ރޯދަ މަހާ ދިމާކޮށް ގެންނަ މުދާތައް ބާލައި ހުސްކުރުމަށް ދިމާވާ ދަތިކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ރޯދަ މަހު އެމްޕީއެލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، ކޮންމެ އަހަރަކު ރޯދަ މަހާ ދިމާކޮށް ރާއްޖެ އެތެރެކުރާ މުދާތައް ބާލައި ހުސްކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ނަމަވެސް މި ރޯދަ މަހު މިކަމަށް ހައްލެއް ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށް ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހާ އަޅާ ބަލާއިރު މި އަހަރުގެ ރޯދަ މަހުގައި ކާގޯގެ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައި ކަމަށެވެ. އެގޮތުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 15 ޕަސެންޓާއި 20 ޕަސެންޓާ ދެމެދަށް ކާގޯގެ މިންވަރު އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފާއިތުވި އަހަރުތަކުގައި ރަމަޟާން މަހު އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މުދާ ބޭލުމަށް ފަހު ރައްކާ ކުރާނެ ޖާގަ މަދުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު މިއަހަރު އެ މައްސަލައަށް ވެސް ހައްލު ލިބޭނެ ކަމަށާއި އެގޮތުން ވަގުތީ ގޮތުން އިތުރު ގުދަންތަކެއް ހަދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ރޯދަ މަހަކު ޖާގައިގެ ދަތިކަން ހައްލު ކުރެވޭނެ. މިހާރު އަޅުގަނޑުމެން ވާނީ ގުދަންތަކެއް ހަދާފައި. މި ގުދަންތަކުގައި އިތުރު ދެ ކޮންޓެއިނާ އެލޮކޭޓުކޮށްފައި. އަޅުގަނޑުމެން މިހާރު ކާގޯ ރައްކާކުރަމުންދާ ގުދަން ފުރޭ ކަމަށް ވަންޏާ އެ ދެ ކޮންޓެއިނާ ތެރޭގައި ވެސް މުދާ ގުދަން ކުރެވޭ ގޮތް މިހާރު ހުންނާނީ ހަދާފައި،" އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އެކުންފުނީގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ރޭގަނޑު 9:00 އިން މެންދުރު 1:30 އަށެވެ. އެހެންނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ހުސްކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދު ދުވަސްތަކުގައި ވެސް އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ހަލާކުވާ ޒާތުގެ މުދާ ހިފައިގެން ބޯޓެއް އަތުވެއްޖެ ނަމަ ހުކުރު ދުވަސްތަކާއި އެ ނޫންވެސް ސަރުކާރު ބަންދު ދުވަސްތަކުގައި މުވައްޒަފުން ނެރެގެން މުދާ ބޭލުމުގައްޔާއި ހުސްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މިކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު 39 މުވައްޒަފަކު ނަގައި ވަޒީފާއަށް ޓްރެއިން ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް މިކަމަށް ބޭނުންވާ 15 މުވައްޒަފުން ތަމްރީނުކޮށް މަސައްކަތަށް ނެރެފައިވާ ކަމަށާއި އަދި ބާކީ ތިބި މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މުދާ އަވަހަށް ހުސްކުރުމަށް ހުޅުމާލެ ޕޯޓަށް މުދާ ގެންދިއުމުގައި ވެސް އެމްޕީއެލުން ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފައިވާ ކަމަށާއި ހުޅުމާލެއަށް މުދާ ގެންދާ އަގު ވަރަށް ބޮޑުތަނުން ކުޑަކޮށްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.