައްސާފައިވާނެ ކަމަށާއި ފޮށީގެ ވެރިޔާ އާއި ފޮށީގެ އެހީތެރިޔާ މާލެއިން ފޮނުވާ އިރު ބާކީ އޮފިޝަލުން ނަގަނީ އެ ރިސޯޓުތަކުން ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިހާރު އޮފިޝަލުން ހަމަވެފައި ވަނީ. ހަމަވެފައިވާ އިރު މިހާރު ވެސް ވަރަށް ބޮޑެތި އުނދަގޫތަކެއް އެބައާދޭ،" ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ބައެއް ފޮށިތަކަށް ހަމަޖައްސާފައި ތިބި ވެރިން ނުކުތުމަށް ދެކޮޅުހަދަމުން އަންނަ ކަމަށެވެ. އަދި ރިސޯޓުތަކަށް ފޮނުވާ އޮފިޝަލުން އެތަންތަނަށް ދިއުމުގެ ކުރިން ހަދާ ކޮވިޑު ޓެސްޓުން ޕޮޒިޓިވް ވުމުން ބަދަލުގައި އެހެން މީހަކު ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބައެއް ރަށްތަކުގައި ކޮވިޑް ފެތުރެމުންދާ އިރު އޭގެ ތެރެއިން ބައެއް ރަށްތަކުގައި އޮފިޝަލުން ކަރަންޓީނު ވާން ޖެހުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި އިންތިހާބު އޮންނަ ދުވަހު ދިމާވާ ކަމެއްގެ ސަބަބުން އިލެކްޝަން ކޮމިޝަނުގެ ޓާސްކު ފޯހުގެ މެންބަރެއް އޭގެ ރަށަކަށް ދާން ޖެހިދާނެ ކަމަށް ބަލައި އެކަމަށް ވެސް ތައްޔާރަށް ހުރި ކަމަށް ޝަރީފު ވިދާޅުވިއެވެ.

މި އިންތިހާބުގައި ރެކޯޑު އަދަދަކަށް އޮފިޝަލުން ހަރަކާތްތެރިވާ އިރު އެންމެ ބޮޑު ހޭދައެއް ވެސް ކުރަން ޖެހިފައިއޮތީ އޮފިޝަލުންނަށެވެ. އެކަމަށް 30 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.