އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލު ކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަންޖެހޭ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން ބާތިލުކޮށް، ދަށު ކޯޓުގެ ހުކުމް ބާތިލު ކުރަން ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް މިއަދު ހުކުމް ކޮށްފިއެވެ.
މި މައްސަލައަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނ، ރ، ބ އަދި ޅ. އަތޮޅުގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ވި އެއްބަސްވުމެއްގެ ދަށުން 1 ފެބްރުއަރީ 2010 ވަނަ އަހަރު ދީބާޖާ އިންވެސްޓްމަންޓާ ހަވާލުކުރި ނަމަވެސް، 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލްކޮށްފައިވާތީ އެކަމުގެ ބަދަލު ހޯދަން އެކުންފުނިން ކުރި އަދުވާއެކެވެ.
މި މައްސަލަ ދީބާޖާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައި، ހަ މަސް ދުވަހުގެ ތެރޭގައި 348 މިލިއަން ރުފިޔާ ދައްކައި ހަލާސް ކުރުމަށް، 23 އޮކްޓޫބަރު 2014 ގައި ދައުލަތުގެ މައްޗަށް ހުކުމްކުރިއެވެ. އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުުގައި އިސްތިއުނާފު ކުރުމުން، 28 ޖޫން 2018 ގައި ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލުކޮށްފައެވެ.
ނަަމަވެސް އެ މައްސަލަ ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓިއެވެ.
އެ މައްސަލަ ބެލުމަށްފަހު 18 އޭޕްރީމް 2019 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، އެ މައްސަލައިގައި ދީބާޖާއިން ފާހަގަކޮށްފައިވާ ގޮތުގައި ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ކޮށްފައިވަނީ އިސްތިއުނާފަށް ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަހުންނެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން ބާތިލުކޮށް، ހައިކޯޓުގެ ހުކުމް ދަމައްޓަން މިއަދު ހުކުމް ކުރީ ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ކުރި ހުކުމް ރިވިއު ކުރުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ހުށަހެޅުއްވި މައްސަލައާ ގުޅިގެން އެ ހުކުމް ރިވިއު ކުރުމަށްފަހުގައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ބެލި މި މައްސަލައިގެ، ހުކުމް އިއްވަވަމުން ބެންޗުގައި އިންނެވި އިސް ފަނޑިޔާރު އާއިޝާ ޝުޖޫން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. އެގޮތުން ހައިކޯޓުގެ ނިންމުން ސުޕްރީމު ކޯޓުން ބާތިލުކުރީ، ހައިކޯޓުން ސިވިލްކޯޓުގެ ހުކުމް ބާތިލުކުރުމުގެ ސަބަބަކަށްވި ގާނޫނީ ނުކުތާތަކާމެދު އެއްވެސް މިންވަރަކަށް ބަހެއް ބުނުމެއް ނެތި، ހަމައެކަނި އިޖުރާއީ އިއުތިރާޒެއްގެ މައްޗަށް ބިނާކޮށްގެންކަން ފާހަގަކުރެއްވިއެވެ.
ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަންޖެހޭ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި، ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓިގައި އިސްތިއުނާފު ކުރުމަށް މިއަދުން ފެށިގެން 15 ދުވަހުގެ މުހުލަތެއް ދިނުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ފަނޑިޔާރު އާއިޝާ ޝުޖޫންގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.