އެސްޓީއޯގެ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކާނެ އެޖެންޓުން ހޯދަން އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކުންފުނީގެ މުދާ ވިއްކުމަށް 11 އަތޮޅަކުން އެޖެންޓުން ނަގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެޖެންޓުން ހޯދާ އަތޮޅުތަކަކީ ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ޅ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ އަތޮޅު އަދި ތ. އަތޮޅުންނެވެ. އަދި ކޮންމެ އަތޮޅަކުން ދެ އޭޖެންޓުން ނަގާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

އެޖެންޓުގެ ގޮތުގައި ނަގާނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާ ބެހޭ ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކެވެ. ކޮންމެ ބަޔަކަށްވެސް ގިނަވެގެން ދެ އަތޮޅަކަށް ބީލަން ހުށަހެޅޭނެއެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނުގެ ތެރޭގައި ސިމެންތި އާއި ހިލަ އާއި ހިލަވެއްޔާއި ދަގަނޑާއި ޕުލައިވުޑް އަފި ދަގަނޑު ހޮޅި އާއި ޓިނު ހިމެނެއެވެ.