ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް ކޮނުމުގެ މަސައްކަތް ކުރަމުންދަނިކޮށް ގަބުރުތަކެއް ފެނިއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް ބިން ކޮނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އެ ބިމުން މިނިކަށިތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެތަން ސާފުކޮށް މިސްކިތް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މަޖީދީ މަގުގައި ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފައެވެ. އެ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކޮށްދިނުމަށް އެދި އާންމުންގެ 1،100 އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު އިސްލާމިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް އެ މިސްކިތް ވަނީ ބަންދުކޮށްފައެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވަނީ އެ ބިމުގައި ދިހަ ބުރީގެ މިސްކިތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ މައްސަލަތަކެއް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.
ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އެސްޖޭއާ ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާއި އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ކުރީގެ ވެރިއެއް ކަމުގައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވެސް އުފުލައިފައެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި، މިހާރު ވަނީ ޝަރީއަތް ފަށައިފައެވެ.
ޒިކުރާ މިސްކިތް ކުރިން ހުރި ބިމުގައި "ދާރުލް ޒިކުރާ"ގެ ނަމުގައި ދިހަ ބުރީގެ މިސްކިތެއް އެޅުމަށް 130 މިލިއަން ރުފިޔާއަށް އެސްޖޭއާ ހަވާލުކުރީ ޖުލައި 9، 2018 ގައެވެ. އިކުއިޓީގެ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުން އެސްޖޭއަށް ވަނީ 30 މިލިއަން ރުފިޔާ ވެސް ދީފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އެސްޖޭ ކުންފުނިން މިސްކިތުގެ އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ ކަމަށް ބުނެ އެސްޖޭއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކޮށްފައެވެ.
ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން 111 މިލިއަން ރުފިޔާ ނަގައިދިނުމަށް އެސްޖޭއިން ސިވިލް ކޯޓަށް މައްސަލައެއްވެސް ވެއްދިއެވެ. އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، ދައުލަތުން އެސްޖޭއަށް ބަދަލުގެ ގޮތުގައި 111 މިލިއަން ރުފިޔާ ދޭން ނުޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު