ރާއްޖޭގެ 26 ރަށެއްގައި އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުތައް ގާއިމުކުރުމަށް ބިޑަށް ހުޅުވާލައިފިއެވެ.

ހަކަތައިގެ ދާއިރާއިން މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ "ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް" މަޝްރޫއުގެ ދަށުން ރާއްޖޭގެ 160 ރަށެއްގައި އިއާދަ ކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.

ރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އިޔާދަރަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ރ. އަދި ބ. އަތޮޅުގެ 26 ރަށެއްގައި އިޔާދަކުރަނިވި ހަކައިގެ ހައިބްރިޑް ނިޒާމުތަކެއް ޑިޒައިންކޮށް, ސަޕްލައިކޮށް އިންސްޓޯލް ކުރާނެ ބަޔަކު ހޯދަން ބިޑަށް ހުޅުވާލައިފައެވެ.

އެ ރަށްތަކުގައި ހިމެނެނީ ރ. އަތޮޅުން ދުވާފަރާއި އުނގޫފާރު ފިޔަވައި ބާކީ އޮތް 13 ރަށާއި ބ. އަތޮޅުގެ ހުރިހާ ރަށެކެވެ. އެއީ ޖުމުލަ 13 ރަށެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ, ޔޫރަޕިއަން އިންވެސްޓްމަންޓު ބޭންކު (އީއައިބީ)ގެ ފަންޑު ލިބިފައިވާ މި ޕްރޮޖެކްޓުގެ ބިޑިން މަރުހަލާ ދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންއާ އެއްގޮތަށް ކަމަށެވެ.

އެ ޕްރޮޖެކްޓަށް ބިޑު ހުށަހެޅޭނީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި މަސައްކަތް ފަށައިގެން ކުރިއަށްދާ ނުވަތަ ނިމިފައިވާ ކޮންޓުރެކްޓުތަކުން 24 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން އެފަދަ ދެ ކޮންޓުރެކްޓެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ އަދި އެއްބައި ނިމިފައިވާ ކުންފުނިތަކަށެވެ.

މިކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓަރީ ވާން ޖެހެއެވެ. ރަޖިސްޓަރޭޝަން ފީއެއްގެ ގޮތުގައި 1500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަން ޖެހޭނެ އެވެ. ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24 ވަނަ ދުވަހެވެ.

އިޔާދަކުރަނިވި ހަކަތައިގެ ހައިބްރިޑް ނިޒާމުގެ ދަށުން ރަށްރަށުގައި ސޯލާ ޕީވީ، ބެޓެރީ، ޑީސަލް ޖެނެރޭޓަރު އަދި އެނާޖީ މެނޭޖްމަންޓް ސިސްޓަމް ހިމެނޭ ހައިބްރިޑް ނިޒާމުތައް ގާއިމުކުރާނެއެވެ.

ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި 2018 ވަނަ އަހަރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ގާއިމުކޮށްފައިވާ އިންސައްތައަށްވުރެ، 2023 ވަނަ އަހަރުގެ ނިޔަލަށް 20 އިންސައްތަ އުތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ވަނީ ކަނޑައަޅައިފައެވެ.