އައްޑޫ ސިޓީގައި ތެލުގެ ރިޒާވެއް ގާއިމު ކުރައްވާނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 1 މުހައްމަދު ލަތީފު (ލަތީބެ) ވިދާޅުވެއެޖެ އެވެ.
ލަތީބެގެ ކެމްޕޭން މީޑިއާ ޓީމުން ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ "ރައްޔަތުންގެ ސުވާލަ ލަތީބެއަށް" ޝޯގައި ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން ލަތީބެ ވިދާޅުވީ، އައްޑޫ ސިޓީގެ ކަރަންޓުގެ އަގުހެޔޮ ކުރުމަށް އައްޑޫ ސިޓީގައި ތެލުގެ ރިޒާވެއް ގާއިމު ކުރުމަށް އައްޑޫ ސިޓީގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމުވެފައި ހުންނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ މޭޔަރު ކަމުގައި އަނެއްކާވެސް އައްޑޫގައި ތެލުގެ ބޮޑު ރިޒާވެއް ގާއިމު ކުރާނަން. މަދުވެގެން އެއް އަހަރު ނުވަތަ ދެއަހަރު ދުވަހުގެ ތެޔޮ ރައްކާ ކުރެވޭނެ ސްޓޯރޭޖެއް ގާއިމު ކުރާނަން. އޭގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިހާރު ފޯރުކޮށްދެވޭ ކަރަންޓުގެ އަގު ބޮޑުތަނުން ހެޔޮވެގެން ދާނެ. އޭރުން ހެޔޮ އަގުގައި މަސްވެރިންނަށްވެސް ތެޔޮގަންނަން ލިބޭނެ. އަދި ވެހިކަލް ތަކަށް ބޭނުންވާ ހުރިހާ ތެލެއް އަގުހެޔޮވެގެންދާނެ." ލަތީފު ވިދާޅުވި އެވެ.
އެ ޝޯ ގައި ލަތީބެ ވިދާޅުވީ، އައްޑޫ ސިޓީއަކީ މީގެ ސާޅީސް ފަސްވަރަކަށް އަހަރު ކުރިން މިހުރިހާ ހިދުމަތެއް ލިބެން އޮތް ތަނެއް ކަމަށާއި ނަމަވެސް އެކި ސަރުކާރު ތަކުން އައްޑޫ ސިޓީއަށް އިހުމާލު ވެފައިވާ ކަމަށެވެ. މީގެ ސަބަބުން އައްޑޫ ސިޓީގެ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށް ލަތީފު ވިދާޅުވި އެވެ. ލަތީފް އިތުރަށް ވިދާޅުވީ، އައްޑޫގައި ތެލުގެ ބޮޑު ސްޓޯރޭޖެއް ބެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަކީ އެއްވެސް ހާލެއްގައި އެހާ އުނދަގޫ ކަމެއް ނޫން ކަމަށާއި އެކަން ކުރާނެ މީހުން މިހާރުވެސް އެބަތިބި ކަމަށެވެ.
"މިއީ، އެއްވެސް ހާލެއްގައި ނުކުރެވޭނެ ކަމެއް ނޫން. މިކަންތައް ވިޔަފާރީގެ އުސޫލުން ކުރުމަށް މިހާރުވެސް ކުންފުނި ތަކުން ތިބީ ތައްޔާރަށް. އެ މީހުންނާއި ގާތް ގުޅުމެއްވެސް އެބައޮތް. އަޅުގަނޑުގެ މޭޔަރުކަމުގައި މިކަން ކުރަން މައި ސަރުކާރުން ފައިސާ ނުހޯދާނަން. އެކަން ކުރާނީ ސީދާ ސިޓީ ކައުންސިލުން. އެކަމުގެ ގާބިލުކަމާއި ވިސްނުމާއި އަދި ކުރުމުގެ ތަޖުރިބާވެސް އަޅުގަނޑުގެ އެބަހުރި" ލަތީފު ވިދާޅުވި އެވެ.
ލަތީފުގެ ތަސައްވަރަކީ ސީދާ އައްޑޫ ސިޓީއަށް ތެޔޮ އެތެރެކޮށް ރައްކާކޮށް ރާއްޖޭގެ އެހެން ކަންކޮޅުތަކަށްވެސް ހެޔޮ އަގުގައި ތެޔޮ ސަޕްލައި ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމެވެ. ލަތީފުގެ ތަސައްވަރަކީ އައްޑޫ ސިޓީއަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ސިޓީއަށް ހެދުމެވެ. ލަތީފު އަންނަނީ އެކަމުގެ ތަސައްވަރު ވަރަށް ރަނގަޅަށް ހާމަ ކުރަމުންނެވެ. ކުރިމަތިލައްވާ ފައިވާ ތިން ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހަރުދަނާ ސިޔާސަތެއް މިއަދާއި ހަމަޔަށް ރައްޔިތުންނާ ހަމަޔަށް ހާމަ ކުރަމުން ގެންދަނީ އޭނާ ކަމަށް ލަތީފު ފާހަގަ ކުރައްވަ އެވެ. އަދި އިގްތިސާދީ ގޮތުން އައްޑޫ ސިޓީއަށް ތަރައްގީ ގެންނާނެ ޕްލޭން ތަކާއެކު އޭގެ ފުރިހަމަ ތަސައްވަރެއް އޮތީވެސް އޭނާގެ ކަމަށް ލަތީފު ވިދާޅުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު