ސަރުކާރުގެ އިސްވެރިޔަކާ ގުޅޭގޮތުން ކޮރަޕްޝަނުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެ މައްސަލައެއް ލަސްނުކޮށް، އަވަހަށް ބަލައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ އަރިހުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިޔުމެންޓް ގައިޑްލައިނާއި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމްވޯކު ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ވަބާ އަށަގަނެފައިވާ މިންވަރަށް ބަލާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ފިލުވައިލުމަކީ ނާދިރުކަމެއް ކަމަށާއި އެކަމަކު މިއަދު ނެރެވުނު ޕޮލިސީތައް ފަދަ ޕޮލިސީތަކާއެކު ވަގު ހިފޭނެ މެކޭނިޒަމުތައް ގާއިމު ވެގެންދާނެ ކަމަށެވެ.
ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީ އުފައްދައި މަސައްކަތް ފުޅާކޮށްފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދައި ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ. އެއާއެކު މިއަދު އެ ކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި ބެލެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޭސީސީ އާއި އޮޑިޓަ ޖެނެރަލް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެވަނީ ތަނަވަސްކޮށްދެވިފައި. އޮޑިޓަ ޖެނެރަލަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފައިސާގެ މުއާމަލާތްތައް އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން މިހާރު މި ގެންދަނީ ކުރިއަށޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ގާއިމުވެފަ ހުރުން ކަމަށާއި އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސިލް ބްލޯ ކުރާނެ ނިޒާމެއް ރައީސް އޮފީހުންވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތަށް ހުށަހެޅޭ މައްސަލަތައް އޭސީސީއަށާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީއަށް ފޮނުވައިގެންވެސް ބެލެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭސީސީގެ ރައީސް މި ރަސްމިއްޔާތުގައި އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ އިސްވެރިއަކާ ގުޅޭ ގޮތުންވެސް އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އަވަހަށް އެކަން ބައްލަވައި ދެއްވައްޗޭ. ކޮރަޕްޝަންގެ މި ވަބާއިން ދައުލަތް ސަލާމަތް ކޮށްދިނުމަށް ރެއާ ދުވާލު ބުރަކޮށް މަސައްކަތް ކޮށްދެއްވުމަކީ އަޅުގަނޑު އެދޭ ވަރަށް ބޮޑު އެދުމެއް. ދައުލަތުގެ ފައިސާއެއް ގެއްލިއްޖެނަމަ އެކަމާ އެންމެ ބޮޑަށް ހިތާމަކުރާނެ އެކަކީ ހަމަގައިމުވެސް އަޅުގަނޑު. މިފަދަ ކަންތައްތައް ހުއްޓުވަން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އަޅުގަނޑުގެ ފަރާތުން ހަމަގައިމުވެސް ލިބޭނެ،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރަކީ އަބަދުވެސް ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި ސަރުކާރު ވެރިކަމަށް އައީ އެ ވައުދާއެކު ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދު ކުރަން މި ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، މި ސަރުކާރުގެ ތަފާތުކަން ދައްކުވައިދޭ މަސައްކަތް ކަމަށެވެ.
"އުސޫލުތައް ހަރުދަނާކޮށް ނިޒާމުތައް ގާއިމު ކުރުމޭ ތަފާތަކީ. ކޮންމެ ފަންތިއެއްގެ ގިންތިއެއްގެ މީހަކަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވުނަސް އެކަން ބެލުމޭ ތަފާތަކީ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު އާއްމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި 2020 ވަނަ އަހަރު 55 ދަރަޖައިގެ ކުރިއެރުމެއް ހޯދުމޭ ތަފާތަކީ. މި ތަފާތުތަކާއެކު ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ކުންފުނިތަކުގެ އެންމެ އިސް ފަރާތްތަކަށް އިނގިލި ދިއްކުރެވޭ މައްސަލަތައް އެދަނީ ބެލެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުންފުނިތަކަކީ ދައުލަތް ހިންގުމުގެ އެންމެ މުހިއްމު އެއް ތަނބު ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު ގިނަ ހިދުމަތްތަކެއް ދެވެނީ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދު 30 އަށްވުރެ މަތީގައި އުޅޭއިރު މިއިން ކޮންމެ ކުންފުންޏަކީވެސް ރައްޔިތުންގެ ސީދާ ބޭނުންތަކާ ގުޅިފައިވާ ކުންފުންޏެއް ކަމަށާއި އެހެންކަމުން ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު ދަށްކުރުމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރަނގަޅު ޕްރޮކިއުމަންޓް ގައިޑްލައިނެއް އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"މި ސަރުކާރުގެ އަމާޒަކީ ކުންފުނިތައް ގިނަކޮށް އަދަދު އިތުރު ކުރުމެއް ނޫން. އުފެއްދުންތެރިކަމާއެކު ރަނގަޅު ހިދުމަތާއި ދެމެހެއްޓެނިވި އުސޫލުން ހިންގޭނެ ކުންފުނިތަކަށް ޖާގަ ދިނުން. އެގޮތުން މިހާރުވެސް ޖުމްލަ 17 ކުންފުންޏެއް ވާނީ އުވާލުމަށްޓަކާ ލިކުއިޑޭޝަން މަރުހަލާގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތްތަކަކީ ކުންފުނިތަކުގެ ނިޒާމުތައް ހަރުދަނާ ކުރުން ކަމަށާއި ދެފުށް ފެންނަ ޕްރޮކިއުމަންޓް ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާއިރު ކޮރޮޕްޝަނަށް މަގުފަހިނުވާނެ ގޮތަށް އުސޫލުތައް ގާއިމުކުރުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދެވޭ ކަމެއް ކަމަށެވެ. މިކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒު ވެގެން ދިއުމުން ކުންފުނިތަކުގެ މުޅި ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު