ކުޅިވަރު

ފޮޑެންގެ ގޯލާއެކު ޑޯޓުމަންޑް ބަލިކޮށް، ސިޓީން ސެމީގެ އުންމީދު ބޮޑު ކޮށްފި

މުޙައްމަދު ޝަމްޢޫން

ފަހު ވަގުތު ފިލް ފޮޑެން ޖެހި ގޯލާއެކު މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ޑޯޓުމަންޑް ބަލިކޮށްފިއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެޓީމު މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗު އެއްވަރުގެން ދަނިކޮށް، 90 ވަނަ މިނެޓުގައި ފޮޑެން ސިޓީ މޮޅުކޮށްދިންއިރު، މެޗު 1-1 އިން އެއްވަރު ވެގެން ނިމުނު ނަމަ، ޑޯޓުމަންޑަށް އަވޭ ގޯލެއްގެ ސަބަބުން ސެމީގެ އުންމީދު ބޮޑުވީހެވެ.

ރޭގެ މެޗުގެ 19 ވަނަ މިނެޓުގައި ސިޓީން ލީޑު ނަގާފައި ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކެވިން ޑިބްރޭނާގެ ގޯލަކުންނެވެ. މެޗުގައި ޑިބްރޭނާގެ ކުޅުން ފާހަގަކޮށްލެވިފައިވާއިރު، ސިޓީން ޖެހި ދެވަނަ ގޯލް ތަނަވަސްކުރުމުގައިވެސް ޑިބްރޭނާގެ ދައުރު ބޮޑެވެ.

މެޗުގެ ފުރަތަމަ ހާފް 1-0 އިން ނިމިގެން ދިޔައިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ޑޯޓުމަންޑުން ވަނީ ރެފްރީގެ ނިންމުމެއްގެ ސަބަބުން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މެޗުގެ ރެފްރީއަކަށް ހުރި ރޮމޭނިއާގެ އޮވިޑުއާ ހޭޓްގަން ޑޯޓުމަންޑުން ގޯލަށް ވައްދާލި ބޯޅައެއް ގޯލަކަށް ނުނިންމުމުން އެކަމާ އެ ކްލަބުގެ ބެންޗުންވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.

ބެލިންހަމް މަތިން ދިޔަ ބޯޅައަކަށް ކުރިއަށް ޖެހި އެޑަސަންއާ ހަމަކުރުމުން، އެޑަސަން ފައިން ޖަހާ ބެލިންހަމްއަށް ފައުލް ކޮށްފައިވާއިރު، އެ ބޯޅަ ގޯލަށް ފޮނުވާލުމުން ވަނީ އެތެރެއަށް ވަދެފައެވެ. އެހެން ނަމަވެސް ރެފްރީ ނިންމީ ބެލިންހަމް ބޯޅަ ފޮނުވާލީ އެޑަސަން ގައިގައި ޖަހާ ވައްޓާލުމަށްފަހުގައި ކަމަށެވެ. ފައުލް ދިނީ ޑޯޓުމަންޑާ ދެކޮޅަށެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ޑޯޓުމަންޑްގެ މާކޯ ރޫސް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ސިޓީން ވަނީ ހިތްވަރުކޮށް، މެޗުން މޮޅުވެފައެވެ.