ކުޅިވަރު

މިއަދުގެ މެޗަކީ ކްލަބު އީގަލްސްއަށް ތާރީހީ މެޗެއް، އޭއެފްސީ ކަޕަށް މަރުހަބާ!

މުޙައްމަދު ޝަމްޢޫން

އޭއެފްސީ ކަޕަކީ އޭޝިއާގެ ދެވަނައަށް އެންމެ މަތީ ކްލަބު ފުޓުބޯޅަ މުބާރާތެވެ. ވަރުގަދަ ގައުމުތަކުގެ، ވަރުގަދަ ކްލަބުތައް މުބާރާތުގައި ވާދަކުރާއިރު، އެ މުބާރާތުގައި ކުޅުމުގެ ޝަރަފު ލިބުމަކީ ކޮންމެ ކްލަބެއްގެ ތާރީހުގައިވެސް ލިޔެލެވޭނެ ކަމެކެވެ. އޭއެފްސީ ކަޕްގައި ދިވެހި ކްލަބުތަކަށް ވިދާލަން އުނދަގޫ ނަމަވެސް، މީގެ ކުރިންވަނީ ނިއު ރޭޑިއަންޓް ފަދަ ކްލަބުތަކުންވެސް ތާރީހީ ނަތީޖާތައް ނެރެފައެވެ. އަދި މިވަގުތު ގްރޫޕް ސްޓޭޖަށް ކޮލިފައިވެފައިވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަކީ ސަރަހައްދީ ފެންވަރުގައި ގުނާލެވޭނެ ޓީމެކެވެ.

ކްލަބަކީ ޒަމާންވީ ކްލަބެއް ނަމަވެސް، ފަހުގެ ފުޓުބޯޅަ ތެރެއަށް އީގަލްސް އަރައިގެން އައީ މަދު ދުވަސް ކޮޅެއްގެ ތެރޭގައެވެ. އީގަލްސްއިން ރީތި، ޕާސިން ފުޓުބޯޅައެއް ކުޅޭނެ ކަމަށް އެންމެންވެސް ގަބޫލުކުރާއިރު، އެ ކްލަބުގެ އެންމެ މުހިއްމު އެއް ބަޔަކީ ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމެވެ. އޭގެ ނަތީޖާވެސް ފޮންޏެވެ. އެ ކްލަބުން ވަނީ 2016 ވަނަ އަހަރުގެ ޕްރެސިޑެންޓްސް ކަޕް އުފުލާލައި، ކްލަބުގެ ތާރީހުގައި ފުރަތަމަ ބޮޑު ޓްރޮފީވެސް ކާމިޔާބު ކޮށްފައެވެ.

މިއަދު ހަވީރު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ގައުމީ ދަނޑުގައި އީގަލްސް ނުކުންނާނީ އެ ކްލަބުގެ ފުރަތަމަ އޭއެފްސީ ކަޕް މެޗަށެވެ. ޕްލިމިނަރީ ބުރުގައި ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ވެސް ވަނީ މިއަދުގެ މެޗު ހާއްސަކަމުގެ ވާހަކަ ފާހަގަ ކޮށްފައެވެ.

"އޭއެފްސީ ކަޕްގައި މިއީ އީގަލްސްގެ ފުރަތަމަ މެޗު. ގަބޫލުކުރަނީ ވަރަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ކަމަށް. ހާލަތާ އެއްގޮތަށް މިބުނަނީ. ވަރަށް ހިތްހަމަ ޖެހޭ އީގަލްސްއަށް މިފަދަ މެޗެއް ކުޅެން ލިބޭތީ. އޭއެފްސީ ކަޕް މި ރީޖަންގައި މިހާރު ކޮލިފިކޭޝަންއަށް ބަދަލުތަކެއް އައިސްފި. އެއް އިރެއްގައި ދިޔަ ހަމައެކަނި އޭއެފްސީ ކަޕްގެ މެޗެއް ކުޅެލަން ކުޅުނު އިރެއް. އެކަމަކު މިހާރު ދިވެހި ޓީމުތަކުގެ އަމާޒުހުރީ ގްރޫޕް ސްޓޭޖު ވިންކޮށް، އޭގެވެސް ކުރިއަށް ދިޔުމަށް. ފުޓުބޯޅަ ގޮސްފައިވާ ހިސާބުން ދިވެހި ޓީމުތައް އެބަހުރި އޭއެފްސީ ކަޕްގެ ބޮޑެތި މޮޅުތަކަށް ޓާގެޓް ޖަހައިގެން ކުޅޭ،" ޝާޒް ފާހަގަކުރިއެވެ.

ޝާޒް ބުނެފައިވަނީ އޭއެފްސީ ކަޕްގައި އެއްވެސް ޓީމަކާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަ ނުވާނެ ކަމަށާއި، މުބާރާތުގެ ކޮލިޓީއަށް ބަލައި، އެއީ ވަރަށް މަތީ ފަންތީގެ މުބާރާތެއް ކަމަށެވެ. ޓީމުގެ ބިދޭސީ ކުޅުންތެރިން ޓީމާ ގުޅިފައިވަނީ ދާދި ފަހުން ނަމަވެސް، ޝާޒް ބުނެފައިވަނީ އެ ކުޅުންތެރިން ފެންނަނީ ރަނގަޅަށް ކަމަށެވެ. ހާއްސަކޮށް ތިމްޕޫ ޓީމުގައި އެއްވެސް ބިދޭސީ ކުޅުންތެރިޔަކު ނެތުމުން އީގަލްސްއަށް އެއީ ފައިދާއެއް ކަމަށް ޝާޒް ފާހަގަކުރިއެވެ.

"ބިދޭސީ ހުރިހާ ކުޅުންތެރިންނާ މެދުވެސް ވަރަށް ހިތްހަމަ ޖެހޭ. ވަރަށް ބޮޑު ކުރިއެރުމެއް އެއީ އީގަލްސް ޓީމަށް އައި. ދެން ގައުމީ ޓީމަށްވެސް ކުޅޭ، މުހިއްމު ދިވެހި ކުޅުންތެރިން އީގަލްސްގައި މިތިބީ. އެހެންވީމާ އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. އީގަލްސްއަށް މިއީ އޭއެފްސީ ކަޕް ނޫނީ އިންޓަނޭޝަނަލް ލެވެލްގައި އަލަށް ކުޅެވޭ މެޗެއް ނަމަވެސް، ގައުމީ ޓީމުގައި ކުޅެފައިވާ ކުޅުންތެރިންނަށް އެއީ އާ ކަމަކަށް ނުވާނެ،" ޝާޒް ބުނެފައިވެއެވެ.

ޝާޒް އިތުރަށް ފާހަގަކުރީ މެޗަކީ އީގަލްސްއަށް ތާރީހީ މެޗެއް ކަމަށާއި، އެންމެ ބޮޑު ފައިދާއަކީ އަމިއްލަ ގައުމުގައި ކުޅުމުގެ އިތުރުން ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ހުރި ކުޅުންތެރިން ޓީމުގައި ތިބުން ކަމަށެވެ.

މެޗާއި ގުޅިގެން އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު (ކްރޯ) ބުނެފައި ވަނީ މިއަދުގެ މެޗަކީ އީގަލްސް ޖާޒީގައި ކުޅޭނެ އެންމެ ޚާއްސަ މެޗުކަމަށާއި، ކްލަބުގެ ތާރީހުގައިވެސް މިއީ އެންމެ މުހިއްމު އެއް މެޗު ކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް މެޗުން މޮޅުވާން ފޯކަސް ކޮށްފައި ހުރި ކަމަށާއި، އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ޓީމުން ކުރާނެ ކަމަށްވެސް ކްރޯ ބުނެފައިވެއެވެ.