ކުރިއަށް މި އޮތް ރޯދަ މަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ، މި އަހަރުގެ ރޯދަ މަހާއި އެއާ ޖެހިގެން އަންނަ ޝައްވާލު މަހުގެ ހަތް ދުވަހު ބޭންކު ހުޅުވާފައި ހުންނާނީ ތިން ގަޑިއިރާއި 30 މިނަޓަށް ވީ ނަމަވެސް ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކުން 24 ގަޑިއިރު ހިދުމަތް ލިބިގެން ދާނެ ކަމަށެވެ.

ހެނދުނު 11 ގެ ކުރިން، ބޭރަށް ރުފިޔާ ފޮނުވުމަށާއި މުވައްޒަފުންގެ މުސާރަ ޖަމާކުރުމަށް ހުށަހަޅައިފި ނަމަ ހަމަ އެ ދުވަހު އެކަން ހަމަޖެހިގެން ދާނެ ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ. އެހެން ބޭންކެއްގެ ޗެކް ޖަމާ ކުރުމަށް ހެނދުނު 10އެއްގެ ކުރިން ހުށަހަޅައިފި ނަމަ އެކަން ވެސް އެ ދުވަހު ފުރިހަމަ ވާނެ ކަމަށް ވެސް ބޭނުކުން ވަނީ ބުނެފަ އެވެ. އަދި އެ ގަޑީގެ ފަހުން ހިދުމަތަކަށް އެދިއްޖެ ނަމަ އެކަން ފުރިހަމަވާނީ ޖެހިގެން އަންނަ ދުވަހު އެވެ.

މި ރޯދަ މަހުގެ ވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ގެ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. މާލެ ސިޓީގައި ބޭންކުގެ ހިދުމަތް ހޯއްދެވުމަށް ކިއުބީ އެޕް މެދުވެރިކޮށް އަންލައިންކޮށް ނަންބަރު ނަގަން ޖެހެ އެވެ.

އެކައުންޓް އޯޕެނިންގ ސެންޓަރުންނާއި ލޯން ސެންޓަރ އަދި ބިޒްނަސް ސެންޓަރތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓަށް ކަމަށް ބީއެމްއެލުން ވަނީ ބުނެފަ އެވެ.

އެބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެއެވެ.

[null](https://www.bankofmaldives.com.mv/book-appointment)

ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދިފައިވަނީ ގޭގައި ތިއްބަވައިގެން ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި

މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯއްދެވުމެވެ.