ޚަބަރު

ކަރާ، ކާށި އަދި މިރުހުގެ އަގު ކޮންޓްރޯލް ކުރަނީ

އަލީ ޔާމިން

ކަރާ، ކާށި އަދި މިރުސް ފަދަ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހަށް ވާ ވަރަށް ރާއްޖޭގައި ކާޑުގެ ބާވަތްތައް ސްޓޮކް ކުރެވިފައި އެބަހުރި ކަމަށެވެ. އަދި ރޯދަ މަހާ ދިމާކޮށް ކާޑުގެ ބާވަތްތަކާއި ފިޔާ އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގުތައް ހެޔޮ ކުރުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އެސްޓީއޯއިން މިހާރުވެސް ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް އެބަކުރޭ." މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ، ކަރާ، ކާށި އަދި މިރުސް ފަދަ ތަކެތިވެސް ކޮންޓްރޯލް އަގެއްގައި ހިފެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކަރާ ކާށި މިރުސް މިފަދަ ތަކެތީގެ އަގުތައް ރަނގަޅު ހިސާބަކަށް ކޮންޓްރޯލް ކުރުން. އެގޮތުން އެގްރޯނެޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން 363 ދަނޑުވެރިންނާއި ކޮންޓްރެކްޓް ހެދި އަމަލީ މަސައްކަތް ކުރިއަށް އެބަދޭ. ސަރުކާރުން ކައުންސިލްތަކާ ގުޅިގެން މިރުސް ކަރާ ފަދަ ތަކެތީގެ ސަޕްލައި ރަނގަޅު ކުރުމަށް ރާއްޖޭގައި ހިފެހެއްޓުމަށް މަސައްކަތް އެބަދޭ" މަބްރޫކް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކާބޯތަކެއްޗާއި ތަރުކާރީގެ ބާވަތްތަކުގެ އަގު މައްޗަށް ދެއެވެ.